ބޮލީވުޑް

ޝްރީދޭވީ "ޗާލްބާޒް" ގައި ކުޅުނު ރޯލު ޝްރައްދާއަށް

ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޝްރައްދާ ކަޕޫރު ޑަބަލް ރޯލެއް ކުޅެން ތައްޔާރުވެއްޖެ އެވެ. ޝްރައްދާ ކުޅެނީ ޝްރީދޭވީގެ އާދަޔާހިލާފު މަޖާ އަދި މޮޅު ފިލްމެއް ކަމަށްވާ "ޗާލްބާޒް" އާ ދާދި އެއްކަހަލަ ފިލްމެކެވެ. "ޗާލްބާޒް" ގައި ޝްރީދޭވީ ވެސް ކުޅެފައި ވަނީ ޑަބަލް ރޯލެވެ.

އެ ފިލްމުގައި ޝްރީދޭވީ ކުޅުނީ އުފަންވީ ވަގުތު ވަކިވެ ތަފާތު ދެ މީހަކު ގެންގުޅެ ބޮޑުކުރާ އެއްމާބަނޑު ދެ ކުދިން ކަމަށްވާ އަންޖޫ އާއި މަންޖޫގެ ރޯލެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި "ޗާލްބާޒް" އަކީ ޝްރީދޭވީގެ ފިލްމީ ކެރިއަރުގައި އޭނާ އެންމެ މޮޅަށް ކުޅެލާފައި އޮތް އެއް ފިލްމެވެ.

މިހާރު ޝްރައްދާ މިވަނީ ހަމަ އެފަދަ ރޯލެއް ކުޅެން ތައްޔާރުވެފަ އެވެ. ޝްރީދޭވީ ދެއްކި ކަހަލަ ޖާދޫއެއް ދައްކާލުމުގެ އުންމީދުގަ އެވެ. މި ފަހަރުގެ "ޗާލްބާޒް" ތަފާތު ވަނީ މިއީ ކުރީ ފިލްމުގެ ޒަމާނީ ވާޝަން އަކަށް ވާތީ އެވެ. ފިލްމުގެ ޝޫޓިން ކުރިޔަށް ދާނީ އިނގިރޭސި ވިލާތުގަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 1989 ގައި ރިލިޒްކުރި "ޗާލްބާޒް" ވެސް ޑައިރެކްޓްކުރި ޕަންކަޖް ޕަރަޝާރް އެވެ. ނަމަވެސް އާ ފިލްމަކީ ކުރީގެ 'ޗާލްބާޒް" ގެ ރިމޭކެއްތޯ ނުވަތަ މި ފިލްމުގައި ހިމެނެނީ މުޅިން އާ ސްޓޯރީލައިން އެއްތޯ އަދި އޮޅުން ނުފިލާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޓީ-ސީރީޒްގެ ފަރާތުން ބޫޝަން ކުމާރު އަދި ޕޭޕާ ޑޯލް އެންޓަޓައިންމަންޓުން އަހުމަދު ޚާނާއި އޭނާގެ އަންހެނުން ޝާއިރާ ޚާނެވެ.

މި ފިލްމު އިއުލާންކުރީ ޝްރައްދާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. ފިލްމު އިއުލާން ކުރުމުގެ ގޮތުން ޝްރައްދާ ނެރެފައިވާ ބަޔާނުގައި ބުނީ "ޗާލްބާޒް އިން ލަންޑަން" އަށް އޭނާ ހޮވި ކަމަށްޓަކައި ފިލްމު އުފައްދާ ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ. މި ފިލްމުން ވަރަށް ބޮޑު ޒިންމާއެއް އޭނާގެ ކޮނޑުގައި އެޅޭކަން އެނގޭ ކަމަށާއި ފިލްމު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ވެސް "ސާހޯ" ގެ ބަތަލާ ބުނެފައި ވެއެވެ.

ޝްރީދޭވީގެ "ޗާލްބާޒް" ގައި ފިރިހެން ލީޑް ރޯލު ކުޅުނީ ސަނީ ޑެއޯލް އެވެ. ޝްރައްދާގެ ފިލްމަށް އަދި ބަތަލަކު ހަމައެއް ނުޖެހެ އެވެ. ފިލްމުގެ ލީޑް އެކްޓަރާއި ސަޕޯޓިން ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޑައިރެކްޓަރު ޕަރަޝާރް ބުނި ގޮތުގައި ޝްރައްދާއަށް އެ ފިލްމު ވަރަށް މޮޅަށް ކުޅެލެވިދާނެ ކަމާ މެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.

"ޝްރައްދާއަކީ ސްކްރީނުގައި ޖާދޫއެއް ކަހަލަ ބަތަލާއެއް. މި ޑަބަލް ރޯލުން ބެލުންތެރިންގެ ހިތްތަކާ ޝްރައްދާ އަށް ކުޅެލެވިދާނެ ކަމަށް އަހަރެން ގަބޫލު ކުރަން. 'ޗާލްބާޒް އިން ލަންޑަން' އަށް ޝްރައްދާ ވަރުގެ ބަތަލާއެއް ނެތް،" ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝްރައްދާ ފިލްމު ގަބޫލުކުރީތީ އޭނާ ވަނީ ވަރަށް ހިތްހަމަޖެހިފަ އެވެ. ޝްރައްދާ އަކީ ވަރަށް ޕްރޮފެޝަނަލް އަދި އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށާއި ފިލްމުގައި ކުޅެންޖެހޭ ޑަބަލް ރޯލަށް ޝްރައްދާ ވަރަށް ފިޓްވާ ކަމަށް ވެސް ޕަރަޝާރް ބުންޏެވެ.