އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ ނިންމާފައިވާ އެއްވުމުގައި ކުށްކުރާ ގުރޫޕްތައް ބައިވެރިކުރަން ރާވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރުދީ ފުލުހުން ދެންމެ ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް މާލޭގެ މަގުތަކާއި ޕީޕީއެމް އޮފީސް ސަރަހައްދާއި ކާނިވާ ސަރަހައްދާއި ރަސްފަންނު އަދި ބޮޑުތަކުރުފާނުމަގާއި މާލޭ ދެކުނު ފަރާތުގެ އުސްފަސްގަނޑު ސަރަހައްދުގައި ޕީޕީއެމުން ބާއްވަން ރާއްވާފައިވާ އެއްވުމަކީ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން އެބަހުރި ކަމަށެވެ.
އެހެން ކަމުން މިފަދަ އެއްވުމެއްގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރި ކަަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން މި އެއްވުން ނުބޭއްވުމަށް ޕީޕީއެމަށް އަންގާފައިވާނެ ކަމަށެވެ.
"މި ހިދުމަތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން މީހުން ގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކޮށް ރައްޔިތުންނާއި އާންމު ދަތުރުފަތުގެ ހިދުމަތަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމަށް ރޭވުމާއި މާލޭގައި އުޅޭ ކުށްކުރާ ގުރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށާއި އެެއްވުމުގެ ސަލާމަތީ ކަންކަން ބެލުމަށް ދަތިކުުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނިކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހު ހަވީރު ޕީޕީއެމުން މާލޭގައި ބާއްވަން ހަމަޖައްސާފައިވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އަންގާ ކަމަށާ އަދި އެއްވުމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގާނޫނާއި ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް ބުންޏެވެ.
މި އެއްވުމުގައި ބައިވެރިވެ ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ބަލާ ފާސްކުރާނެ ކަމަށާ އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ގާނޫނާއި އެއްގޮތަށް ސުލްހަވެރިކަަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ސަލާމަތީ ކަންކަން ބަލަހައްޓައިދޭނެ ކަމަށްވެސް ބުނެފައެވެ.