ދުނިޔެ

އީޔޫ ސަމިޓް ނިމިއްޖެ، ހަކަތަ މައްސަލަ ހައްލެއް ނުވި

ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބުރާސްފަތި ދުވަހު ފެށި އީޔޫ ސަމިޓް ކޮޅެއްގައި ނުޖެހި ނިންމާލަން ޖެހިއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވެރިން ވަރަށް ކުއްލި ކޮތަށް އެއްތަންވެ ވަޑައިގެން ސައްލާ ކުރެއްވީ މައިގަނޑު ތިން ކަމަކާ ބެހޭ ގޮތުންވެ. އެއީ ޔުކްރޭނަށް އިތުރު އެހީ ތަނަވަސް ކުރުމެވެ. ރަޝިއާއަށް ދަތިކުރަން ފިޔަވަޅުތައް ހަރުކަށި ކުރުމެވެ. ޔޫރަޕަށް ބޭނުންވާ ތެލާއި ގޭސް ރަޝިއާ ނޫން ގައުމަކުން ހޯދުމެވެ.

ދެދުވަހަށް ފަހު ވަގުތު ހަމަވެގެން މަޖިލީސް ނިންމާލަން މަޖުބޫރުވި އިރުވެސް، މިއިން އެއްވެސް ކަމަކަށް ދެމެހެއްޓެނިވި ހައްލެއް ނުހޯދުނެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެންމެ މަތީ ވެރިންގެ ބައްދަލުވުމުން ދުނިޔެއަށް ފާޅުވެގެން ދިޔައީ ރަޝިއާއާ ވާދަ ކުރެވިދާނެ ދެމެހެއްޓެނިވި ރޭވުމެއް މުޅި ޔޫރަޕްގައި ނެތް ކަމެވެ.

ޔޫރަޕް ގައުމުތަކަށް ބޭނުންވާ ހަކަތަ ހޯދުމުގައި ރަޝިއާއިން ގުދުރަތީ ގޭހާއި ތެޔޮ ލިބޭހާ ހެޔޮ އަގުގައި އަދި އެހާ ފަސޭހައިން ތެލާއި ގޭސް ހޯދާނެ އެއްވެސް ކޮޅެއް، ގައުމެއް އަތްފޯރާ ފަށުގައި ނެތް ކަމެވެ.

ޔުކްރޭނަށް އިތުރު ހަތިޔާރު ފޮނުވުމުގައި ވެސް މަޝްރަހު އޮތީ ޔޫރަޕަށް ކުޅިފަސް ލިބޭ ގޮތަކަށް ނޫނެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އަސްކަރީ ހަމަލާތަކުގައި މުޅި ޔޫރަޕް ޔުކްރޭން ކޮޅަށް އަރައި މަސްދުވަސް ފާއިތުވިއިރު، ޔޫރަޕް ގައުމުތަކުގެ ދިފާއީ ބަޖެޓަށް ވަނީ ލޮޅުން އަރާފަ އެވެ.

ޔުކްރޭނަށް އިތުރު ހަތިޔާރު ފޮނުވުމާ މެދު ބައެއް ގައުމުތަކުން ބުނަނީ ބަޖެޓް ތަން ނުދޭ ކަމަށާއި ގައުމުގެ ދިފާއުގައި ވެސް ޖަހާލެވޭނެ ބަޑިއެއް އޮންނަން ވާނެ ކަމަށެވެ.

މުޅި ދުނިޔެ ރަޝިއާއަށް ދަތި ކުރަމުން ގެންދާއިރު އެ ވޭން ތަހަންމަލު ކުރަން ޖެހޭނީ ހަމައެކަނި ރަޝިއާއަކަށް ނޫނެވެ. ހުރިހާ ގައުމަކުން އެ ތަކުލީފު އުފުލަން ޖެހޭނެ އެވެ.

އެމެރިކާ އާއި އިނގޭސި ވިލާތް އަދި ވިލާތުގެ ގައުމުތަކާ ހެދި ދުނިޔެއަށް ލައިގެންފާނެ އިންސާނީ ކާރިސާއަކަށް އދ. ވެސް އޮތީ ބިރުންނެވެ.

ކުރިމަތިވެދާނެ ނުތަނަވަސްކަމާ ބެހޭ ގޮތުން އިންޒާރު ދިނުމުގެ އިތުރުން އދ. އަކީ އެއްވެސް ކަމެއް ކުރެވޭ ވަރުގެ ޖަމާއަތެއް ނޫނެވެ.

ޔޫރަޕް ގައުމުތަކުގެ ވެރިން މަޖިލީސް ނިންމާލުމަށް ފަހު ބްރަސެލްސް ދޫކުރައްވައި ވަނީ ރަށަށް ވަޑައިގެންފަ އެވެ. ޔުކްރޭނަށް ފޯރުކޮށް ދޭން ވައުދުވި އެހީ އޮތީ އޮތް ތަނުގަ އެވެ. ޔުކްރޭން އަޅިއަށް ވެގެން ދާތަން ބަލަން ތިބުން ނޫން ގޮތެއް މިވަގުތަކަށް އަދި ނެތެވެ.