ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދަރުބާރުގޭގައި ހިންގާ ކޮވިޑްގެ މައި މަރުކަޒު ބަންދުކުރަން ނިންމައިފި

Mar 22, 2022
2

ކޮވިޑް 19ގެ މަސައްކަތްތައް މެނޭޖުކުރުމަށް މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގޭގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލުމަށް ނިންމައިފި އެވެ.

ކޮވިޑްގެ މަސައްކަތްތަކަށް ދަރުބާރުގެ ހާއްސަ ކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ދަރުބާރުގޭގައި ކުރަމުން ދިޔަ ކޮވިޑް 19ގެ މަސައްކަތްތައް ހުއްޓާލުމަށްފަހު ދަރުބާރުގޭގައި ހިންގި ކޮވިޑް މައި މަރުކަޒު މިމަހުގެ 24 ވަނަ ދުވަހު ބަންދުކުރަން ވަނީ ނިންމާފަ އެވެ.

ކޮވިޑްގެ 19ގެ މަސައްކަތްތައް ހިނގަމުން ދިޔަ ދުވަސްވަރު ކޮވިޑްގެ މަސައްކަތުގައި އުޅުއްވި ގައުމީ ޓާސްކް ފޯސް - ޓެގް ޓީމުގެ ބޭފުޅުންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ދަރުބާރުގޭގަ އެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނާ ހިއްސާކުރަމުން ދިޔަ މައުލޫމާތުތައް ގަވައިދުން ހިއްސާކުރަމުން ގެންދިޔައީ ވެސް ދަރުބާރުގޭގަ އެވެ.

ދަރުބާރުގޭގައި ހިންގާ ކޮވިޑްގެ މައި މަރުކަޒު ބަންދުކުރަން ނިންމާފައި މިވަނީ ކޮވިޑް 19އާއި ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 13 ވަނަ ދުވަހު އުވާލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައި ވަނިކޮށެވެ.