މުލީއާގޭ ކައިރިން ބޮމެއް ފެނުނު ހާދިސާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު މުލީއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ކައިރީގައި ބާއްވާފައި އޮތް އައިއީޑީއެއްގެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފައިވަނީ، މިމަހުގެ 23 އާއި 24 ހުގައި ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެމީހުން ހައްޔަރުކުރި ދުވަހެއްވެސް ނުބުނެ އެވެ. ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ތަފާތު ދުވަސްތަކުގައި ކަމަށެވެ.
މުލީއާގެ ކައިރިން ބޮމެއް ފެނުނު މައްސަލާގައި ހޯމަ މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ ބޮމަކީ ރައީސް އަބްދުﷲ ޔާމީންގެ ކާރުކޮޅު ގޮއްވާލައި އެމަނިކުފާނަށް ގެއްލުން ދިނުމަށް ރާވައިގެން ބަޔަކު އެތަނުގައި ބޭއްވި ބޮމެއް ކަމަށެވެ. އަދި އެ ބޮން ގޮވި ނަމަ އެ ސަރަހައްދުގައި ހުރި އެތައް ގެއަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ބޮން ފެނުމާއެކު އެމްއެންޑީއެފުން ވަނީ ބޮން ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް ޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ. އަދި އެ ހާދިސާއާ ގުޅިގެން މުލިއާގޭ ކައިރީގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސި އެވެ.