މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރޯދަ މަހު ކިޔެވުން ފަށާނީ ހެނދުނު 8:30ގައި

ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދޭ ގަޑިތައް ކަނޑައަޅައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރޯދަ މަހު އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށެވެ. އެންމެ ލަސްވެގެން މެންދުރުފަހު 3:00 ގައި ކިޔެވުން ނިންމާލަންޖެހެ އެވެ.

މިނިސްޓްރީން ބުނީ ރޯދަ މަހު ކިޔަވައިދިނުމާ ގުޅޭ ކަންކަން ސްކޫލުތަކުގައި އިންތިޒާމު ކުރަންވާނީ މެންދުރުފަހު 3:00ގެ ކުރިން ކިޔެވުން ނިންމާލެވޭ ގޮތަށް ކަމަށެވެ.

ރޯދަ މަހު ކިޔަވައިދޭ ޖުމްލަ ވަގުތު މަދު ކަމުން ގަޑިއެއްގެ ދިގުމިން 45 މިނެޓަށް ވުރެ ދިގު ނުކުރުމަށްވެސް ސްކޫލުތަކަށް ވަނީ އަންގާފަ އެވެ. އެކަމަކު ރޯދަ މަހު ހުރިހާ މާއްދާއެއްވެސް ކިޔަވައިދެވެން ވާނެ ކަމަށްވެސް އަންގާފައިވެ އެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ރޯދަ މަހު ސްކޫލުގެ ކިޔެވުން ކުރިއަށްދާ ވަގުތުގައި ސްކޫލުތަކުގެ އިދާރީ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ގެންދެވެން ވާނެ ކަމަށެވެ. ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށް ވުރެ ދިގު ނުކުރުމަށާއި ރޯދަ މަހު ވަގުތަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންގާފައިވެ އެވެ.