ވިހި ދާއިރާއަކުން މާސްޓާސްއަށް ކިޔަވަން ތައިލެންޑުން ދީފައިވާ ސްކޮލާޝިޕުތަކާއި، ކޮމަންވެލްތާއި ބުރުނާއީ ދާރުއްސަލާމް އިން ރާއްޖެއަށް ދީފައިވާ މާސްޓާސްގެ ސްކޮލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ވިހި ދާއިރާއަކުން 40 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ތައިލެންޑްގެ ފަރާތުން ރާއްޖެއަށް ދީފައިވަނީ ތައި އިންޓަނޭޝަނަލް ޕޯސްޓްގްރަޖުއޭޓް ޕްރޮގްރާމް 2016 (ޓީއައިޕީޕީ) ގެ ދަށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ތައި ސްކޮލާޝިޕްގެ ދަށުން ވިހި ދާއިރާއަކަށް ސްކޮލާޝިޕް ދޫކުރާއިރު، އޭގެ ތެރޭގައި މާސްޓާސް އިން އާޓްސް، ޓެކްނޮލޮޖީ، ސައިންސް ފަދަ މުހިއްމު ދާއިރާތަކެއް ހިމެނެއެވެ. މި ސްކޮލާޝިޕް ފުރުސަތުގައި ކިޔަވަންދާ ކުދިންގެ އަތުން އެއްވެސް ހަރަދެއް ނުދާނެ އެވެ. އެހެން ނަމަވެސް ސްކޮލާޝިޕްގެ ދަށުން ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލާޝިޕްތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް، ސްކޮލާޝިޕް ދޭ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލާޝިޕް ކެންސަލްކޮށްފިނަމަ އެފުރުސަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުސަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ނުގެންގުޅޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ޓީއައިޕީޕީގެ ދަށުން ދޫކުރާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.
އަންނަ 2016 ވަނަ އަހަރަށް ކޮމަންވެލްތް އޮފްލާނިންއާ ބުރުނީ ދާރުއްސަލާމްގެ ފަރާތުން ރާއްޖެއަށް ދީފައިވަނީ މާސްޓާސްއަށް ކިޔެވޭ ފަސް ފުރުސަތެވެ. އެއީ ކޮމަންވެލްތުގެ ގައުމުތަކަށް ކޮންމެ އަހަރަކުވެސް ކޮމަންވެލްތް އޮފްލާނިންއާ ބުރުނީ ދާރުއްސަލާމްގެ ފަރާތުން ދޭ ސްކޮލާޝިޕްތަކެކެވެ. އެއީ މަތީ ތައުލީމް ދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕް ތަކެކެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި ނުވަތަ އޯގަސްޓް 2016 ގައެވެ. ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަޔަކާ ހަމައަށެވެ.