ފުވައްމުލައް

ފުވައްމުލަކު އެއާޕޯޓް ބޮޑުކުރަން ނިންމައިފި

Mar 25, 2022

ފުވައްމުލަކުގައި ސަރުކާރުން ހަދާފައިވާ އެއާޕޯޓް ބޮޑުކުރުމަށްޓަކައި ކަމާ ގުޅޭ ސާވޭއެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ފުވައްމުލަކު ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ މަތިންދާ ބޯޓުތަކުގެ ސައިޒަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން ފުވައްމުލަކުގެ އެއާޕޯޓް ބޮޑުކުރަންޖެހޭ ކަމަށެވެ. ކަމާ ގުޅޭ ޓެކްނިކަލް ސާވޭ އަށް ފަހު ފުވައްމުލަކު އެއާޕޯޓް ބޮޑު ކޮށްދެވެން އޮތް މިންވަރަކަށް ބޮޑު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޓެކްނިކަލް ސާވޭ ހެދުމަށް ޕްލޭނިން މިނިސްޓްރީ އަށް މިހާރު ދަންނަވާފައިވާނެ. އޭގެފަހުން ފުވައްމުލަކުގެ އެއާޕޯޓު ބޮޑު ކުރެވޭނެ އެންމެ ބޮޑު މިނަކަށް އެކަން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ނިމުމާ އެކު މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ގޮތަކަށް މަގު ހެދުމުގެ ދެވަނަ މަޝްރޫއު ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ފިޔަވަހީގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މިހާރު ފުވައްމުލަކުން ނުލިބޭ އެތައް ހިދުމަތްތަކެއް އާ ހޮސްޕިޓަލުން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ފުވައްމުލަކު ބަނދަރު ބޮޑު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފުވައްމުލަކުގައި އެއާޕޯޓެއް ހަދައި ހުޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.