( 20 މާރިޗު 2022 އާ ގުޅޭ )
ޒެހެންނާއި ހަންނާނަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެމީހުން ޓެކްސީއެއް ނަގައިގެން ކައިދިންއަށް ހިފާދީފައި ހުންނަ އެޕާޓްމެންޓަށް އައެވެ. ބެލް އަޅާތާ އިރުކޮޅެއްވީ ފަހުން ދޮރު ހުޅުވިއެވެ. އެމީހެއް ބޮލުން ފެށިގެން ފަޔާ ހަމައަށް ހަންނާނު ބަލާލިއެވެ. ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި ޒުވާނެކެވެ. ހީވަނީ އޭނާ ހޭލައިގެން އެ އައީ ހަންނާނުމެން ބެލް އަޅާ އަޑަށް ހެންނެވެ. ދޮރުމަތީ ހުރެ އާ ފުރުމުގެ އިތުރުން އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
"ތީ ކާކު؟" ހަންނާނު ވަގުތުން އެއްސެވެ.
"ކޭޑީ!... ކޭޑީ!... ހުޅުވަބާ." ދޮރުގައި ތަޅައިގަންނަމުން ޒުވާނާ ގޮވިއެވެ.
ހަންނާނު ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ދޮރުހުޅުވި ޒުވާނާ އެތެރެއަށް ވަނީއެވެ. އޭނާ އައިސް ކައިދިން ނިދާފައި އޮތް ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ. ބަޔަކު އަތުވެއްޖެއޭ ބުނެ ކައިދިންއަށް ގޮވާން ފެށިއެވެ. އެހިސާބުން އެއީ ދިވެއްސެއްކަން އެމީހުންނަށް ޔަގީންވިއެވެ. ބޭރުގަ ތިބުމުގެ ބަދަލުގައި ހަންނާނު ވެސް އެޕާޓްމެންޓު ތެރެއަށް ވަނީއެވެ. އޭނާގެ ފަހަތުން ޒެހެން ވަނެވެ. އެތެރެއަށް ވަދެވުމާއެކު އެ ދެމީހުންނަށް ވެސް މޫނުކުނިކޮށްލެވުނެވެ. ދުވި ވަހުންނެވެ. ހަންނާނުގެ ނަޒަރު ގޭތެރެއަށް ހިންގާލިއެވެ. ގިނަ ބަޔަކު އެތަނުގައި އުޅެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ކައި ހުސްކޮށްފައި ހުރި ތަށިތަކާއި ލުއިކާނާ ޕެކެޓުތަކާއި ބޮއެ ހުސްކޮށްފައި ހުރި އެކިވައްތަރުގެ ދަޅުތަކެވެ. ހުދު ސޯފާތަކުގެ މެދުގައިވާ ބިއްލޫރި ކޮފީމޭޒުކައިރިއަށް ބަލާލެވުނު ހިނދު ހަންނާނުގެ ނިތަށް ރޫގިނަވެލިއެވެ. ހިތްހަމަނުޖެހިފަ ހުރިކަމުގެ ކުލަވަރު އެ މޫނުގައިވިއެވެ. ފުނިޖެހިފައި ހުރި ހުސްފުޅިތަކަކީ ކޮންކަހަލަ ފުޅިތަކެއްކަން އޭނާއަށް އެނގުނީއެވެ. ވޭތުވި ފަސް އަހަރު ތެރޭ ކައިދިންއަށް އަންގާލުމެއްނެތި މީ ހަންނާނު އައި ފުރަތަމަ ފަހަރެވެ. އޭނާއަށް އެ އެޕާޓްމެންޓުގެ ތެރެއިން ފެނުނީ ވެސް ކުރީން ނުފެންނަ މަންޒަރެކެވެ. ދަރިފުޅުގެ ހަގީގީ ދިރިއުޅުން ހުރި ގޮތް އަދިކިރިޔާ މި ފެންނަނީކަން ހަންނާނު ނުދެނަހުއްޓެވެ.
"ބަލާއެއްނު. ތި..." ދޮރުހުޅުވާލި ކައިދިންގެ އަޑު ބާރެވެ. އެ އަޑުގައި ނިދީގެ އަސަރުވިއެވެ. ދެ ލޯ ވެސް ރަނގަޅަށް ނުހުޅުވައެވެ. ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑު ތަރުތީބެއްނެތެވެ. މޫނުން ބައެއްވަނީ އިސްތަށިތަކުގެ ތެރޭ ފޮރުވިފައެވެ. ލައިގެން ހުރީ ހަރުވާޅެކެވެ. އެ ވެސް ޅިނދުން ސޮއްސައިލައިގެން ތިރިއަށް ވެއްޓެން އުޅޭ ކަހަލައެވެ. ދިގު އިސްކޮޅާއެކު ދެކޮނޑު ފުޅާވެފައި ކަސްރަތީ ހަށިގަނޑެކެވެ. ދެއަތުގައި އުފުލިފައި އޮތް މަސްގަނޑުން ބާރު ހުރި ދެއަތްކަމުގައި ދައްކުވައިދެއެވެ. ހަށިގަނޑާއި ސިފައަށް ސަމާލުކަން ދޭވަރު ކައިދިން ފެންނަ ކޮންމެ މީހަކަށް ބުނާން އެނގޭނެއެވެ.
"ކޭޑީ... އޭތް!... ބަޔަކު އައިސްގެންނޭ..." ހަންނާނުމެންނާ ފުރަތަމަ ބައްދަލުވި ޒުވާނާ ކަނާއަތުގެ ބޮޑުވައި އިނގިލިން އެމީހުންނަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އޭނާ ކައިދިން ބުނަން އުޅުނު އެއްޗެއް ފުރިހަމަވިޔަ ނުދިނީއެވެ. އެ ދުލުން ރީތި ބަހެއް ނުނިކުންނާނޭކަން އެނގޭތީއެވެ.
މޫނުމަތިން އިސްތަށިތައް އެއްފަރާތްކުރަމުން އެއް ލޯ ހުޅުވައިގެން އަނެއް ލޯ ހިމަކޮށްގެން ކަހަލަ ގޮތަކަށް ކައިދިން ބަލާލިއެވެ. އެޕާޓްމެންޓަށް ވަދެ ތިބި ދެ މީހުން ފެނި ކައިދިންއަށް ގަބޫލުކުރާން ދަތިވިއެވެ. ދެ ލޯ ބޮޑުކޮށް ބަލާލެވުނީ ޔަގީން ނުކުރެވިގެންނެވެ. ކުރިމަތީ ތިބި ދެ މީހުން އެ ތިބި ގޮތަށް އޭނާއަށް ބަލަން ތިބީތީ ފެނުނެވެ. ލިބުނު ސިހުމާއެކު ވަގުތުން ކައިދިންގެ ނިދި ފިލާއްޖެވެ. ބޮލުގެ ފަހަތަށް ވާހެން ދެ އަތުން އިސްތަށިގަނޑުގައި ފުނާ އަޅައި ރީތިކުރާން ފެށިއެވެ. ކައިދިންގެ ލޯ ވެސް ދަތުރުކޮށްލީ އެޕާޓްމެންޓު ތެރެއަށެވެ. އެތަން އޮތް ގޮތުން އޭނާ ހާސްވިއެވެ.
"ބައްޕާ!" ކައިދިންއަށް ބުނެވުނެވެ. ޅިނދުން ސޮއްސައިލާން ކައިރިވެފައި ހުރި ހަރުވާޅު މައްޗަށް ނަގައި އޭގެ ވާކޮޅު އައްސަމުން ކައިދިން އައިސް ހަންނާނު ކައިރީ ހުއްޓުނެވެ. ހަންނާނު އަނގައިންނެއް ނުބުންޏެވެ.
"ސަޕްރައިޒްޑް." މޮޔަ ހިންޏެއް އައިސްފަ ހުރެ ޒެހެން ބުނެލިއެވެ. ކައިދިންގެ ލޮލުން އެކުވެރިޔާއަށް ނުސީދާ އިންޒާރެއް ފޮނުވާލިއެވެ. ބައްޕައާއެކު ޒެހެން އައިއިރު އޭނާއަށް އަންގާނުލީމައެވެ. ޒެހެން އައިސް އެ ހުރީ ބައްޕަގެ ނުފޫޒުންކަން ކައިދިންއަށް ޔަގީންވެއެވެ. އެހެންވިޔަސް އަންނަން އުޅޭކަން ކުރީބައިގަ ޒެހެންއަށް އަންގާލެވުނީސްކަން ކައިދިން ގަބޫލުކުރެއެވެ.
"މިއައީ ބަލާ. މާލެ ދާން ތައްޔާރުވޭ." ހަންނާނު ބުންޏެވެ. ހިސާބެއްގެ ހަރުކަށިކަމާއެކުއެވެ. ބައްޕަ އެ ހުރީ ނުރުހިފައިކަން ކައިދިންއަށް ޔަގީނެވެ. ސަބަބުތައް ބައިވަރެވެ.
ގޭތެރޭގައި މީހުން ތޮއްޖެހިފައި ނެތަސް އެ ގޭތެރޭގައި ކަންތައް ހުރި ގޮތް ތަސައްވުރުކޮށްލާން ހަންނާނަށް ދަތިކަމަކަށް ނުވާނެކަން ކައިދިން ދެނަހުއްޓެވެ. ރޭވެއްޖެނަމަ ކުލަބަށް ގޮސް އުޅެފައި އެތަނުން ރައްޓެހިވާ ދެ ޖިންސުގެ ޒުވާނުންނާއެކު އެޕާޓްމެންޓަށް އައިސް ފަތިސް ވަންދެން ޕާޓީ ކުރުމަކީ އާދައެކެވެ. އަންހެން ކުދީން ގޮވައިގެން ކޮޓަރީގައި އުޅެފައި ކައިދިން ނުކުންނާނީ މެންދުރުވާފަހުންނެވެ. ބައެއް ފަހަރު އެންމެ އަންހެން ކުއްޖަކަށްވުރެ ގިނައިން ކޮޓަރިއަށް ވައްދާނެއެވެ. މެންދުރުވާފަހުން ކޮޓަރިން އެ ނުކުންނަ ގޮތަށް އެންމެން އެޕާޓްމެންޓުން ބޭރުކުރާނެއެވެ. ދެން އެވީ އޭނާ ނިދާށެވެ. އެ ދެ ލޮލުގެ އެތެރެ ދެން ފެންނާނީ އަނެއްކާ ވެސް ރޭވާ ފަހުންނެވެ. ނުވަގަޑިބައި ދިހައެއް ޖަހާލާކަން ހާއިރުއެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން އަނެއްކާ އެވީ މަޖަލުގެ ދުނިޔެއަށް އެނބުރިދާށެވެ. ބައްޕަގެ ބަހަށް ކިޔަމަންވެ އެނބުރި މާލެ ދިއުމަކީ މިހާރު ލިބިފައިވާ މިނިވަންކަމާއި މަޖަލާއި އުފަލުގެ ދުނިޔެއަށް އަލްވަދާޢު ކިޔުންކަން ކައިދިންއަށް އެނގެއެވެ. ރާއްޖޭން ބޭރުގައި ހުންނައިރު އެ ލިބޭ މިނިވަންކަން ރާއްޖެއިންނެއް ނުލިބޭނެއެވެ.
"ކައިދިން." ޒެހެން ގޮވާލިއެވެ. ހިމޭންވެފައި ހުރި ކައިދިން ޒެހެންއަށް ބަލާލިއެވެ. ހަންނާނު ބުނާ ގޮތް ހެދުމަށް ޒެހެން ވެސް ކައިދިން ގާތު ބުނާ ކަހަލައެވެ.
"ބައްޕަ އިށީންނަންވީނު." ކައިދިން ބުންޏެވެ.
"މި މުޑުދާރުތަނުގަތަ؟." ހަންނާނަށް ބުނެވުނެވެ. އިހުބުނި ރުންކުރު ރާގުގައެވެ.
ކައިދިން ނިކަން އަވަހަށް ބަދިގެއަށް ވަނެވެ. ކާމޭޒު ދޮށުން ގޮނޑި ހިފައިގެން އައެވެ. އަތުން ގޮނޑި ފުހެލާފައި ބައްޕަ ކައިރީ އިށީނުމަށް އަނެއްކާ ވެސް ކައިދިން އެދުނެވެ. މިފަހަރު ހަންނާނު ގޮސް އެ ގޮނޑީގައި އިށީނެވެ. އެއާއެކު ފެންތަށްޓެއް އަޅައިގެން ގެނެސް ބައްޕައަށް ދިއްކޮށްލިއެވެ. އެ ފެންތަށީގައި ހަންނާނު ހިފިއެވެ. ބައްޕައަށް ކައިދިން އިހްތިރާމުކުރާކަން އޭނާގެ އަމަލުތަކުން ދޭހަވެއެވެ. މައްސަލަ ޖެހެނީ ކަންކަމުގައި ޚިޔާލު ތަފާތުވާ ވަގުތުތަކުގައެވެ. ކައިދިން އުޅޭން ބޭނުންވާ މިނިވަން ގޮތް ބައްޕައަށް ކަމުނުދިއުމެވެ.
"ދުވާ ވަސް. ގައިން ތާހިރު ވެސް ނުވަނީތަ؟. ދޭ ފެންވަރައިގެން ނުކުންނަން. ނުކުމެ ފޮށްޓަށް އެއްޗެހި އަޅަންވީ. އެންމެ އަވަހަށް އޮތް ފްލައިޓުން ފުރަންވީ." ހަންނާނު އަމުރުކުރިއެވެ. ކައިދިން ކިޔަމަންތެރިކަމާއެކު ހިނގައިގަތެވެ. އޭނާގެ ވިޔާނުދާ ދިރިއުޅުން މިގޮތަށް ބައްޕައަށް ފަޅާއަރާފާނޭ ހިޔެއްނުކުރެއެވެ. އެހެންޏާ ހަންނާނު އަންނަކަން އެނގޭނަމަ އޭނާ ހުންނަނީ ތައްޔާރުވެގެންނެވެ. ވިޔާނުދާ މަގަކުން އޭނާ ނުދާކަމުގެ ޔަގީންކަން ބައްޕައަށް ދެއެވެ. އެފަދަ މަންޒަރެއް ވެސް ބައްޕައަށް ފެނުނަކަށް ނުދޭނެއެވެ.
"މަޑުކޮށްބަލަ... އެއީ ކާކު؟. އޭނާ މިތަނުން ފޮނުވާލާ." ކައިދިން ހުއްޓުވާފައި ހަންނާނު ބުންޏެވެ.
"ވިޝާން. ބައްޕައަށް ނޭނގުންތަ. ދެމީހުން މިތަނުގައި އުޅެނީ. ދެން ހުރި ކޮޓަރި އޭނާއަށް ކުއްޔަށްދިނީ." ކައިދިން ބުންޏެވެ.
"ކީއްކުރަން އޭނާ މިތަނަށް އައީ؟. ވަހީދަށް އެނގޭތަ؟." ހަންނާނަށް ބުނެވުނެވެ.
ވިޝާންއަކީ ކާކުކަން ހަންނާނަށް އެނގިއްޖެއެވެ. ކައިދިންއާއެކު ކިޔަވަން އުޅުނު ޒުވާނެކެވެ. އަތޮޅުތެރެއަށް ނިސްބަތް ވިޔަސް އެ އާއިލާ ދިރިއުޅެނީ މާލޭގައެވެ. އެއީ ތަނަވަސް އާއިލާއެކެވެ. ވިޝާންއަކީ ކައިދިންގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. ކައިދިން ރާއްޖޭން ފޮނުވާލީ ކުއްލިއަކަށެވެ. އެހެންވިޔަސް އޭނާ ހުރި ތަނެއް ހޯދައިގެން ވިޝާން އައުމަކީ ރަނގަޅު ފާލެއްކަމުގައި ހަންނާނު ނުދެކެއެވެ. ވަހީދަކީ ވިޝާނުގެ ބައްޕައެވެ. އެކުވެރިންނަށް ނުވިޔަސް މާލެ ތެރެއިން ފެނިއްޖެނަމަ ހަންނާނުއާ ވާހަކަދައްކާނެއެވެ. ހަންނާނުއެކޭ އެއްގޮތަށް ވަހީދުގެ ވެސް އެންމެ ބޮޑު ފިކުރަކީ ފިރިހެން ދަރިފުޅު ހަރުދަނާ މީހަކަށް ނުވުމެވެ. އެކުގައި އުޅެނީ ވެސް ރަނގަޅު މަގު ދައްކައިދޭ ފަދަ އެކުވެރީންނެއް ނޫނެވެ.
"އޭނާ ދެއްކި އަދަދު އަނބުރާ އޭނާއަށް ދީ. މިތަން ދޫކޮށްލާނަންކަން އަހަރެން ވާނީ އަންގާފަ. މިރޭ އަންނާނެ ތަނުގެ ވެރިވިމީހާ." ހަންނާނު ބުންޏެވެ. ދަރިފުޅު ބަލާ އައިއިރު ހަންނާނު ވެސް އުންމީދުކޮށްގެން ހުރީ މިވަގުތު އޭނާއަށް އެ ފެންނަމުންދާ ފަދަ މަންޒަރެއް ދުށުމަކަށް ނޫނެވެ. އިތުރު އެއްޗެއް ހަންނާނު ނުބުނުމުން ކައިދިން ހިނގައިގަތީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ޒެހެން އެ ކޮޓަރިއަށް ވަނެވެ.
"ކޭޑީ ކަލެއަށް ކެތްވޭތަ؟ މިތަން ހީވަނީ ދުންފަތްގަނޑެއްހެން." ކޮޓަރީގައި ހަރުލާފައި ހުރި ދުންފަތް ވަހުން ޒެހެން ނޭފަތުގައި ހިފަހައްޓާލިއެވެ. އެނދުގެ އަރިމަތީ މޭޒުގައި ބަހައްޓާފައިވާ އަޅިކެނޑީގައި ސުއްޓާއެއްގެ އެއްބައި އޮތެވެ. އޭގެ ކައިރީ ސުއްޓާތައް އެޅި ލަކުޑިފޮށްޓާއި ރިހިކުލައިގެ ލައިޓަރު އޮތެވެ. ހީވަނީ އަޅިކެނޑީގައި އޮވެ އޭގެ އަމިއްލަ ޒާތުގައި ސުއްޓާ ހުލިވެފައި އޮތް ހެނެވެ.
"ވަޓް ދަ ހެލް ޒެހެން. އެޓްލީސްޓް މަށަށް ހެޑްސްއަޕްއެއް ދިންނަމަ. މިވީ ގޮތުން ދެން ނުގޮހެއްނުވާނެ. ޝިޓް! ޝިޓް! އައި ބްލޭމް ޔޫ. މިފަހަރު އަހަރެންގެ ލަފުގަ ހިފައި ދަމަމުން ވިޔަސް ގެންގޮސް ފްލައިޓަށް އަރުވާނެ. ޖަލެއްގަ އޮތަސް މާރަނގަޅުވާނެ. އަދި ތި އައީ ވެސް އެންމެ ނުބައި ވަގުތު." ކައިދިން ބޮލުގައި އަތް ހާކަމުން ދެކޮޅަށް ހިނގިއެވެ.
"ކައިދިން. އެބައެނގޭތަ ތިކިޔޭ އެއްޗެއް. މައިންބަފައިން ދަރީންނަށް މިނިވަންކަންދެނީ ހިތުހުރި ގޮތަކަށް އުޅޭކަށްނޫން. އަހަރެމެންނަކީ މިހާރު ނުވިސްނޭ ކުޑަކުދީންނޭ އެކަކުވެސް ނުބުނާނެ. ހަންނާނުބެ ކައިދިންދެކެ ލޯބިނުވެޔޭ ނުބުނެވޭނެ. ކައިދިންގެ ތި އަރާމު ދިރިއުޅުމަކީ ހަންނާނުބެގެ ބުރަ މަސައްކަތް. އެއްވެސްކަމެއް އަބަދަށް އެއްގޮތެއްގައި ނޯންނާނެ އެކަމަށް މަސައްކަތް ނުކުރާނަމަ. ފައިސާ ހޯދަން މަސައްކަތް ކުރާން ޖެހޭ. ފަހަށް ރައްކާކުރާން އެބަހެޖޭ. ހޭދަކުރުމުގައި އިސްރާފު ކުޑަކުރަންޖެހޭ. މިކަން މިގޮތަށް ނުވާނަމަ ލިބިފައިވާ ތަނަވަސްކަން ގެއްލި އަތްމަތި އެއްކޮށް ހުލިވެދާނެ. ހަންނާނުބެ ވަރަށް ކެތްކޮށްފި، ކައިދިންއަށް ފުރުސަތު ވެސް ދީފި. މިހާރު ދެން ހަރުކަށިކަން ޚިޔާރު އެކުރީ އިތުރުގޮތެއް ނެތިގެން. އެހެންވީމަ ބަސްއަހައިގެން ހިނގާ. އަހަރެން ވެސް މިހާރު ދޮންބެއާއެކު ކޮމްޕެނީގަ މި ވޯކް ކުރަނީ. ކައިދިން ވެސް އައިސް އަހަރެމެންނާއެކު ވޯކް ކުރާނީ. އޭރުން އެންމެން އެއްކޮށް އުޅޭން ފެށީމަ މަސައްކަތަށް ވެސް ލޯބިޖެހިދާނެ. ފަށާއިރު ނޭނގުނަސް މަޑުމަޑުން ދަސްވާނެ. އަހަރެން ވެސް ދޮންބެ ކައިރިން ޓްރެއިންވީ."
"ޓީޗަރުކަން ދޫކޮށްލަބަލަ. ތަޤްރީރު ނުދިނަސް އޯކޭ. އަންނާނަން ފެންވަރައިގެން. ނޫނީ މަށާއެކީ ފާޚާނާއަށް ވަންނަންތަ ވަދެ ތިއިނީ." ސަމާސާގެ ރާގުގައި ކައިދީން ބުންޏެވެ.
"ތިކަހަލަ ސަމާސާ އަޑުއިވޭ މީހަކަށް އެ ދެވެނީ ހާދަ ނުބައި މެސެޖެކޭ. އަހަރެންގެ އަނބިމީހާ ހުރިހާ ގޮތަކުން ވެސް ފުރިހަމަ. ތަޤްވާވެރި އަންހެނަކު ލިބުމުން އެ ލިބޭ ހިތްހަމަޖެހުން ކޮންމެ ކޮންމެ މީހަކަށް އަންޑަސްޓޭންޑެއްނުވާނެ. މިކަހަލަ ލޯތްބެއް ދެން އެހެން މީހަކުދެކެ ނުވެވޭނެ. ކައިދިން ވެސް ވީ ތި ފީކަޅާގޮތް ދޫކޮށްލާފަ ބައްޕަގެ ބަސް އަހައިގެން ދިރިއުޅުމެއް ފަށަން." ޒެހެން ބުނެލިއެވެ.
"ޒެންއާ ހެދި މަށަށް ވެސް ބައްޕަ ހޯދާނީ އެކަހަލަ ނިންޖާއެއް ކަންނޭނގެ. މެރީ ކުރާފަހުން އޭނާގެ ހިއްސުމަދުކަން އެނގިއްޖެއްޔާ ދެނޯ. މީހުންނަށް ވަސް ދުވާ ފާނެތީ ސެންޓެއް ވެސް ނުޖަހަޔޯ އެކަހަލަ މީހުން. ދެން ވިސްނާލާ ދުވާނެ ބަބުރުވަސް." ކައިދިން މިހެން ބުނެ އަނގަ ހުޅުވާލައި އަނގަޔަށް ޝަހާދަތް އިނގިލި ކޮށްޕާލާހެން ހަރަކާތްކޮށްލުމާއެކު އޯކަށް ދެމޭގޮތް ދައްކާލިއެވެ. އެހާ ވެސް ފަކުރު ހިޔާލަކަށް އެ ހިޔާލު އޭނާއަށް ވަނީއެވެ. އެކުވެރިޔާގެ ނުވިސްނޭކަމާއި ނޭނގޭކަމުގެ މައްޗަށް ޒެހެން ހަމައެކަނި ބޯހޫރާލީއެވެ.
ޒެހެން ކޮޓަރިން ނުކުތީ ކައިދިން ފާޚާނާއަށް ވަނީމައެވެ. އޭނާ ނުކުތްއިރު ހަންނާނު ހުރީ ފޯނެއްގައެވެ. ކަޅު ކުލައިގެ ބޮޑު ޑަސްބިން ކޮތަޅެއް ހިފައިގެން އެޕާޓްމެންޓު ސާފުކުރުމުގައި ވިޝާން އުޅެއެވެ. ޒެހެން އައިސް އެހީވާން އުޅުމުން އޭނާ އެކަން ހުއްޓުވިއެވެ. އެ އެޕާޓްމެންޓް ފެނުމުން ޒެހެންގެ ހަނދާންތައް އާވިއެވެ. ކައިދިން ރާއްޖޭން ބޭރަށް އައިއިރު ޒެހެންގެ ކިޔެވުން ނުނިމެވެ. ކައިދިން އެކަނި ނުބަހައްޓަންވެގެން ކައިދިންއާ ދެ ޒުވާނުންނަށް ދަތިކަމެއްނެތި އުޅެވޭނެހެން އެ އެޕާޓްމެންޓް ހިފައިދިނީ ހަންނާނެވެ. އެތަނުގައި ޒެހެންގެ ކިޔެވުން ނިމި ދުވަސްކޮޅު ކައިދިންއާއެކު ދިރިއުޅުނެވެ. ކައިދިންގެ އުޅުން ހުންނަ ގޮތް ދަސްވީ އެހެންވެއެވެ. އަދި ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދުނީ ވެސް އެހެންވެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކައިދީން އިތުބާރުކުރާ ނުހަނު ލޯބިވާ އެކުވެރިއަކަށް ޒެހެން ވެއެވެ. އުމުރުން ޒެހެންއަށްވުރެ ދޮށްޓަސް މާބޮޑު ފަރަގެއް އުމުރުގައި ނެތެވެ.
ކޮޓަރިން ކައިދިން ނުކުތުމާއެކު ފިރިހެން ސެންޓުގެ ވަސް އެންމެންގެ ނޭފަތުގައި ހިފާލައިފިއެވެ. ހުދު ޓީޝާޓަކާއި މުށިކުލައިގެ ޖިންސެއްގައި އޭނާ ހުރިއިރު އިސްތަށިގަނޑު ވެސް ހުރީ އޮމާންކުރެވިފައެވެ. ތުނބުޅިމަތިމަސް ބަހައްޓާފައި ހުރިއިރު އޭނާގެ ފިރިހެންވަންތަކަން އިތުރުވެއެވެ. ބޭފުރުގެ ރީތިކަމަށް ބަލާނަމަ އޭނާއަކީ މީހުންގެ ސަމާލުކަން އަތުލާފަދަ ރީތިކަމެއް ލިބިފައިވާ ފިރިހެނެކެވެ. އޭނާގެ ކަޅުކަން ގަދަ ވަރުގަދަ ފަން އިސްތަށިގަނޑާއި ވާހަކަދައްކާއިރު އަޑުގައި ހުންނަ ބަރުގޮތުން އަންހެން ކުދީންގެ މެދުގައި އޭނާ އިތުރަށް މަގުބޫލެވެ. ކައިދިންގެ ވައަތުގައި އަޅާލައިފަ އޮތީ އަގުބޮޑު "ލިމިޓެޑް އެޑިޝަން" ގަޑިއެކެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް އޭނާ އަގު ކުރާނަމަ އޭނާއަކީ މަހުޖަނެއް ފަދައެވެ.
"ކޮބާ ވިޝާން." ޒެހެންނާއި ހަންނާނު އެކަނި ފެންނަން ތިބުމުން ކައިދިން އަހާލިއެވެ. އޭނާ ނުކުންނަން ވާއިރަށް ބައްޕަ ވިޝާން ބޭރުކޮށްލީބާއޭ ކައިދިން ހިތަށް އެރީއެވެ. ހަންނާނު ނުރުހިފައި ހުރިވަރުން އެފަދަ ކަމެއްކޮށްފާނޭކަން ކައިދިންއަށް އެނގެއެވެ.
"ކޮޓަރީގަ. އޭނާ ވެސް ތައްޔާރުވަނީ. އޭނާއަށް ޗެކެ ދީފިން. އަހަންނަށް އެނގޭ ކައިދިންގެ އަތަކު އަނބުރާ ދޭނޭ އެއްޗެއް ނެތްކަން. އިރުކޮޅަކުން ކާއެއްޗެހި އަންނާނެ. ދަންވަރު އެބައޮތް ފްލައިޓް. ޖާގަ ވެސް ލިބިއްޖެ. ޒެންއާއެކު ގޮވައިގެން ގޮސް ފޮށި ތައްޔާރުކުރާން ފަށާ."
"މަޑުކޮށްބަލަ ބައްޕާ!. ތިހާ އަވަސްއަރުވާނުލިޔަސް އަހަރެން ދާނަމޭ." ކައިދިންއަށް ކުއްލިއަކަށް ބުނެވުނެވެ.
"ބައްޕަ މަޑުނުކުރަންތަ؟. ކައިދން ބުނެބަލަ. ކިހާ ދުވަހެއް މިވަނީ؟. އެހެންވީމަ ބައްޕައަށް މަޑުކުރެވިއްޖެއެއްނު. މިތާގަ އެންމެ ހިނދުކޮޅަކަށް ވެސް މަޑުކުރުމުގެ ބޭނުމެއް އެބައޮތްތަ؟. ކައިދިން މިތަނުގައި ނިންމަންޖެހޭ ކަމެއް އޮތީތަ؟. ބައެއްގެ އަތުން ފައިސާތަކެއް ނަގައިގެންތަ ތިއުޅެނީ؟." ހަންނާނު ވާހަކަދެއްކިއެވެ.
"ދަރަންޏެއް ނޯންނާނެ." ކައިދިން ނިކަން އަވަހަށް ބުނެލިއެވެ. އަދި އޭނާ ގޮސް ވިޝާން ހުންނަ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ޓަކިދިނެވެ. ވިޝާން ދޮރު ހުޅުވުމުން އެ ކޮޓަރިއަށް ކައިދިން ވަނެވެ. ދޮރު ލައްޕާފައި ހުރުމުން އެ ދެމެދުގައި ދެކެވުނު ވާހަކައެއް ހަންނާނާއި ޒެހެންއަކަށް ނޭނގެއެވެ.
ބެލް އަޅާ އަޑަށް ޒެހެން އައިސް އެޕާޓްމެންޓުގެ މައި ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ އަންހެން ކުއްޖެކެވެ. ޒެހެން ފެނުމުން އޭނާ ބަދަލުކޮށްލީ މާނަވީ ހިނިތުންވުމެކެވެ.
"ވާއު! ކުރިއަކުން ނުދެކެން... ކައި ނުބުނޭ މިރޭ މެހެމާނަކު އަންނަ ވާހަކައެއް. އެހެންވިޔަސް އޯކޭ. ވަރަށް ފިރިހެން. މިރޭގެ ބާކީބައިގަ ތި ރީތިކަން އިތުރަށް ބަލާލާ ހިތްވެއްޖެ." އިނގިރޭސި ބަހުން އެ އަންހެންކުއްޖާ ވާހަކަދެއްކިއެވެ. މަސްތުކަން އެކުލެވިފައިވާ ފަދައަކުންނެވެ. އަނގައިގަ އޮތް ޗުއިންގަމުން ބޮތްކެއް އަރުވާލައި ބޮކި ގޮއްވާލިއެވެ. ދެން ރަތްކުލަ ޖައްސާފައިވާ ތުންފަތުގައި ދޫ ހާކާލުމާއެކު އެ އަންހެންކުއްޖާ އުޅުނީ ޒެހެންގެ މޭގައި އަތްލާށެވެ. އޭނާގެ ނިޔަތް އެއީ ރޭގަނޑު ފަދައިން ޒެހެންއަށް ދެނެގަންނަން އެނގުނެވެ. (ނުނިމޭ)