ޑރ. އަބްދުﷲ މައުސޫމް

ކަނިމީދޫގައި ރިސޯޓް ހަދަން ބީލަން ހުށައެއްނާޅާ: މައުސޫމް

ތ. ކަނިމީދޫގައި ރިސޯޓެއް ހަދަން ބީލަމަށް ހުޅުވާލި ނަަމަވެސް އެއްވެސް ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިޔުމުން ހޯއްދަވަން ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ.

ރިޔާޒް ވިދާޅުވީ ރިޒޯޓެއްގެ ގޮތުގައި ކަނިމީދޫ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލުމުން އެއްވެސް ބަޔަކު ޝައުުގުވެރިކަން ފާޅުކޮށްފައި ވޭތޯ އެވެ. އަދި އެ ރިސޯޓް ތަރައްގީކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހަކީ ކޮބައިތޯ އެވެ.

މައުސޫމް ދެއްވި ޖަވާބު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވަވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މައުސޫމް ވިދާޅުވީ ކަނިމީދު ރިސޯޓެއްގައި ތަރައްގީކުރަން މިދިޔަ އަހަރު އޭޕްރީލް މަހު ހުޅުވާލި ކަމަށާއި ނަމަވެސް ބީލަން ހުށަހެޅުމުގެ މުއްދަތު މިދިޔަ އަހަރު ޖޫން މަހު ހަމަވި އިރު އެއްވެސް ބަޔަކު ކުރިމަތިނުލާ ކަމަށެވެ.

ތިމަރަފުއްޓާއި ވޭމަންޑޫއާ ދެމެދު އޮންނަ ކަނިމީދޫއަކީ ވަރަށް ބިން ބޮޑު ރަށެކެވެ.