ފުލުހުންނަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތަހުގީގާމެދު ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑުކޮށް މައްސަލަތައް ނިންމުން މިހާރަށްވުރެ އަވަސްކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި އެގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ތަހުގީގު ކުރާ ފަރާތްތަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އަންގަވައިފިއެވެ. މައްސަލަތަކާމެދު 24 ގަޑިއިރު ތެރޭ ގޮތެއް ނިންމުމަށް ވަނީ އަންގާފައެވެ.
ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ލަފާގެ މަތިން މިމަހުގެ 17 ވަނަ ދުވަހު ސީޕީ އަރީފް އާންމު ކުރައްވާފައިވާ ދެންނެވުމުގައިވާ ގޮތުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އިތުބާރާ ޔަގީންކަން މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެގޮތަކަށް ތަހުގީގުގެ މަސައްކަތްތައް ފުރިހަމަކޮށް ތަހުގީގަތައް އަވަސް ކުރުމަށް މަސައްކަތަށް ބަދަލުތަކެއް ގެންނަވަން ވަނީ އަންގަވާފައެވެ.
ތަހުގީގުގެ މަސައްކަތްތަކަށް ގެންނަ މިބަދަލުތަކުގެ މައިގަނޑު ބޭނުމަކީ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ އަދަބުތައް ލިބިދިނުން އަވަސްކުރުމަށް ތަހުގީގުގެ ކަންކަން ފަހިކުރުމާއި، މައްސަލަތައް ކޭސްކުރުމާއިމެދު ގޮތެއް ނިންމުން އަވަސް ކުރުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން މައްސަލަތަކުގެ ތަހުގީގު ނުނިމި ދިގުލައިގެންދާނަމަ އެމައްސަލާގައި ހިމެނޭ މީހުންގެ ކުށުގެ ރެކޯޑް ސާފުނުވެ ގިނަ ދުވަސްތަކެއް ވޭތުކުރަން ޖެހުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށް ދިނުން ކަމަށް ފުލުހުން ބުނެއެވެ. "ޒުވާނުންގެ ތެރެއިން އެކި އެކި ކޯސްތަކަށް ކުރިމަތިލާ ޒުވާނުންނާ ވަޒީފާއަށް އެދޭ ޒުވާނުންނަށް މައްސަލަތައް ނުނިމުމުގެ ސަބަބުން ކުށުގެ ރެކޯޑް ސާފުނުކުރެވި އޮންނަ އޮތުމަށް ހައްލެއް ހޯދައި ދިނުން،"
ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތަކަށް ގެނެވުނު މިބަދަލާއެކު މައްސަލައެއް ފުލުހުންނަށް ހުށަހެޅޭތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި މައްސަލަ ކޭސް ކުރުމާމެދު ގޮތެއް ނިންމަން ޖެހެއެވެ. އެގޮތަށް ނިންމަންޖެހޭނީ ތަހުގީގު ކުރުމުގެ އިހުތިޞާސް ލިބިފައިވާ ޑިޕާޓްމަންޓެއްގެ ކޮމިޝަންޑް އޮފިސަރެކެވެ. އަތޮޅުތެރޭގައި ނަމަ 48 ގަޑިއިރު ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހެއެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭތާ ހަތް ދުވަސްތެރޭގައި މައްސަލަ ތަހުގީގު ކުރާ ޔުނިޓުގެ ހެޑް އެމައްސަލައިގެ ތަހުގީގުގެ މަސައްކަތް ގޮސްފައިވާ މިންވަރު ބަލައި މަސައްކަތް ޓާސްކޮށްފައިވާ މިންވަރަށް ކުރިޔަށްދާކަން ކަށްވަރު ކުރަންޖެހޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރަން ކުރަންޖެހޭ މަސައްކަތްތައް މައްސަލަ ތަހުގީގުކުރާ ފަރާތްތަށް އަންގައި ޓާސްކުކުރަން ޖެހޭނެ ކަމަށް ވެސް ތަހުގީގުގެ މަސައްކަތްތަކަށް ގެންނަ މިބަދަލުތަކުގައި ހިމެނެއެވެ.
ބަދަލުތަކުގެ ތެރޭގައި މައްސަލައިގެ ތަހުގީގު 14 ދުވަސްތެރޭގައި ނުނިމި އޮތްނަމަ ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ހެޑް އެމައްސަލައިގެ ތަހުގީގު މަސައްކަތް ގޮސްފައިވާ ހިސާބު ބަލައި މަސައްކަތު ސްޕީޑް އަވަސް ކުރުމަށް ކުރަންޖެހޭ ކަންކަން މައްސަލަ ތަހުގީގު ކުރާ ފަރާތަށާއި ސުޕަވައިޒްކުރާ ފަރާތްތަށް އަންގަންޖެހެއެވެ.
މައްސަލައިގެ ތަހުގީގުގެ މަސައްކަތް 30 ދުވަސްތެރޭގައި ނިންމިފައިނުވާނަމަ އެކަން އެޑައިރެކްޓްރޭޓުގެ ހެޑް ބައްލަވައި މައްސަލައިގެ ތަހުގީގު ނުނިމި ހުރި ހުރިކަމެއް ސާފުކޮށް ކަށަވަރު ކުރަން ޖެހޭނެ ކަމަަށާއި އެކަށީގެންވާ ސަބަބެއްނެތި މައްސަލަ ދިގުލައިގެން ގޮސްފައިވާނަމަ އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުން ވެސް އަލަށް ގެންނަ ބަދަލުތަކުގައި ހިމެނެއެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގު ގިނަވެގެން 60 ދުވަސްތެރޭގައި ނުނިމި އޮތްނަމަ އެކަން ކޮމިޝަނަރ އޮފް ޕޮލިސްގެ ސަމާލުކަމަށް ގެންނަވައި މައްސަލަ ނުނިމިހުރި އެކަށީގެންވާ ސަބަބުތައް ކޮމިޝަނަރ އޮފް ޕޮލިސްއަށް ދަންނަވަން ޖެހޭނެ ކަމަށް ވެސް މަސައްކަތަށް އަލަށް ގެންނަ ބަދަލުގައިވެއެވެ. އެކަށީގެންވާ ސަބަބެއްނެތި ތަހުގީގުގެ މަސައްކަތް ނުނިމި އޮތްނަމަ އެކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެމައްސަލަ ނިންމުމަށް ވަކި މުއަދްތެއް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް މަސައްކަތަށް ގެންނަ ބަދަލުގައިވެއެވެ.