ވާހަކަ

ހިތް ރުއްސާނުތޯ

( 22 މާރިޗު 2022 އާ ގުޅޭ )

ތުންފަތުގައި ދޫ ހާކާލުމާއެކު އެ އަންހެންކުއްޖާ އުޅުނީ ޒެހެންގެ މޭގައި އަތްލާށެވެ. އޭނާގެ ނިޔަތް އެއީ ރޭގަނޑު ފަދައިން ޒެހެންއަށް ދެނެގަންނަން އެނގުނެވެ.

އަންހެން ކުއްޖާގެ އަތުގައި ހިފާލުމާއެކު ހަލުވި ފިޔަވަޅުގައި ކައިދިން ނުކުތީ އެޕާޓްމެންޓުން ބޭރަށެވެ. ލައްޕާލި ދޮރުގެ ސަބަބުން ބޭރުގައި ތިބެ އެ ދެމީހުން ދެއްކި ވާހަކައެއް މިފަހަރު ވެސް ހަންނާނާއި ޒެހެންއަކަށް ނީވުނެވެ. އެހެންވިޔަސް ކައިދިންގެ އުޅުން ހުރި ގޮތް ހަންނާނުގެ ލޮލަށް ފެންނަމުންދިޔަ ކަންކަމުން ނަގައިގަންނާން ދައްޗެއްނުވިއެވެ. އެ އެޕާޓްމެންޓަށް ވަންފަހުން ރަނގަޅޭ ބުނާނޭ އެއްވެސް ކަމެއް ހަންނާނަކަށް ފާހަގައެއް ނުވިއެވެ. ޒެހެންގެ ކުރިމަތީ ދަރިފުޅާ ދިމާއަށް އެއްޗެހި ގޮވާން ބޭނުންނުވާތީ ހަންނާނު ކެތްތެރިވިއެވެ. ދައްކަން އޮތީ ކައިދިންގެ ވިޔާނުދާ ވާހަކައެވެ. އުޅުމެއްނެތްކަމެވެ. އަމިއްލަ ދަރިފުޅުގެ އެފަދަ ވާހަކަ ދައްކަން ކޮންމެ މައިންބަފައެއްމެ ލަދުގަންނާނެއެވެ. ތަރުބިއްޔަތުގައި އުނިވީ ކޮންކަމެއްތޯ އެމީހުންގެ އަމިއްލަ ޟަމީރާ ސުވާލުކުރާން މަޖުބޫރުވެއެވެ.

ފޯނެއްގައި ޒެހެން ހުއްޓެވެ. އޭނާ އެކަހެރިކަމާއެކު ހުރެ ވީޑިއޯކޯލެއް ކޮށްގެން ހުރީ ހޫރައިންއަށެވެ. އެނބުރިދާން އުޅޭ ކަމުގެ ޚަބަރު އޭނާ ހޫރައިނަށް ދިނެވެ. ފޮށިތައް ހިފައިގެން ވިޝާން އެޕާޓްމެންޓުން ނުކުތީ އެވަގުތެވެ. އޭނާ ދާން ނުކުތުމުން ކައިދިން ބައިވެރިވިއެވެ. ޓެކްސީ އަންނަންދެން ދެ ޒުވާނުން އިމާރާތުގެ ތިރީ ގޭޓު ކައިރީ ތިއްބެވެ.

"މަވެސް މާލެ ދާން މިވިސްނަނީ." ކުއްލިއަކަށް ވިޝާން ބުންޏެވެ.

"އެޔޯ." ކައިދިން ހައިރާންވިއެވެ.

"ފުރަތަމަ ހުސެން. އޭނާ ވެސް މަންމަ ބަލިވެއުޅޭތީ ދިޔައީ. ދެން ހުރީ ކޭޑީ. ތިގޮލާ ވެސް ދާން ތިއުޅެނީ. އޭރުން މިކޮޅުގަ އަހަރެން އެކަނިވީ. އެހެންވެ ހިތަށް އެރީ މާލެ ދާންވީއޭ. މަންމަމެން ވެސް އެތިބެނީ އަހަރެން ނައިސްގެން." ވިޝާން ބުންޏެވެ.

"ތިން މަސް ކުރީން ލަންކާ ދަތުރުގަ އުވޭޒްއާ ދިމާވިފަހުން އޭނާގެ ޚަބަރެއްނުވޭ. އޭރުއްސުރެ އޭނާ ލަންކާގަކަމަށްވަނީ އުޅެނީ. މުއާ ގުޅާފަ ބުނި ރިއްޓެ މީހަކާ އިންފަހުން ދައްކާނުލައޭ. ރަނގަޅު ވަގުތެއްގަ މާލެ މިދެވެނީ. އެންމެން ކަހަލަ ގޮތަކަށް ހަމަވީ. މާލޭ އައިސްފަ އަހަންނަށް އަންގާލާތި. ކިތައް އަހަރު ފަހުން އަހަރެމެން އެންމެން ދިމާވާން މިއުޅެނީ. އަހަރެމެން އެއްތަންވެއްޖެކަން އެނގުނީމަ އުވޭޒަށް ވެސް ނުހުރެވޭނެ ނައިހެއް." ކައިދިން ބުންޏެވެ.

"ބޮޑު މީހާ އަންގާ ވެސް ނުލާ ގެއްލުނީމަ އެންމެން ވެސް ބައިބައިވީ. އަހަރެން އަޑުއެހިން މުއާ އުޅެނީ އެކޮޅު ގޭންގަކާ ގުޅިންކަމަށް. އެއިން މީހެއްގެ ޚަބަރެއް އަހަންނަކަށް ނުވޭ. ހުސެން ބުނީމަ މަށަށް ވެސް އެނގުނީ." ހިނިއައިސްފަ ހުރެ ވިޝާން ބުނެލިއެވެ.

"އޭނަ ދެން އެއީ އަބަދުވެސް މާ ބޭޑުވާން އުޅޭ ގޮލައެއްނު." ހިނިގަނޑެއް ޖަހާލަމުން ކައިދިން ބުންޏެވެ.

ދެ ޒުވާނުން ވާހަކައިގަ ތިއްބާ ޓެކްސީ އައިސް މަޑުކޮށްލިއެވެ. ވިޝާން އެރި ޓެކްސީ ނައްޓާލަން ދެން ކައިދިން މަޑުކުރިއެވެ. އޭނާ އެތެރެއަށް ވަންނަން އެނބުރިލި ވަގުތު ކާއެއްޗެހި ޑެލިވަރީ ކުރާ މީހަކު ވަންނަން އައެވެ. އެމީހާއަށް ފުރަތަމަ ތަންދީފައި އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ކައިދިން ވަދެގެން އައެވެ. ބައްޕަ އޯޑަރުކުރި ކާއެއްޗެހި ހިފައިގެން އައި މީހާކަން އެއީ ކައިދިންނަށް އެނގުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓު ކުރިމަތީ އެމީހާ ހުއްޓި ބެލް އެޅުމުންނެވެ. ކައިދިން އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ. ކާއެއްޗެހި އަތުވެއްޖެކަމުގައި ބުނެލިއެވެ. އެމީހާއާ ހަމައަށް ނުކުތީ ހަންނާނެއެވެ.

"ވިޝާން ދިޔައީ؟" ކާމޭޒު ދޮށުގައި އިށީނދެލައިގެން އިން ޒެހެން އަހާލިއެވެ. ޖަވާބެއްގެ ގޮތުން ކައިދިން ބޯޖަހާލީއެވެ.

ރޭގަނޑުގެ ކެއުން ނިމުނުތަނާހެން އިމާރާތުގެ ވެރިވިމީހާ އަތުވެއްޖެއެވެ. ކުރީން އެންގުމެއްނެތި ކުއްލިއަކަށް ދޫކޮށްލަން ނިންމީމަ ތަނުގެ ވެރިފަރާތުން ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ހަންނާނު އިތުރަށް ފައިސާ ދިނެވެ. އޭނާ ހިތްހަމަޖެއްސުމަށެވެ. ހަންނާނު ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް ހުރިހާކަމެއް ނިންމާފަ ކައިދިން ގޮވައިގެން ރާއްޖެއަށް އަވަހަށް އަންނާށެވެ. ތަނުގެ ވެރިމީހާއާއި ހަންނާނު ވާހަކަދައްކަން ސިޓިންރޫމުގައި ތިބިއިރު ކައިދިންއާއެކު އޭނާގެ ކޮޓަރީގައި ޒެހެން އިނެވެ.

"މިރޭ އެ އައީ ހާދަ ފާޑެއްގެ އަންހެންކުއްޖެކޭ. އަދިވެސް ސީރިއަސް ރިލޭޝަންޝިޕެއް ފަށާކަށް ނުވޭތަ؟" އަލަމާރިން ހެދުންތައް ނަގައި ފޮށްޓަށް އަޅަން ހުރި ކައިދިންއާ ޒެހެން ސުވާލުކޮށްލިއެވެ.

"ސީރިއަސް ދޯ. ކިހިނެއް ސީރިއަސް ވެވޭނީ... ޒެން ބުނާނެ އަހަރެންނަށް އަންހެން ކުދީން ނުވެއެއް ނުހުންނާނެއޭ. ޒެން ތިހުރީ ބޭނުންވި ކުއްޖާއާ ރައްޓެހިވެ މިހާރު އިނދެގެން، އަހަރެންގެ ވަށައިގެން އަންހެން ކުދީން އުޅުނަސް ބޭނުންވާ އަންހެން ކުއްޖާ ނުލިބުމަކީ ނާކާމިޔާބު ކަމުގެ ހެއްކެއް ނޫންތަ. އެހެންވީމަ ދެން އޮތީ މިކަހަލަ ގޮތަކަށް ހިތްހަމަޖައްސާލުމެއްނު." ކައިދިން ބުނެލިއެވެ.

"ތީ އަދި އަހަންނަށް ނޭނގޭ ކަމެއް. ދޯކާއެއް ލިބުނީތަ؟" ޒެހެން އިނީ ހިނިއައިސްފައެވެ.

"އެހެނެއްނޫން. ފޮގެޓްއިޓް." ކައިދިން ނިކަން އަވަހަށް ބުންޏެވެ.

"ނޫނޭ... ބުނެބަލަ. ކޮބާ މައްސަލައަކީ؟" ޒެހެން ކުއްލިއަކަށް ޝައުގުވެރިވިއެވެ. ކައިދިން އެ ބުނީ އޭނާ ދުވަހަކުވެސް ނުބުނާ އެއްޗެކެވެ.

"މައްސަލައެއްނެތް. ތި ފޯނުގަ ނެތްތަ އަނބިމީހާ ބުރުގާ ނަގާފަ ހުރި ފޮޓޯގަނޑެއް. އަހަރެން ބަލާލަން ބޭނުމީ އެކަހަލަ ފޮޓޯއެއް." ކައިދިން ބުނެލިއެވެ.

"ތީއޭ ކޭޑީ ކަމުނުދާ ކަމަކީ." ޒެހެން ހީނލިއެވެ. ޒެހެންގެ އަނބިމީހާގެ ފޮޓޯއެއް ބަލަން ބޭނުންވެގެން ކައިދިން ބުނި އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ. ކައިދިންގެ ގަސްދަކީ ވާހަކަ ބަދަލުކޮށްލުމެވެ. ޒެހެން ފެށި ވާހަކަ ހުއްޓުވާލުމަށެވެ.

ތިން މީހުން އެކުގައި ފްލައިޓަށް އެރިއެވެ. ކައިދިން އިނީ ބިއްދޮށަށް ހުރި ގޮނޑީގައެވެ. ޖެހިގެން އިނީ ޒެހެންނެވެ. ހަންނާނު އިނީ އެމީހުންގެ ކުރިއަށް ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ. ކަންފަތަށް އެއާޕޮޑް ޖަހާލައިގެން ކައިދިން އިނީ އެއްޗެއް އަޑު އަހާކަށް ނޫނެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ ޚިޔާލެއްގައެވެ. ގައިމުގެ މަލަމަތި ގެއްލި އަނދިރިކަންނޫނީ ނުފެންނަންދެން ކައިދިން ބޭރު ބަލަން އިނެވެ. ދެން މަޑުމަޑުން ހަށިގަނޑު ގޮނޑީގައި ހަމަޖައްސާލުމާއެކު ދެ ލޯ މަރާލިއެވެ. ޚިޔާލުގެ ތެރެއަށް ގެއްލެމުންދިޔަ ކައިދިން މަޑުމަޑުން އަޑެއް ލައްވަމުންދިޔައެވެ.

"ތީ ކޮންލަވައެއް؟ ދިވެހި ލަވައެއް ދޯ. އަޑުއިވިފަ ހުރީމަ ދަންނަ ގޮތެއް އެބަހުރި." ކައިދިންގެ އަތުގައި ކޮއްޓާލަމުން ޒެހެން ވާހަކަދެއްކިއެވެ. އެހިނދު ކުއްލިއަކަށް ކައިދިން ލައްވަމުން ދިޔަ ރާގު ލެއްވުން ހުއްޓާލިއެވެ.

"ހޫމް... ދިވެހި ލަވައެއް." ކައިދިން ހީނލަން އުޅުނު ކަހަލައެވެ. ނަމަވެސް އެ ތުންފަތުން ހިނިތުންވުމެއްގެ އަސަރެއް ފާޅެއްނުވިއެވެ. ބަދަލުގައި އެ މޫނުގައިވަނީ ބަޔާންކުރާން ނޭނގޭފަދަ އަސަރެކެވެ. ހިތްހަމަނުޖެހިފައިކަމެއް ނޫނީ އޭނާއަށް ދަތިކަމާއި ތުރާތަކެއް ލިބެނީކަމެއް ބުނާކަށް ނޭނގެއެވެ. އެހެންވިޔަސް ޒެހެން އިނީ އެކުވެރިޔާގެ މޫނަށް ފަރުވާތެރިވެ ބަލާށެވެ. އެކަން ކައިދިންއަށް ފާހަގަވީ ކަންނޭނގެއެވެ. އޭނާ ކުޑަދޮރާ ދިމާއަށް މޫނު އަނބުރާލިއެވެ. ނިކަން އަވަހަށް ދެ ލޯ މަރާލައިފިއެވެ.

"އޯކޭ... ކުޑަކޮށް ލޯ ރެސްޓްކޮށްލާނަން." ކައިދިން ސަމާސާ ގޮތަކަށް ބުނެލިއެވެ.

"އަދިވެސް ނިދުނުލެއް މަދީތަ؟." ޒެހެން ބުނެލިއެވެ. ކައިދިން އަޅައެއް ނުލިއެވެ.

އެއާޕޯޓުން ފެށިގެން ކައިދިންގެ ހިމޭންކަން ޒެހެންއަށް އައީ ފާހަގަވަމުންނެވެ. ކޮންމެވެސް ބޮޑު ފިކުރެއްގައި އޭނާ ހުންނަ ކަހަލައެވެ. ޚިޔާލުކުރަނީ ކޮންކަމެއްކަން ބުނާކަށް އޭނާ ބޭނުމެއްނުވެއެވެ. ޒެހެން ވާހަކައެއް ދައްކަން އުޅުނަސް އޭނާ ވާހަކަ ގިނަކުރާން ބޭނުންނުވަނީއެވެ. ކައިދިންގެ އެ ބަދަލުތަކުގެ އަސްލަކީ އޭނާއަށް އެނބުރި ރާއްޖެދާން ޖެހުންތޯ ޒެހެން ސުވާލު އުފެދުނެވެ.

"ކައިދިން ކީއްވެ މާލެދާން ބޭނުންނުވަނީ. އަހަރެން ކައިރީ އެއްފަހަރުވެސް ނުބުނޭ ކީއްވެކަމެއް. ކައިދިން ކަންބޮޑުވާކަމެއް އޮތީތަ؟. ލޯބިވެރިޔަކު ހުރީތަ؟." ކައިދިންގެ ހިމޭންކަން ދެނެގަނެވޭތޯ ޒެހެން މަސައްކަތް ކުރިއެވެ. ސުވާލުތައް އިތުރުވަމުންދިޔައެއް ކަމަކު ޖަވާބެއް ނުލިބުނެވެ. އޭނާއަށް މާލޭގައި އުޅުނު ކައިދިންއެއް ނޭނގެއެވެ. ދަސްވެފައިހުރީ ރާއްޖޭން ބޭރުން ދިމާވެ ގާތްކަން އުފެދުނު ކައިދިންނެވެ.

ދިގު ދަތުރެއްކޮށްފައި އައި ތިން މީހުން ބަލާ އެއާޕޯޓުގައި މުނައްވަރު ހުއްޓެވެ. ކައިދިންނަށް މުނައްވަރު ފެނުމާއެކު އޭނާގެ ސަމާސާ ގޮތުގައި އައިސް މުނައްވަރުގެ ގައިގާ ބައްދާލައިފިއެވެ. އުރާލައިގެންތޯ ފްލައިޓަށް އެރުވީ މުނައްވަރު އަހާލީ ހެމުންނެވެ. ކައިދިންގެ ވާހަކަ ހުންނަނީ މުޅީން ވެސް ސަމާސާއެއް ކުރާ ފަދައިންނެވެ. ތިން މީހުން އައިސް ކާރަށް އެރިއެވެ.

"ދަނީ... އިންޝާﷲ. މާދަމާ ފެންނާނެއެއްނު." ކާރު ފޭބި ޒެހެން ބުންޏެވެ.

"ކޯއްޗެކޭ... ކަލޭ ޝޭޚުވެގެން ގޮސް ކިޔާހާ އެއްޗިއްސެއް މަށަކަށް ނޭނގޭނެ." ކައިދިން ބުނެލިއެވެ. އެހިނދު ހަންނާނުގެ މޫނުން ފާޅުވި ކުލަވަރުން އޭނާގެ ރުޅިގަނޑު އިންތިހާއަށް ދިޔައީއޭ ހީވާ ކަހަލައެވެ. ބައްޕައަށް ބަލާލާފައި ކައިދިން ފެށީ ހޭށެވެ. ޒެހެން ދެ ފަރާތަށް ބޯހޫރާލާފައި ކާރުގެ ދޮރުފަތް ލައްޕާލީއެވެ.

"ކައިދިންއަށް ހެޔޮ ވިސްނުން ދެއްވާންދޭވެ. އޭނާވީ އެ ނުބައި އާދަތަކުން ސަލާމަތްވާން. ކައިދިންއަކީ ހިތްހެޔޮ އެކުވެރިއެއް. އަހަރެން ލޯބިވާ ނުހަނު ގާތް މީހެއް. އާއިލާއާ އެހާ ގާތް. ހަންނާނުބެ ވެސް ހާދަ އުފާވާނޭ ކައިދިން ހަރުދަނާ މީހަކަށްވެއްޖެނަމަ. ރަނގަޅު ބައިވެރިޔަކު ހަޔާތަށް އައީމާ ވެސް ކައިދިން ބަދަލުވެދާނެ. މިހާރު ދެން އަހަންނަށް ވެސް ފެންނަ ހިސާބަށް އެއައީ. އޭނާއާއެކު އުޅޭ މީހުން ހެޔޮ ޢަމަލުތައް ކުރާތަން ފެންނަން ފެށުމުން އެކަމަށް އޭނާގެ ހިތްޖެހިދާނެ. ނަމާދަށް ދަމުން ގޮވައިގެން ދާންވީ." އެކުވެރިޔާގެ ޚިޔާލުގައި ހުރެ ޒެހެން ގޭތެރެއަށް ވަދެގެން އައެވެ. އޭނާ ދިރިއުޅޭ އެޕާޓްމެންޓު ހުންނަ ފަންގިފިލާއަށް ލިފްޓު ހުއްޓި ދޮރު ހުޅުވުނެވެ. މަޑު ހިނގުމުގައި އައިސް ދޮރުމަތީ ހުއްޓިލުމާއެކު ކޯޑު ޖަހާލިއެވެ.

ސަލާން ގޮވާލި ހިނދު އެ ސަލާން ބަލައިގަތް އަޑުއިވުނީ ހޫރައިންނެވެ. ނަމަވެސް ގޭތެރެއިން ދުވަމުން ނުކުތްތަން ފުރަތަމަ ފެނުނީ ޔޫކެވެ. ކަކޫމައްޗަށް ތިރިވެލި ޒެހެން ދެއަތް ފުޅާކޮށްލިއެވެ. ދުވެފައި އައިސް އަތުގެ ތެރެއަށް ވަން ޔޫކް އުރާލައިފިއެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލީ ދެނެވެ. އޭނާ ޔޫކްގެ މޫނުން ދޮންނަމުން އެ ދަރިފުޅާ ވާހަކަދެއްކިއެވެ. މަންމައާއި ކޮއްކޮ ބެލެހެއްޓިންތޯ ޒެހެން އަހާލަންވާއިރަށް އެކުއްޖާ ޖަވާބުދީފިއެވެ.

"ކޮބާ އެމީހުން." ޒެހެން ފެންނަ ހިސާބުގައި މަޑުކޮށްލި ހޫރައިން އަހާލިއެވެ.

"ބޮޑުދޮންބެއާއެކު ގެއަށް ދިޔައީ. ފެންވަރާލަން މިދަނީ. މެންދުރުނުކޮށް މިހުރީ. ވަގުތެއް ވެސް ނެތް." ތަޅުންމަތީ ޔޫކް ބަހައްޓަމުން ޒެހެން ވާހަކަދެއްކިއެވެ. އަސުރަށް ގޮވަން ކައިރިވަނީކަން ހޫރައިންއަށް ވެސް އެނގެއެވެ.

ޒެހެން މިސްކިތުން އައިސް ގެއަށް ވަންއިރު ހޫރައިން ހުރީ ސުފުރާ މައްޗަށް ކާން ނަގާފައެވެ. ބަނޑުހައިވެފައި ހުއްޓާ އިތުރަށް ބަނޑުހައިކަން އިތުރުވީއެވެ. އެކަމުގެ ގުޑުގުޑުގެ އަޑު ބަނޑުތެރެއިން އިވިގެންދިޔައެވެ. އަވަހަށް އައިސް ކާމޭޒުކައިރީ ޒެހެން އިށީނެވެ.

"ހާދަ އަވަހަކަށް ތިއައީ. ނާންނަން ހުރި މީހަކު އެއްބަސްކުރުވީ ކިހިނެއް." ޒެހެން ކައިރީ ކާމޭޒުދޮށުގައި އިށީންނަމުން ހޫރައިން އަހާލިއެވެ. އެއާއެކު ޒެހެން ޖަހާލީ ހިނިގަނޑެކެވެ.

"ހަންނާނުބެއަށް ބަސްޓުވީމަ ސައިޒުވީ. ނައިސް ދެން ކީއްކުރާނީ. އެކޮޅުގައި ކައިދިން އުޅޭ ގޮތް އެނގުނީ އަންގާނުލާ އަހަރެމެން އެކޮޅަށް ދިޔައީމަ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އެނގެން ހުރިކަމެއް އެނގޭނެ. ނޫންތަ ހޫރް. އެގޮތަށް އޭނާއަށް ވެސް އުޅެވިއްޖެއެއްނު. މިފަހަރު މީ ހަންނާނުބެގެ ފަހަރު. އަނެއްހެން ބުނަންޏާ ވަގުތު ޖެހުނީ. އެހެންވީމަ ދެން މާލެ އައުންނޫން ގޮތެއް އޮންނާނެތަ؟" ހިނިއައިސްފަ އިނދެ ޒެހެން ބުންޏެވެ.

"އަހަރެމެން މޮޅަށް ކަންކަން ރޭވިޔަސް ﷲ ގެ ރޭއްވެވުން މޮޅު އިތުރުވެގެންވޭ. އެކަލާނގެއަށް އެއްވެސް ކަމެއް ސިއްރުވެގެންނުވޭ." ހޫރައިން ވެސް ޒެހެންގެ ވާހަކައާ އެއްބަސްވިއެވެ.

"މާދަމާ އޮފީހަށް ނުކުންނާނެކަން ޔަގީނެއްނޫން. އެކަމަކު ހަންނާނުބެ ބުނި އޭނާ ފޮނުވާނަމޭ. ދޮންބެއާ އަހަންނަށް ވަރަށް ލުއިވާނެ ކައިދިން ޖޮއިންކުރީމަ." ޒެހެން ބުންޏެވެ.

"ޒެންގެ ބެސްޓްފްރެންޑަކީ ކައިދިން ދޯ. ޔުނިވަސިޓީގަ އުޅޭ އެކުވެރީންނަށްވުރެ ޒެން ވޮރީވޭ ކައިދިންއާ ހެދި. ތި ފެމެލީއާ ވެސް އެހާ ކުލޯޒް." ހޫރައިން ބުނެލިއެވެ. (ނުނިމޭ)