ބޮލީވުޑް

ހަތަރު އަހަރަށް ފަހު ޝްރައްދާ އާއި ލޯބިވެރިޔާ ވަކިވެއްޖެ

ޝްރައްދާ ކަޕޫރު އަކީ އޭނާގެ ލޯބިވެރިންގެ ވާހަކަ އެއްގޮތަކަށް ވެސް މީޑިއާ އަށް ހާމަކުރަން ބޭނުންވާ ބަތަލާ އެއް ނޫނެވެ. ޝްރައްދާ އާއި އެކި އެކި އެކްޓަރުންނާއި މީގެ ކުރިން ވެސް އަޅުވާ ކިޔާފައި ވިޔަސް އެއްވެސް ފަހަރަކު އޭނާ މި ވާހަކަތަކަށް އެއްޗެކޭ ނުބުނެ އެވެ.

ޝްރައްދާ އާއި ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާގެ ލޯބީގެ ވާހަކަ ދެކެވޭތާ ހަތަރު ވަރަކަށް އަހަރު ވެފައިވާއިރު އެންމެ ފަހަރަކުވެސް ރޯހަން އާއި އޭނާގެ އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް ޝްރައްދާ އެއްޗެކޭ ބުނެފައެއް ނުވެ އެވެ. މި ދެ މިހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް މިދިޔަ އަހަރު ފެތުރިފައި ވެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝްރައްދާ އާއި ރޯހަންގެ ގުޅުން މިހާރު ވަނީ މުޅިން ކެނޑިފަ އެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު އެ ދެ މީހުން ރުޅިވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް އެމީހުންގެ ގާތް އެކުވެރިއަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދީފައި ވެއެވެ.

ޝްރައްދާގެ އާއިލާއިން ބާއްވާ ކޮންމެ ޕާޓީއެއްގައި ކުރިން ރޯހަން ބައިވެރިވަމުން ދިޔަ ނަމަވެސް މިމަހު ކުރީކޮޅު ގޯއާގައި ބޭއްވި ޝްރައްދާގެ އުފަން ދުވަހުގެ ހަފުލާއިން ރޯހަން ފެނިފައެއް ނުވެ އެވެ. އެ ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭކަން ޔަގީންވީ އެހިސާބުންނެވެ.

އެމީހުންގެ އެކުވެރިޔަކު ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ދެ މީހުންގެ ލޯބީގައި އޮތީ ކުނިޖެހިފަ އެވެ. އަދި ފެބްރުއަރީގައި އެމީހުންގެ ލޯބީގެ ގުޅުން ކަނޑާލާފައިވާ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ.

ރޯހަންގެ ކުރިން ޝްރައްދާ ވަނީ އޭނާގެ "އާޝިގީ 2"ގެ ބަތަލު އަދިތުޔާ ރޯއީ ކަޕޫރާ ރައްޓެހިވެގެން ގިނަ ދުވަސް ތަކަކު އުޅެފަ އެވެ. އަދި ފަހުން އެކްޓަރު ފަރްހާން އަޚްތަރު އާއި ޝްރައްދާގެ ލޯބީގެ ގުޅުންތަކެއްގެ ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް ފަރްހާން އާއި ޝްރައްދާގެ ގުޅުމަށް ހުރަސް އެޅީ ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު ކަމަށް އެ ދުވަސްވަރުގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ފަރްހާން އަކީ ޝްރައްދާ އަށް ވުރެ މާ ދޮށީ އަދި ކުރިން ކައިވެންޏެއް ކޮށް ޓީންއޭޖް ފުރައިގެ ދެ ކުދިންގެ ބައްޕައަކަށް ވާތީ ޝްރައްދާ އޭނާއާ ގުޅެން ބައްޕަ ޝަކްތީ ގަބޫލު ނުވީ ކަމަށް ވެއެވެ.

ޕްރޮފެޝަނަލް ރޮނގުން ބަލާއިރު ޝްރައްދާ މިހާރު ކުޅެމުންދަނީ ރަންބީރު ކަޕޫރާއެކު ކުޅޭ ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މި ފިލްމުގެ އިތުރުން "ޗާލްބާޒް އިން ލަންޑަން" ކިޔާ ފިލްމަކާއި "ނާގިން" ސީރީޒްގެ ތިން ފިލްމެއް ކުޅެން ޝްރައްދާ ވަނީ ސޮއިކޮށްފަ އެވެ.