ޝްރައްދާ ކަޕޫރަކީ މިހާރު ބޮލީވުޑް ފިލްމު ކުޅޭ ބަތަލާއިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ އެވެ. ޝްރައްދާއާ އެކު މަސައްކަތްކުރާ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި އެތައް މިލިއަން ފޭނުންނެއް ޝްރައްދާ ދެކެ ލޯބިވަނީ އޭނާގެ ހިތްތިރި، އޯގާތެރި މިޒާޖުގެ ސަބަބުންނެވެ.
ޝްރައްދާގެ ފުރަތަމަ ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ "ތީން ޕައްތީ" އެވެ. އަދި އެ ފިލްމު ކުންފުންޏާއެކު އޭނާ ކޮންޓްރެކްޓް ހަދައި އެ ފިލްމު ކުންފުނިން އުފައްދާ ގިނަ ފިލްމުތަކެއްގައި ބައިވެރިވާން އެއްބަސްވެ ސޮއިކޮށްފައި ވެއެވެ. މި ކޮންޓްރެކްޓްގެ ދަށުން ޝްރައްދާއަށް އެހެން އެއްވެސް ބަޔަކު އުފައްދާ ފިލްމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. ނަމަވެސް ޔާޝް ރާޖް ފިލްމްސްއަށް ޝްރައްދާ ކުޅެދިން ފިލްމުތައް ފްލޮޕްވެ އޭނާގެ ފިލްމީ ކެރިއަރު ކުރިއަރާ ގޮތެއް ނުވި އެވެ.
މި ދަނޑިވަޅުގައި ޑައިރެކްޓަރު މޯހިތު ސޫރީގެ "އާޝިގީ 2" ކުޅުމުގެ ފުރުސަތު ޝްރައްދާ އަށް ލިބުނެވެ. އެއާއެކު އޭނާ ޔާޝް ރާޖް ފިލްމްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު "އާޝިގީ 2" ކުޅެން ނިންމީ އެވެ.
ޝްރައްދާގެ މި ނިންމުން ވެގެން ދިޔައީ އޭނާގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ނިންމުމަކަށެވެ. "އާޝިގީ 2" ބްލޮކްބަސްޓާ ވީއިރު އޭނާ ކުޅުނު އާރޯހީގެ ކެރެކްޓާ މިއަދާ ހަމައަށް ވެސް އެ ފިލްމުގެ ފޭނުން ހަނދާނުގައި ހުރެ އެވެ.
"އާޝިގީ 2" ރިލީޒްކުރިތާ 10 އަހަރު ފުރުން މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ފާހަގަ ކުރުމާ ގުޅުވައި ވާހަކަ ދައްކަމުން ޑައިރެކްޓަރު މޯހިތު ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އެޕްރީލް 26 ވަނަ ދުވަހު ޝްރައްދާ އޭނާއަށް ގުޅަ އެވެ. އަދި "އާޝިގީ 2" ކުޅެން އޭނާ އަށް ދިން ކަމަށްޓަކައި ކޮންމެ ފަހަރަކު ވެސް ޝުކުރު އަދާ ކުރެ އެވެ. އަދި މެސެޖުކޮށްފައި ވެސް ޝުކުރު އަދާ ކުރެ އެވެ.
"ވަރިހަމަ ކިތަންމެ ބިޒީކޮށް ކޮންމެ ތަނެއްގައި ހުއްޓަސް. އެޕްރީލް 26 ވަނަ ދުވަހު ޝްރައްދާ އަހަންނަށް މެސެޖުކުރާނެ އަދި ގުޅާފައި ވެސް ޝުކުރު އަދާކުރާނެ. ފާއިތުވީ 10 އަހަރު ވެސް އޭނާ ހަމަ މިގޮތަށް ކަންތައް ކޮށްފައިވޭ. ޝްރައްދާ އަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން މީކީ. އެކަމަކު މިކަމުން ދޭހަވަނީ އޭނާއަކީ ކިހާ ހިތްހެޔޮ ރަނގަޅު އިންސާނެއްކަން،" މޯހިތު ބުންޏެވެ.
މޯހިތުގެ މި ކޮމެންޓަށް ޖަވާބު ދެމުން ޝްރައްދާގެ ފޭނަކު ކުރި ޓުވީޓެއްގައި ޝްރައްދާއަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ.
"ހަމަ ހަގީގަތުގައި ވެސް ޝްރައްދާ އަކީ ޖަވާހިރެއް ކަހަލަ އިންސާނެއް. އޭނާ ޝުކުރު އަދާކުރަން ޖެހޭ މީހަކަށް ވިއްޔާ އަމިއްލައަށް މެސެޖުކޮށްފަ ނުވަތަ ގުޅާފަ ޝުކުރު އަދާކުރާނީ. އެހެން އެކްޓަރުން ހެން ސޯޝަލް މީޑިއާގައި އެ މެސެޖު ޕޯސްޓެއް ނުކުރާނެ. އެހެންވެ އަހަރެމެން ޝްރައްދާ ދެކެ އެހާ ލޯބިވަނީ،" އަސްމާ ނަމަކަށް ކިޔާ ފޭނެއްގެ މެސެޖުގައި ވެއެވެ.