މާލޭ ސިޓީ ކައުންސިލް

މަގުމަތިން 1300 އަށް ވުރެ ގިނަ ޕެލެޓް ނަގައިފި

Mar 24, 2022

މާލޭގައި ޕާކް ކުރަން ދަތިވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ޕެލަޓްތަކުގެ ތެރެއިން 1،360 ޕެލެޓް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ހަފްތާއެއްހާ ދުވަސް ކުރި ފެށި މިމަސައްކަތުގައި މިހާތަނަށް 1،360 ޕެލެޓް ނަގާފައިވާއިރު އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން އެ މައްސަލަ ހައްލުކުރުން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުން ނަގާފައިވާ ޕެލެޓްތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޕްލާސްޓިކާއި ދަގަނޑު ޕެލެޓް ހުރި ނަމަވެސް ގިނައިން ހުރީ ލަކުޑި ޕެލެޓެވެ.

މާލޭގެ މަގުތަކުގައި ހަދާފައިވާ ޕާކިން ޒޯންތަކުގެ ޖާގަ ގެއްލޭ ގޮތަށް ފިހާރަތަކާއި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ ކުރިމަތީގައި ޕެލެޓް ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އެކަން ކުރަނީ ގިނަ ފަހަރު މުދާ އަރުވާ ބޭލުމަށާއި އެ ތަންތަނުން މުދާ ބޭރު ކުރުމަށް ބޭނުންވާ ވަގުތުތަކުގައި ވެހިކަލް ބާއްވައިގެން އެ މަސައްކަތް ކުރަން ފަސޭހަ އަކަށެވެ.

ޕެލެޓްގެ ބަހައްޓައިގެން މަގުތައް ބްލޮކް ކޮށްލުމުގެ ބަދަލުގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ބާއްވައިގެން މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަން ހިންގާ ފަރާތްތަކުން ކައުންސިލުން ދޫކުރާ "ވަކިކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ހުށަހެޅުމުން އެތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ދެ ރޮނގު ދަމައިދިނުމަށް ނިންމާފައިވެ އެވެ.

މީގެއިތުރުން މުދާ އަރުވާ ބޭލުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކުގައި މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖެއްސުމަށް އެދި ކައުންސިލަށް ހުށަހެޅުމުން އެ ސަރަހައްދު ޗެކުކުރުމަށްފަހު، އެ ތަނަކީ ސްލޮޓު ހަމަޖައްސައިދެވޭ ކަހަލަ ތަނެއް ކަމުގައިވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.