ފައިސަލް ނަސީމް

ހަނގާކުރުން ހުއްޓުވަން އެންމެންގެ އެހީ ބޭނުންވޭ: ނައިބް ރައީސް

Feb 26, 2023

ހަނގާކުރުން ހުއްޓުވޭނީ މުޖުތަމައުގެ އެންމެން އެކަން ހުއްޓުވަން އެއްބާރުލުންދީގެން ކަމަށާ، މިފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ސްމައިލްއޮން" ކެމްޕޭންގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިންތިޒާމުކުރި މިރަސްމިއްޔާތު މިއަދު ހަވީރު ކުރިއަށް ގެންދިޔައީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަހްލާގީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެ މައްސަލަތައް ހުރިކަން ގަބޫލުކޮށްގެން ކަމަށެވެ. މިގޮތުން ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން ފާހަގަކުރެއްވި އެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ނައިބް ރައީސް ވިދާޅުވީ ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވުމަކީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ނައިބް ރައީސް ވަނީ ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމައުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ވަނީ ހަނގާކުރުމަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ނައިބް ރައީސް އަށް އަރުވާފަ އެވެ.

މިޖަލްސާއަށްފަހުގައި ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، ނައިބް ރައީސް އެ ވޯލްގައި ލިޔުއްވާފަ އެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 23 އަށް، އެއްމަސް ދުވަހުގެ މިހަރަކާތްތައް ކުރިއަށް ގެންދާނީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެންނެވެ.