މޯލްޑިވްސް ޕޮލިސް ސާވިސް

"ނޭވާހޮޅިއަށް" ހުއްޓުވަން ފުލުހުން ނުކުމެއްޖެ

"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ނިންމާފައިވާ އެއްވުން ހުއްޓުވުމަށް ފުލުހުން ނިކުމެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ބުދަ ދުވަހުން ފެށިގެން ފުލުހުން ދަނީ ދެމުންނެވެ. މިއަދު ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެހެން ކަމުން މެންދުރު ދޭއް ޖެހުމާއެކު ފުލުހުން ވަނީ އެ އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބެރިކޭޓް ޖަހާ ބަންދުކޮށްފައެވެ. އެއްވެސް ވެހިކަލަކަށް އެ ސަރަހައްދަށް ވަނުމަށް ހުއްދައެއް ނުދެއެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ޓީޝާޓް ލައިގެން ތިބޭ މީހުން ހުއްޓުވާ ފުލުހުން ގެންދަނީ ސުވާލުވެސް ކުރަމުންނެވެ.

ފުލުހުން ވަނީ ކުރީން ޕީޕީއެމް އޮފީސް ހިންގި ސަރަހައްދުން ފެށިގެން އޭރު ޓަސްކަލޫސާ ހިންގި ސަރަހައްދަށް ބެރިކޭޓް ޖަހާ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންގެ ގިނަ ވެހިކަލްތަކެއްވެސް ހަރަކާތްތެރިވަމުންދެއެވެ. ވެހިކަލްތަކުގައި ޝީލްޑާއި އެ ނޫންވެސް އެއްވުން ރޫޅާލުމަށް ބޭނުން ކުރާ ސާމާނު އެބަހުއްޓެވެ.

ވަރަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާ އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްވުމަށް ހުރަސް ނޭޅުމަށް ވަނީ އެދިފައެވެ.

އިދިކޮޅުން ރާވާފައިވާ އެއްވުމާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތައްކޮށް ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނެއްްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް މާލޭގެ މަގުތަކާއި ޕީޕީއެމް އޮފީސް ސަރަހައްދާއި ކާނިވާ ސަރަހައްދާއި ރަސްފަންނު އަދި ބޮޑުތަކުރުފާނުމަގާއި މާލޭ ދެކުނު ފަރާތުގެ އުސްފަސްގަނޑު ސަރަހައްދުގައި ޕީޕީއެމުން ބާއްވަން ރާއްވާފައިވާ އެއްވުމަކީ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން އެބަހުރި ކަމަށެވެ.

އެހެން ކަމުން މިފަދަ އެއްވުމެއްގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރި ކަަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން މި އެއްވުން ނުބޭއްވުމަށް ޕީޕީއެމަށް އަންގާފައިވާނެ ކަމަށެވެ.

"މި ހިދުމަތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން މީހުން ގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކޮށް ރައްޔިތުންނާއި އާންމު ދަތުރުފަތުގެ ހިދުމަތަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމަށް ރޭވުމާއި މާލޭގައި އުޅޭ ކުށްކުރާ ގުރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށާއި އެެއްވުމުގެ ސަލާމަތީ ކަންކަން ބެލުމަށް ދަތިކުުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނިކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު ހަވީރު ޕީޕީއެމުން މާލޭގައި ބާއްވަން ހަމަޖައްސާފައިވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އަންގާ ކަމަށާ އަދި އެއްވުމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގާނޫނާއި ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް ބުންޏެވެ.

މި އެއްވުމުގައި ބައިވެރިވެ ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ބަލާ ފާސްކުރާނެ ކަމަށާ އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.