ހިޔާ މަޝްރޫއު

ހިޔާގެ ކުލި ކުޑަކޮށްދޭން އެދި 1،500 ސިޓީ

Mar 23, 2022
3

ހިޔާ ފްލެޓްތަކުގެ ވެރިންނަށް ކުލި ދެއްކުމުގައި ސަރުކާރުން ބޮޑު ލުޔެއް ދީފައި ވަނިކޮށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ހިޔާގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް އެޗްޑީސީއަށް ހުށައަޅައިފި އެވެ.

ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު އަދި މިހާތަނަށް ކުލި ނަގާފައެއް ނުވެ އެވެ. ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ކުލި ނެގުމަށެވެ.

ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓް ބިލަށް ވެސް ކުރިން ލުއި ދީފައިވެ އެވެ. އަދި ކުންޏަށްވެސް ސަރުކާރުން މިވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ.

ހިޔާ ފްލެޓްތަކުގެ މީހުންނަށް ސަރުކާރުން ލުއިތަކެއް ދީފައިވަނިކޮށް ހިޔާ ފްލެޓްތައް ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން މިއަދު ވަނީ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް އެޗްޑީސީއަށް ހުށައަޅާފައެވެ. ހިޔާ ފްލެޓްތަކުގެ ވެރިންގެ މައިގަނޑު ޝަކުވާ އަކީ ފްލެޓްތަކުގެ މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓްތައް ނިންމަން އެމީހުންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހިފައިވުމުން ދައްކަން ޖެހޭ ކުލި ބޮޑުވުމެވެ. އެމީހުންގެ އަނެއް ކަންބޮޑުވުމަކީ ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތަތަކުގެ އަގު ހިޔާ ފްލެޓްތަކުގެ އަގަށް ވުރެ ކުޑަވުމެވެ.

ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މިހާރަށް ވުރެ އިތުރަށް ކުޑަ ކޮށްދެވެން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަކު ހިޔާ ޔޫނިއަނުން ގެންދަނީ ކުރީ ސަރުކާރުން ކަނޑައެޅި 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދިނުމަށް އެދެމުންނެެވެ.

ސިޓީތަކުގައި އެދިފައިވަނީވެސް އެ އަދަދަށް ކުލި ކުޑަކޮށްދޭށެވެ. ހިޔާ ޔޫނިއަން އިން ބުނީ އަދިވެސް އިތުރު ހަތަރު ބުރެއްގެ މަތީން ސިޓީތައް އެޗްޑީސީއަށް ހުށައަޅާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 16 ޓަވަރުގައި 7،000 ފްލެޓް ހަދާފައިވާއިރު ވަރަށް ގިނަ ފްލެޓްތަކުގައި ދިރިއުޅެން ވަނީ ފަށާފަ އެވެ. މީހުން ދިރިއުޅެން މިސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.