ފައިސަލް ނަސީމް

ތައުލީމީ ދާއިރާގެ ގިނަ ކަންކަން ހުރީ ފުރިހަމަކޮށްފައި: ނައިބް ރައީސް

Aug 7, 2022

މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު ތައުލީމީ ދާއިރާއަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވި ކަންކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ފުރިހަމަކުރެވިފައިވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ މެންދުރުފަހުގެ ދަންފަޅި ފެށުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކަންކަމަށް ރައީސް ސޯލިހް ހާއްސަ ސަމާލުކަމެއް ދެއްވައި، ތައުލީމީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ބަލިމަޑުކަމާއި އިގްތިސޯދީ ދަތިކަމުގެ ތެރޭގައިވެސް ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ބައެއް މައުލޫމާތު ހިއްސާކުރެއްވެވި އެވެ.

ނައިބް ރައީސް ވިދާޅުވީ މީގެ ކުރިން ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައި ނުވާ ފަދަ ދަތި އުނދަގޫތަކާއި ގޮންޖެހުންތަކެއް ރާއްޖެއަށްވެސް ކުރިމަތިވެފައި ކަމަށެވެ. އެހެންނަމަވެސް މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކެތްތެރިކަމާއި އެކު، ރައީސް ސޯލިހް މަސައްކަތް ކުރައްވައި ތައުލީމީ ދާއިރާއަށް، ހާއްސަކޮށް މުދައްރިސުންނަށް ރަނގަޅު މަސައްކަތު މާހައުލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ރަނގަޅު ދަރިންތަކެއް ލިބޭނެ ހަމައެކަނި ގޮތްކަން މިސަރުކާރަށާއި ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާތީ ސްކޫލުތަކަށް ބޭނުންވާ ކަންކަން ފުރިހަަކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވެވި ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް ކުރަމުންދާ ކަންކަމުގައި މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، 21 ވަނަ ގަރުނަށް ބޭނުންވާ ފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ހިތްވަރާއި ހިންމަތާ އެކު މަސައްކަތްކޮށް، މިހާރު ދުނިޔޭގައި މިއޮތް އޮއެވަރާއިއެކު ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް އެންމެން އެކުގައި ކުރާ މަސައްކަތްތަކުން ކާމިޔާބުވެގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ދިރާސީ އާ އަހަރަށް މަރުހަބާ ދަންނަވަމުން ނައިބް ރައީސް ވިދާޅުވީ އިންސާނަކަށް އެންމެ މުހިއްމު އެއްޗަކީ ތައުލީމު ކަމަށާއި، ތައުލީމު އުނގެނުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ، ޅަފަތުގެ ދުވަސްވަރު ކަމަށެވެ. އަދި ޅަފަތުގައި ދަސްކުރާ ކަންކަން މުޅި އުމުރަށް ދެމިހުންނާނެ ކަމަށާއި އެހެންކަމުން ތައުލީމު އުނގެނުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށްވެސް އެދިވަޑައިގެންނެވި އެވެ. ފަހިވިސްނުމާއި އެކު އައު އަޒުމެއް ކަނޑައަޅައިގެން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެންދާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 271 ސްކޫލެއްގައި ކިޔަވައިދެ އެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރާއިރު މީގެތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެ އެވެ. އަދި 8،300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދެ އެވެ.