ފައިސަލް ނަސީމް

ލޯފަން ކުދިންނަށް ހާއްސަ ސޮފްޓްވެއާ "ޝާމިލުއަޑު" އިފްތިތާހުކޮށްފި

Mar 21, 2022
1

ނައިބް ރައީސް ފައިސަލް ނަސީމް، ދިވެހި ސްކްރީން-ރީޑިން ސޮފްޓްވެއާ "ޝާމިލުއަޑު" މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސޮފްޓްވެއާ އިފްތިތާހްކޮށްދެއްވުމަށްފަހު ނައިބް ރައީސް ވިދާޅުވީ މި ސޮފްޓްވެއާ އާއި އެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ސްކޫލްތެރެއާއި ސްކޫލުން ބޭރުގައި ހިންގާ ހަރާކާތްތަކުގައި އެކުދިން ޝާމިލުކުރެވޭ ވެށްޓެއް ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.

ސްކްރީން-ރީޑީން ސޮފްޓްވެއާ އަކީ މިފަދަ ސޮފްޓްވެއާ އެއް ރަސްމީ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

މި ސޮފްޓްވެއާ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.

މިމަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާނެ ފަދަ ސޮފްޓްވެއާ އެއް ފަރުމާކުރުމަށެވެ.

ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ -- ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯއެސް ގައި ބޭނުންކުރެވޭނެ އެވެ.

މިސޮފްޓެވެއާ އަކީ އޮންލައިންކޮށް އަދި އިންޓަނެޓް ކަނެކްޝަން ނެތިވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮޕްޓްވެއާ އެކެވެ.

ޝާމިލުއަޑުގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޒުއަލް އިމްޕަޔާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.