މޯލްޑިވްސް ޕޮލިސް ސާވިސް

ނަރީޝް ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމު ކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް މިއަދު މެންދުރު ފަހު ޕީޕީއެމްގެ އޮފީހަށް ވަޑައިގަންނަވަނިކޮށެވެ.

ނަރީޝް ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެގެން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރާ މަންޒަރެވެ. ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ނަރީޝް ވެއްޓޭ މަންޒަރުވެސް ފެނެއެވެ. އޭރު އޭނާ ގެންދަނީ ޕީޕީއެމް އޮފީހަށް ދިއުމުގެ ފުރުސަތު ދޭން ވާނެ ކަމަށް ވިދާޅުވަމުންނެވެ.

"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ނިންމާފައިވާ އެއްވުން ހުއްޓުވަން ފުލުހުން ވަނީ ނިކުމެފައެވެ.

ފުލުހުން ބުނީ އެއްވުމުގައި ބައިވެރިވެ ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ބަލާ ފާސްކުރާނެ ކަމަށާ އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.