ބޮލީވުޑް

"އަނޫޕަމާ": ދަންވަރު ހޭލާ ހުންނަން ރުޕާލީ ކުރާ ކަމެއް އެނގޭތަ؟

"އަނޫޕަމާ"ގެ ބަތަލާ ރޫޕާލީ ގަންގޫލީ އަކީ މިހާރު ގިނަ ބަޔަކަށް ވަރަށް މަގްބޫލު ބަތަލާ އެކެވެ. އޭނާގެ އަނޫޕަމާ ކެރެކްޓާ ދެކެ ލޯބިވާ މީހުން މިހާރު މިލިއަނުން ގުނާލެވެ އެވެ. ފާއިތުވީ އަހަރެއްހާ ދުވަހު މި ޝޯ (ޓެލެވިޒަން ރޭޓިން ޕޮއިންޓް) ޓީއާރުޕީގެ އެންމެ ކުރީގައި އޮތުމަކީ ޝޯ އަށް ބެލުންތެރިން ދޭ ތަރުހީބު ހާމަވާ ކަމެކެވެ. އަދި މި ޝޯ އެހާ މަގްބޫލުއެއްޗަކަށް ވެފައިވަނީ ރުޕާލީ އާއި އޭނާއާ އެކު ޝޯގައި ހަރަކާތްތެރިވާ އެންމެންގެ ގުޅުމާއި ކަމަށް ކަމޭ ހިތުގެ ސަބަބުންނެވެ.

ދާދިފަހުން އިންސްޓަގްރާމްގައި ރޫޕާލީ ޝެއާ ކުރި ޕޯސްޓެއްގައި އެމީހުން "އަނޫޕަމާ"ގެ ޝޫޓިންގްގައި އުޅެން ޖެހޭ ގޮތާއި ރޭގަނޑުގެ ދަންވަރު ވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ކަން ހާމަކޮށްފައި ވެއެވެ.

ރުޕާލީ ވަނީ ވަރަށް ރީތި ހެދުމެއްގައި "ގާގްރާ" ކިޔާ ލަވަޔަކަށް އޭނާ ނަށަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ.

މި ވީޑިއޯ ޝެއާ ކުރަމުން ރުޕާލީ ބުނި ގޮތުގައި ވީޑިއޯ ނަގާފައިވަނީ ދަންވަރު 3 ޖެހިއިރު އެވެ. އަދި ވީޑިއޯ ނެގިއިރު އެއްވެސް މެދުކަނޑާލުމެއް ނެތި އެމީހުން ޝޫޓްކުރާތާ 18 ގަޑިއިރު ވެއްޖެ އެވެ.

"މިހާރު ދަންވަރު 3 ޖަހައިފި. ޝޮޓް ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ. ހެނދުނު 9 ޖެހީއްސުރެ މި އުޅެނީ ޝޫޓިންގްގައި. އެހެންވެ ނިދި އަންނަވަރުން ހަދާނެ ގޮތް ހުސްވެގެން ނަށާފައި ވީޑިއޯ ކުރަން ނިންމީ. ޑާންސް ދަސްކޮށްދޭ ކޯރިއޮގްރާފަރުންނަށް ގޮވައިގެން ގެނެސް އެމީހުންނާއެކު ނަށަނީ. މިހާ ރީތި ހެދުމެއް އަޅައިގެން ނަށާލަން ޖެހޭނެއެއްނު،" ރުޕާލީގެ ޕޯސްޓްގައި ލިޔެފައި ވެއެވެ.

މި ވީޑިއޯ ޝެއާ ކުރުމާއެކު ރުޕާލީގެ ފޭނުންނާއި "އަނޫޕަމާ" ފޭނުން ވަނީ ރުޕާލީ އާއި ޓީމުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެމީހުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި މުޅި ޓީމުގެ އެންމެންގެ ޕްރޮފެޝަނަލްކަން އެނގިއްޖެ ކަމަށާއި އެމީހުން އެކުރަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

މިހާރު "އަނޫޕަމާ"ގައި ދައްކަނީ އަނޫޖް ކަޕާޑިއާ އާ ކައިވެނިކުރާ ވާހަކަ އަނޫޕަމާ އެންމެންނަށް އިއުލާން ކުރާ މަންޒަރުތަކެވެ.

އަނޫޕަމާގެ ކައިވެންޏަށް ބާ (މަންމަ) ދެކޮޅުހަދަމުން ދަނިކޮށް އަނޫޕަމާ ވަރަށް ހިތްވަރާއެކު ކައިވެނި އިއުލާން ކުރި ތަނެވެ.

"އަނޫޕަމާ"އަކީ ސްޓާ ޕްލަސް އިން ދައްކާ ވަރަށް ކާމިޔާބު ޝޯ އެކެވެ. ރާޖަން ޝާހީ ޕްރޮޑިއުސްކޮށްފައިވާ މި ޝޯގައި ރުޕާލީގެ އިތުރުން ގޯރަވް ކަންނާ އާއި މަޑަލްސާ ޝަރުމާ އަދި ސުދާންޝޫ ޕާންޑޭ އާއި ނިދީ ޝާހް މުހިއްމު ރޯލުތައް ކުޅެ އެވެ.