މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ހުރިހާ ޕެލެޓެއް ރޯދައިގެ ކުރިން ނެގުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓުތައް ނެގުމަށް ދެފަހަރެއްގެ މަތިން ސިޓީ ކައުންސިލުން ވަނީ މުއްދަތު ދީފައެވެ. އެ ތާރީހު ފަހަނައަޅައިދިއުމުން ކައުންސިލުގެ މުވައްޒަފުން ނެރެގެން ޕެލެޓުތައް ނަގަން ފެށީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ޕެލެޓު ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރުގެ ކޮމިއުނިޓީ ވައިބާ ގުރޫޕްގައި މުއިއްޒު މިއަދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ޕެލެޓު މިއަދުވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން އަލިކިލެގެފާނު މަގާއި ދަރުމަވަންތަ މަގާއި މަޖީދީ މަގާއި ހަނދުވަރީ ހިނގުމުން މިއަދު ޕެލެޓުތައް ނަގާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އަމާޒަކީ ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ ޕެލެޓެއް ނެގުމެވެ. އެކަމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިވަޑައިގަތެވެ.
ޕެލެޓުތައް ނެގި ނަމަވެސް އެކަން ކުރަން ނިންމާފައިވަނީ ވިޔަފާރިތަކަށް އެކަމުން ދަތިނުވާނެ ގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ޕެލެޓްތައް ނެގުމަށްފަހު ގަރާޖާއި ގުދަންތަކާއި ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕާކުކުރުން މަނާކަން އަންގައިދޭ ޑަބަލް ލައިން ކުރަހައިދޭން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.