"ދެމޫނު" މި ނަމުގައި ޖަމިއްޔަތުއް ސަލަފުން އައްޝައިހް އަހުމަދު ސަމީރުގެ ހާއްސަ ދަރުހެއް ރޭ ބާއްވައިފި އެވެ. މިއީ ސަލަފުން ބާއްވަމުންދާ ސިލްސިލާ ބޮޑެތި ދަރުސްތަކުގެ ތެރެއިން ބޭއްވި ދަރުހެކެވެ.
ރޭގެ ދަރުސްގައި ޝައިހް ސަމީރު ވަނީ ރަނގަޅު މުޖްތަމައުއެއް ބިނާ ކުރުމުގައި ފަރުދީ ގޮތުންނާއި ޖަމާއަތުގެ ގޮތުން ކުރަން ޖެހޭ ކަންކަމާއި އެކަމުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައެވެ. ވަކީން ހާއްސަކޮށް މުޖްތަމައު ފަސާދަ ކުރާ "ދެމޫނު"ގެ އަހުލުވެރިންގެ ކިބައިން ސަލާމަތް ވުމަށް އިލްތިމާސް ކުރެއްވެވިއެވެ.
"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، ވެރިކަމާއި މަންސިލުގެ ދަހިވެތި ކަމުގައި ރައްޔިތުން ގުނބޯ ހައްދަމުންދާ 'ދެ މޫނު' ގެ އަހުލުވެރިންނަށް އަޅުގަނޑުމެން ސަމާލުވާން ވެއްޖެ. އެކި ދުވަސްވަރު އެކި ގޮތަށް -- ވެރިކަމުގައި ތިބޭއިރު ވަކި ވާހަކައެއް، ވެރިކަމުގައި ނެތް އިރު ވަކި ވާހަކައެއް، ކޮންމެ މީހަކަށްވެސް އެ މީހަކަށް ވޯޓް ލިބޭ ގޮތް އެއީ ރައްޔިތުން ހައްގާ ގުޅިފައި އޮންނަ ގޮތް -- އެހެންވީމަ އެ މީހުންގެ މަަސައްކަތަކީ އެ މީހުން ބޭނުންވާ ގޮޑި. އެހެންވީމަ އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭ،" ޝައިހް ވިދާޅުވިއެވެ.
ޝައިހްގެ ދަރުސްގައި ސިޔާސީ ލީޑަރުންނަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ވިދާޅުވީ "ދެމޫނު"ގެ އަނިޔާވެރި ސިޔާސަތުގެ ބަދަލުގައި ދިވެހި މުސްލިމުން މުޖްތަމައުގެ މައްޗަށް ހިންގަން ޖެހޭނީ އިސްލާމީ ޝަރީއަތް ކަމަށެވެ. އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ހައްގެއް އެއްވެސް އިންސާނަކަށް ލިބިފައިނުވާ ކަން ހަނދާން ކޮށްދެއްވިއެވެ.
"ސިޔާސީ ދާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 'ދެ މޫނު' ގެ އަނިޔާވެރި ސިޔާސީ ނިޒާމުތައް އަޅުގަނޑުމެންގެ މައްޗަށް ތަންފީޒު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެރިރައްބުގެ މަތިވެރި ޝަރީއަތް އަޅުގަނޑުމެންގެ މައްޗަށް ތަންފީޒު ކުރާށެ، އޭގެ މައްޗަށް ސިޔާސަތުތައް ތަންފީޒު ކުރާށޭ، 'ދެމޫނު'ގެ އަވާގައި ނުޖެހި އިސްލާމްދީނާއި މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރާ ބަޔަކަށް ތިބޭފުޅުން ވެވަޑައިގަންނަވާށޭ. އެމީހުންގެ ހައްގުގައި ދޭންޖެހޭ ގުރުބާނީއެއް ދޭށޭ. އެމީހުންނަށް މާލީ ގޮތުން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެ އެހީތެރިކަމެއް ދޭށޭ،"
މީގެ އިތުރުން މުސްލިމު ދިވެހި ރައްޔިތުންނަށް މާނަވީ ގޮތުން ދޭޖެހޭ އެހީތެރިކަން ދިނުމަށާއި ދިވެހި މުސްލިމު ރައްޔިތުންގެ ހައްގުގައި ބައިނަލްއަގްވާމީ ދުނިޔޭގައި ބުނަން ޖެހޭ ހަަައްގު ބަސް އެއްވެސް ޖެހިލުމެއް ނެތި އަދި ވަކި ބައެއްގެ މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި ބުނުމަށްވެސް ވެރީންނަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ޝައިހް ވަނީ މައިންބަފައިންނާއި ޒުވާނުން އަދި އަންހެނުންނަށްވެސް މި ދަރުސްގައި ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ.
"މައިންބަފައިންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އިސްލާމްދީނަށް ލޯބި ޖައްސުވާ އެ ދީނުގެ މައްޗަށް ފަހުރުވެރިވާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާާށޭ. ގައުމުގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހުޅަނގުގެ 'ދެމޫނު'ގެ މުނާފިގު ކަމާމެދު ސަމާލުވާށެ. އެމީހުންގެ ގޮވާލުންތަކަށް ރޭރުވާ ބައެއް ކަމުގައި އަޅުގަނޑުމެން ޒުވާނުން ނުވާށޭ. ކަނބަލުންނަށް ދަންނަވާލަން ބޭނުން ވަނީ ތިޔަ ކަނބަލުންގެ އިއްޒަތާއި އަބުރާއި ކަރާމާތް ނަގާލި 'ދެ މޫނު'ގެ ފަލްސަފާގެ އަހުލުވެރީންގެ ރީތި ކުރެވިފައިވާ ޝިއާރުތަކުގެ އަވާގައި ތިޔަ ކަނބަލުން ޖެހިވަޑައިނުގަންނަވާށެ،"
މީގެ އިތުރުން އަންހެނުން އެމީހުންގެ އިއްފަތްތެރިކަން ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަސިއްޔަތް ކުރެއްވިއެވެ. އަދި ކޮންމެ ދިވެއްސަކީ އިސްލާމުންގެ ހައްގުގައި ވަކާލާތު ކުރާ އިސްލާމް ދީނުގެ އުސޫލުތައް އިއާދަ ކުރުމަށް ފަރުދީ ގޮތުންނާއި ޖަމައީ ގޮތުން މަސައްކަތް ކުރާ ބަޔަކަށް ވުމަށް ޝައިހް ވަނީ ނަސޭހަތްތެރިވެފައެވެ.