ރާއްޖެ ކުޅިވަރު

ބޫޓާން ބަލިކޮށް އަފްގާނިސްތާން ސެމީ އަށް

ބޫޓާން 3-0އިން ބަލިކޮށް ޗެމްޕިއަން އަފްގާނިސްތާން ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ނަތީޖާގެ ސަބަބުން ކޮންމެ ޓީމަކަށް މެޗެއް އޮއްވައި ބޫޓާނާއި ބަނގްލަދޭޝް މުބާރާތުން ކަޓައި އަފްގާނިސްތާނާއި ދިވެހިރާއްޖެ އަށް ވަނީ ސެމީ ފައިނަލް ކަށަވަރުވެފަ އެވެ.

ޔޫރަޕުގައި ކުޅޭ 18 ކުޅުންތެރިން ތިބި އަފްގާނިސްތާނުން ސަރަހައްދުގެ އެންމެ ބަލި ޓީމު ކޮޅަށް ގޯލު ޖެހީ މަސީހް ސައިގާނީ އާއި ހައިބަރު އަމާނީ އެވެ. މީގެ ތެރެއިން އަމާނީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މިހެންވެ ގްރޫޕް ބީގައި ދެން ފޯރިގަދަވާނީ މާދަމާ ނޫން އަނެއް ދުވަހު އަފްގާނިސްތާނާއި ރާއްޖެ ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން ނޫނީ ރާއްޖެއަށް ލިބޭނީ ގްރޫޕުގެ ދެ ވަނަ އެވެ. އެއްވަރުވިޔަސް އެއްވަނަ ލިބޭނީ އަފްގާނިސްތާނަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ގްރޫޕް އޭގެ އެއްވަނަ ޓީމު ވާދަ ކުރަންޖެހޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެ ވަނަ ޓީމު ކުޅޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ އެވެ. މުބާރާތުގެ ގްރޫޕް އޭއިން ސެމީ އަށް ދާނެ ދެ ގައުމު ފައިނަލް ވާނީ މާދަމާ ނޭޕާލާއި އިންޑިޔާ ކުޅޭ މެޗު ނިމުމުންނެވެ.