އިދިކޮޅު ފަރާތްތައް

މުޒާހަރާއާ ގުޅިގެން ބައެއް މީހުން ހައްޔަރު

"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ނިންމާފައިވާ އެއްވުމާއި ގުޅިގެން ބައެއް މީހުން ހައްޔަރު ކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމް އޮފީސް ކައިރީންނެވެ.

މުޒާހަރާގައި ބައިވެރިވާން އަންނަ މީހުން ހުއްޓުވާ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމު ކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ބުދަ ދުވަހުން ފެށިގެން ފުލުހުން ދަނީ ދެމުންނެވެ.

މި އެއްވުމުގައި ބައިވެރިވެ ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ބަލާ ފާސްކުރާނެ ކަމަށާ އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ދަނީ ކަނޑުމަތީގައިވެސް ހާއްސަ އޮޕަރޭޝަނެއް މިހާރު ހިންގަމުންނެވެ.