އަލްހާން ފަހުމީ

އަލްހާންގެ ކުންފުނިން ބީއެމްއެލް އަށް ދައުވާކޮށްފި

Mar 23, 2022
4

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ ބައިވެރިވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޕޮންޒީ ސްކީމްތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެކައުންޓެއް ޑީއެކްޓިވޭޓް ކުރުމުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާކޮށްފި އެވެ.

މިމައްސަލާގައި ކިންގްސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއީ) އެވެ.

ހަލީމް މިއަދު ވިދާޅުވީ ބީއެމްއެލްގެ މައްޗަށް ކިންގްސް ކުންފުނިން ކުރާ ދައުވާ އިއްޔެގެ ވަގުތެއްގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ﷲގެ އިރާދަފުޅާ ވާގިފުޅާއެކު 100 ޕަސަންޓް ކާމިޔާބު ލިބޭނެ،" ހަލީމް ވިދާޅުވި އެވެ.

ބީއެމްއެލް އިން ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރީ އެ ކުންފުނީގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތް ބުނެދިނުމަށް އެންގުމުން އެކަން ބެންކަށް ސާފުކޮށްދެވިފައި ނުވާތީ އެކަން އެންގުމަށްފަހު ކަމަށް ކިންގްސްގެ ހިއްސާދާރުން ކުރިން ބުނެފައިވެ އެވެ.

ކިންގްސް ކުންފުނިން ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ވެސް ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އަދި މަރުކަޒީ ބޭންކް -- އެމްއެމްއޭ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ ގޮތް ނޭނގޭ ސްކީމްތަކުގައި އިންވެސްޓް ނުކުރަން އިލްތިމާސް ކޮށްފަ އެވެ.

ކިންގްސް ކުންފުނީގެ ހިއްސާދާރުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ކުންފުނިން ބަޔަކަށް ގެއްލުންވާ ގޮތަށް އެއްވެސް ސްކީމެއް ނުހިންގާ ކަމަށެވެ. އަދި ދައުލަތުގެ މާލީ އިދާރާތަކަށް ޒަމާނީ މާލީ ނިޒާމު ނޭނގޭ ކަމަށް ވިދާޅުވެ އިދާރާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ.