ލަތާ މަންގޭޝްކަރް މި ދުނިޔެ ދޫކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އޭނާގެ އެތައް މިލިއަން ފޭނުންނެއް އެކަމާ ހިތާމަ ކުރި އެވެ. އުމުރުން 12 އަހަރުގައި ލަވަ ކިޔަން ފެށި ލަތާ އަކީ ވަރަށް އެކަނިވެރި އެހާމެ މަޑުމައިތިރި ހަޔާތެއް ވޭތުކުރި މީހެކެވެ. ލަތާގެ ލަވަކިއުމުގެ ކެރިއިރު 80 ވަރަކަށް އަހަރަށް ދެމިގެން ގޮސްފައި ވެއެވެ. ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ކުއްލިއަކަށް އޭނާ ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައި ދިނުން ވަނީ ހުއްޓާލާފަ އެވެ.
ލަތާގެ ފޭނުން މިކަމާ ވަރަށް ދެރަވެގެން ވެސް އުޅުނެވެ. ލަތާގެ 90 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ ކޮއްކޮ މީނާ މަންގޭޝްކަރް ނެރުނު ފޮތެއް ކަމަށްވާ "ދީދީ އައުރް މައި" (ދައްތަ އާއި އަހަރެން) ގައި ލަތާ ބޮލީވުޑު ފިލްމުތަކަށް ލަވަ ކިއުން ހުއްޓާލި ސަބަބު ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި ފަހުގެ ފިލްމުތަކުގެ މިއުޒިކް ލަތާ އަށް އެއްގޮތަކަށް ވެސް ކަމަކު ނުދެ އެވެ. އޭނާ ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައި ނުދޭން ނިންމީ އެހެންވެ އެވެ.
"ދައްތަ (ލަތާ) ލަވަ ކިޔައިދޭން އެއްބަސްވިޔަސް ވާނީ އެ ލަވައިގެ ލިރިކްސް ރީތިވެފައި މިއުޒިކާ މެދު ހިތްހަމަޖެހެންޏާ. މި ޒަމާނުގައި އުފައްދާ ވަރަށް ބާރަށް މިއުޒިކް އިންސްޓްރޫމަންޓްސް ކުޅެފައި ހުންނަ ފިލްމުތަކެއް ދައްތައަކަށް ކަމަކު ނުދޭ. އެހެންވެ ލަވަކިޔައި ނުދިނީ،" މީނާގެ ފޮތުގައި ލިޔެފައި ވެއެވެ.
ލަތާ އެންމެ ފަހުން ބޮލީވުޑް ފިލްމުތަކަށް ލަވަ ކިޔައިދީފައިވަނީ 2009 ގައި ރިލީޒްކުރި މަދުރް ބަންޑާރްކަރްގެ ފިލްމެއް ކަމަށްވާ "ޖެއިލް" އަށެވެ. އެއީ "ދާތާ ސުން ލޭ" ކިޔާ ލަވަ އެކެވެ.
ލަތާ ބޮލީވުޑް ފިލްމުތަކަށް ލަވަ ނުކިޔަސް ބައެއް ފަހަރު އަމިއްލައަށް ލަވަ ކިޔައި އަލްބަމްތައް ތައްޔާރުކޮށް ނެރެފައި ވެއެވެ.
މީނާގެ ފޮތުގައިވާ ގޮތުން ލަތާގެ ބައޮޕިކް އެއް ތައްޔާރު ކުރުމަކީ ވެސް އޭނާ ގަބޫލު ކަމެއް ނޫނެވެ.
ލަތާ މަރުވީ ކޮވިޑް-19 އިގެ ބަލި މަޑުކަމުގައި ގިނަ ދުވަސް ތަކަކު އުޅުމަށް ފަހު މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.