އައިޖީއެމްއެޗް

ރާއްޖޭގެ ހިތުގެ ޑޮކްޓަރުން ހުނަރު އިތުރުކުރަން ބޮޑު ބައްދަލުވުމެއް

ރައްޖޭގައި މަސައްކަތް ކުރާ ހިތުގެ ޑޮކްޓަރުން (ކާޑިއޮލޮޖިސްޓް) ންގެ ހުނަރު އިތުރު ކުރުމަށް އައިޖީއެމްއެޗްގައި ބޮޑު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

"ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވޯކްޝޮޕް"ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތު ބައްދަލުވުން ކުރިއަަށް ގެންދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ލައިވް ޓެލެކާސްޓް މެދުވެރިކޮށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި އިންޑިއާ، ނޭޕާލް އަދި ދިވެހިރާއްޖޭގެ ހިތުގެ ހާއްސަ ޑޮކްޓަރުން ބައިވެރިވާނެ އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަަދަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކެލްސިއަމްޖަހާ ހަރުވެފައިހުރި ހިތުގެ ހޮޅިތަށް ހުޅުވުމުގައި ބޭނުންކުރާ އުކުޅުތަކާއި މިހޮޅިތަކުގެ އެތެރެ ސްކޭން ކުރުމަށް ގެންގުޅޭ ފަހުގެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ ސަބަބުން ބަލިމީހުންނަށް ދިގުމުއްދަތަކަށް ފައިދާ ކުރާލެއް ބޮޑުވެގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.