ފީނޭންސް މިނިސްޓްރީގެ ޑިޕާޓްމެންޓްތައް އުވާލައި މުވައްޒަފުން ވަކިކުރާނީ ގާނޫނުގައިވާ ގޮތަށް ކަމަށާއި ސިވިލް ސާވިސްގައި ތިބި 55 އަހަރުން މަތީގެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން އަމަލުކުރެވެނީ ސިވިލް ސާވިސް ގަވާއިދުގެ ޗެޕްޓާ ފަހެއްގައިވާ ގަވައިދުތަކާ އެގޮތަށް ކަމަށެވެ.
ސިވިލް ސާވިސް ގާނޫނޫގެ ޗެޕްޓާ ފަހެއްގައި ބަޔާންކޮށްފައިވަނީ، ދިވެހި ސިވިލް ސާވިސްގެ އިދާރާއެއްގެ ހިނގުން ހަރުދަނާކުރުމުގެ ގޮތުން އޮނިގަނޑު މުރާޖާކުރުމާއި މަގާމު އުފެއްދުމާއި އުވާލުން، އަދި މުވައްޒަފުންގެ ވަޒީފާއަށް ބަދަލުގެނައުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެވެ.
ސީއެސްސީއިން މިހެން ބުނެ ބަޔާން ނެރެފައިމިވަނީ، ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފުން އެ މިނިސްޓްރީން ސަރުކާރުގެ އެހެން ކޮންމެސް އިދާރާއަށް ބަދަލު ކުރުމަށް ނިންމާފައިވަނިކޮށެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށާއި ސީއެސްސީއަށް ދަނީ ފާޑުކިޔަމުންނެވެ. އަދި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ހަޅުތާޅު ވެސް ކޮށްފައިވެއެވެ. ސަރުކާރުން ބުނަީ ވަކިކުރާ މުވައްޒަފުން ސަރުކާރުގެ އެހެން ވަޒީފާތަކުގައި ތިބޭނެ ކަމަށެވެ.
ސީއެސްސީއިން މިއަދު ނެރުނު ބަޔާނުގައި ސިވިލް ސާވިސްގައި ތިބި 55 އަހަރުން މަތީގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާއަކުން ފަތުރާފައިވާ ޚަބަރަށް ވަނީ ރައްދު ދީފައެވެ. އެ ބަޔާނުގައިވާ ގޮތުން އެގޮތަށް ނިންމާފައެއް ނުވެއެވެ. ސީއެސްސީއިން ބުނެފައިވަނީ 55 އަހަރުން މަތީގެ ސިވިލް ސާވިސް މުވައްޒަފުން ވަކިކުރުމަށް މިހާތަނަށް އެ ކޮމިޝަނުން ނުނިންމާ ކަމަށެވެ.