ބޮލީވުޑް

40 އަހަރަށް ފަހު ސަތަރޭ އާއި ރީނާގެ ބައްދަލުވުން

ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަތަކަކީ ވަރަށް ގިނައިން އިވޭ ވާހަކަ ތަކެކެވެ. މި ހުރިހާ ވާހަކަތަކެއްގެ ތެރެއިން ވެސް ޝަތުރޫގަން ސިންހާ އާއި ރީނާ ރޯއީގެ ވާހަކަ އަކީ ވަރަށް މަޝްހޫރު އަދި އެހާމެ އަސަރުގަދަ ލޯބީގެ ވާހަކަ އެކެވެ. މި ދެ ތަރިންގެ ފިލްމީ ކެރިއަރުގެ ރަން ޒަމާނުގައި 1970 އާއި 1980 ގެ އަހަރުތަކުގައި އެމީހުން އެކުގައި ކުޅުނު ފިލްމުތަކެކޭ އެއްވަރަށް އެމީހުންގެ ހަގީގީ ލޯބީގެ ވާހަކައިގެ އަޑުވެސް ގަދަވެފައި އޮތެވެ.

ކުރީގެ ފިލްމީ ބަތަލާ މުމްތާޒު ގިނަ އަހަރުތަކަކު ލަންޑަންގައި ދިރިއުޅުމަށްފަހު ވަރަށް ފަހުން މުމްބައިއަށް ދިރިއުޅުން ބަދަލުކުރި އެވެ. އަދި ބޮލީވުޑުގައި އޭނާގެ ރަން ޒަމާނުގައި އޭނާއާއެކު މަސައްކަތްކުރި އެކުވެރިންނަށް މުމްތާޒު ގޭގައި ޕާޓީއެއް ބާއްވައި އެންމެންނަށް ދައުވަތު ދިނެވެ. މި ޕާޓީން އެންމެ ފާހަގަ ކޮށްލެވުނު ކަމަކަށް ދިމާވީ ސަތަރޭ އާއި ރީނާ 40 އަހަރުފަހުން ބައްދަލުވީ ބައްދަލުވުމެވެ.

ރީނާ ހިންދީ ފިލްމުތަކަށް އަލްވަދާއު ކީތާ ވެސް 20 ވަރަކަށް އަހަރު މާޒީ ވެއްޖެ އެވެ. އަދި ދެ މީހުންގެ ލޯބީގެ ގުޅުން ކެނޑުނުތާ 40 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ.

ރީނާ އާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން ސަތަރޭ އުޅެފައި އެންމެ ފަހުން އޭނާއަށް ލަނޑުދީފައި ގޮސް މިހާރުގެ އަނބިމީހާ ޕޫނަމް އާ ކައިވެނިކުރީ އެވެ. މިކަމާ ރީނާ ހިތް ހަލާކުވެގެން ވަރަށް ގިނަ ދުވަހު އެ ހިތާމައިގައި އުޅުނެވެ. އެންމެ ފަހުން އޭނާ ކައިވެނިކުރީ އެ ދުވަސްވަރު ވަރަށް މަޝްހޫރު ޕާކިސްތާނު ކްރިކެޓް ކުޅުންތެރިޔާ މުހްސިން ޚާން އާއެވެ. މުހްސިން އާއި ރީނާއަށް އަންހެން ދަރިއަކު ލިބިފައި ވެއެވެ. ނަމަވެސް މުހްސިން އާ ކައިވެނިކޮށް ޕާކިސްތާނުގައި ރީނާ އަށް ކެއްކޮށްލެވުނީ މަދު ދުވަސްކޮޅަކު އެވެ. އެނބުރި މުމްބައި އަށް އައިސް ކޯޓުގައި ދަރިފުޅުގެ ކަސްޓަޑީ ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބު ކުރި އެވެ.

އެހާ ދުވަހު ދެ މީހުން ބައްދަލުނުވެ ތިބެފައި ކުއްލިއަކަށް އެކަކު އަނެކަކު ކުރިމަތިން ފެނުމުން ދެ މީހުންނަށް ވާނީ ކިހިނެއްތޯ ވަރަށް ގިނަ ބަޔަކު ހިތަށް އަރާނެ އެވެ. ޚާއްސަކޮށް ދެ މީހުން ވަކިވާން ޖެހުނީ ވަރަށް ހިތްދަތި ގޮތަކަކަށް ކަމަށް ވީމަ އެވެ. ނަމަވެސް އެ ދެ މީހުންނަކީ ވެސް މިހާރު ދުނިޔެ އުޅެ މުސްކުޅިވެފައި ތިބި ބައެއްކަމުން ހީކުރި ކަހަލަ އެއްވެސް ކަމެއް މި ޕާޓީގައި ދިމައެއް ނުވެ އެވެ.

ސަތަރޭ ޕާޓީއަށް ގޮސް ހުރީ އަންހެނުން ޕޫނަމް އާ އެކުގަ އެވެ. އެހެންކަމުން ރީނާ ފެނުމުން އެމީހުން ވަނީ ރީނާ ކައިރިއަށް ގޮސް ސަލާން ކޮށްލާ ހާލު އަހުވާލު އަހާލުން ފިޔަވައި އިތުރުކަމެއް ނުވި އެވެ.

މުމްތާޒުގެ މި ޕާޓީއަށް އާޝާ ޕާރެކް، ދަރުމެންދުރަ، ހެމާ މާލިނީ އަދި ވަހީދާ ރަހްމާން ފަދަ ކުރީގެ ތަރިން ދިޔަ އެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ ރީނާ އަށެވެ. ސަބަބަކީ ފިލްމު ކުޅުން ހުއްޓާލިފަހުން ރީނާ މާ ބޮޑަށް ފަލަވެގެން ގޮސް މީހުންނަށް އެއީ ރީނާކަން ނޭނގޭ ވަރު ވެފައި ހުރެފައި ކުއްލިއަކަށް އަނެއްކާވެސް މިހާރު ވަރަށް ބޮޑުތަން ހިކި ރީތިވެފައި ހުރީމަ އެވެ.