ސާފް ސުޒުކީ ކަޕް

ސެމީ އަށް ދިޔައީ ކުޅުންތެރިންގެ މަސައްކަތުން: ކޯޗު

ކުޅުނު ފުރަތަަމަ ދެ މެޗުން މޮޅުވެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިޔައީ ކުޅުންތެރިންގެ މަސައްކަތުން ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުޒީލޭންޑްގެ ކުރީގެ ގައުމީ ކޯޗު ބުނީ ޒުވާން ކުޅުންތެރިންނާއި މުޅި ޓީމު މޮޅުވާން ބޭނުންވެގެން ކުޅުނުކަން މެޗުގައި ފެނިގެން ހިނގައްޖެ ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ކާމިޔާބީއެއް. ކުޅުންތެރިން ވިސްނުމާއި ކަންތައްތައް ރަނގަޅުވީމަ މި މެޗުން މޮޅުމިވީ. އަހަރެން ޔަގީންކުރިން (1-1 އިން) އެއްވަރުވީމަ ވެސް މޮޅުވާނެ ކަމަށް،" ނާއިޒް ހަސަން އާއި އަހުމަދު ނާޝިދު އަދި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ލަނޑު ޖަހައިގެން މޮޅުވި މެޗަށް ފަހު ބުންޏެވެ. ބަނގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނީ ބަނގްލަދޭޝް ޓީމުން ފެނިގެންދިޔައީ އެ ގައުމުގެ ލީގުގައި ވެސް ފެނިގެންދާ މަންޒަރު ކަމަށެވެ.

"ލީގުގައި ވެސް ވަނީ މިގޮތް. ލަނޑު ޖަހާފައިވަނިކޮށް ދެން ލީޑު ގެއްލިއްޖިއްޔާ އެ މެޗެއް ދަނީ މިކަހަލަ ގޮތަކަށް. އެކަން ގައުމީ ޓީމުގައި ތަކުރާރުމިވީ،" ކުޅުނު ދެ މެޗުން ވެސް ބަލިވުމުން މުބާރާތުން ބަލިވި ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ އެންމެ ފަހުގެ ތިން މުބާރާތުގައި ވެސް ބަނގްލަދޭޝް ސެމީ ފައިނަަލަށް ނުގޮސް ކަޓާފައިވާ ކަމަށާއި ނަމަވެސް މިއީ މުޅި ގައުމުގެ ފެންވަރުނޫން ކަމަށެވެ. އަދި މައްސަލައަކީ ޒުވާން ލެވެލްގައި ކުޅުންތެރިން ތައްޔާރުނުކުރެވުން ކަމަށެވެ.

މި ގްރޫޕުގައި އިރުއޮއްސި 6:30ގައި ކުޅޭނީ އަފްގާނިސްތާނާއި ބޫޓާނެވެ. މި މެޗުން ބޫޓާން ބަލިވެއްޖެނަމަ އެ ގައުމު ކަޓައި އަފްގާން ސެމީ އަށް ދާނެ އެވެ.