ސާފް ސުޒުކީ ކަޕް

ކުޅުންތެރިނަށް ކޯޗު ދީފައިވަނީ ވަރަށް ބޮޑު އިތުބާރެއް: ޝާފީ

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކޯޗު ރިކީ ހާބަޓް ދީފައިވަނީ ވަރަށް ބޮޑު އިތުބާރެއް ކަމަށް ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު ބުނެފި އެވެ.

"އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން އަހަރުމެންގެ ކޯޗަށް. ކޯޗު ކުޅުންތެރިންނަށް ކުރަނީ ވަރަށް ބޮޑު އިތުބާރެއް،" މެޗަށް ފަހު ޝާފީ ބުންޏެވެ.
އޭނާ އަދި ބުނީ ސާފް ސުޒުކީ ކަޕުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗުގައި ޓީމުގެ ޑިފެންސްލައިނުގައި މައްސަލަތައް ހުރި ކަމަށާއި އެކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރި ކަމަށެވެ.

ބ. އަތޮޅު އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ އަކީ މިވަގުތު ޓީމުގެ ފަހަތުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ ބުނީ ހެދޭ މިސްޓޭކްތައް ކުޅުންތެރިން ޖެހިގެން އަންނަ މެޗުގައި ތަކުރާރުނުކުރާނެ ކަމުގެ ޔަގީންކަން ކޯޗަށް އޮންނަ ކަމަށެވެ. އަދި އެއިތުބާރު ކޯޗުގެ ފަރާތުން ލިބެމުންދާކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ގޮސްފައިވާއިރު ބާކީ އޮތީ މާދަމާނޫން އަނެއް ދުވަހު އަފްގާނިސްތާނާއެކު ކުޅެނެ ޖެހޭ މެޗެވެ.