ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ދުވަހާ ގުޅުވައިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް -- މެޓް އޮފީހުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތަފާތު ކާރިސާތައް ކުރިމަތިވެ އެކަމުގެ ސީދާ ގެއްލުންތައް ރާއްޖެ އަށް ކުރަމުންދާ ކަމަށެވެ. އެ ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން ހޯދުމަށް ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފިނިހޫނުމިން 0.23 ޑިގްރީ ސެލްސިއަސްއަށް މިދިޔަ 10 އަހަރު ތެރޭގައި މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ވޭތުދެދިޔަ 47 އަހަރުގެ ތެރޭގައި ފިނިހޫނުމިން 1.1 ޑިގްރީއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ރާއްޖެއަށް ވެހޭ ވާރެއާއި ގުދުރަތީ ފެން ފަށަލައާއި ގުޅިފައިވާތީ އެކަމުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރާނެ،" ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ޝައުނާ މިއަދު ވަނީ ރާއްޖޭގައި ވާރޭ ފެން ނެގޭނެ ސަރަޙައްދުތައް އެނގޭނެހެން މެޓު އޮފީހުން ތައްޔާރުކޮށްފައިވާ، މޯބައިލް އެޕްލިކޭޝަނާއި މެޓް އޮފީހުގެ އާ ވެބްސައިޓް ލޯންޗްކޮށްދެއްވާފަ އެވެ.
ބައިނަލްއަޤުވާމީ މީޓިއޮރޮލޮޖީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 23 ވަނަ ދުވަހެވެ.
ރާއްޖޭގައި މޫސުމާ ބެހޭ ހިދުމަތް 1940 ވަނަ އަހަރު ފަށާފައިވާއިރު މިހާރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މޫސުމާ ބެހޭ އޮފީސްތައް ވަނީ ގާއިމުކޮށްފަ އެވެ.