ލައިފްސްޓައިލް

ހިނދުކޮޅެއް ތެރޭ ދެ ފަހަރު ސަލާމަތްވެއްޖެ

ބައިސްކަލެއް ދުއްވާފައި ދިޔަ ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ކުޑަ ވަގުތުކޮޅެއް ތެރޭ ދެ ފަހަރު ސަލާމަތްވި މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. މި ވީޑިއޯ ބަލާފައި އެންމެން ވެސް ބުނެފައިވަނީ ކުއްޖާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދެ ފަހަރަށް މަރުން ސަލާމަތްވެފައިވަނީ "މުއުޖިޒާތެއް" ފަދަ ގޮތަކަށް ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެގެން އުޅޭ ވީޑިއޯއަކީ މި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުން ރެކޯޑް ކޮށްފައިވާ ފުޓޭޖް އެވެ.

މި ވީޑީއޯގައި ފެންނަނީ އިންޑިއާގެ ކެރެލާގެ ކަންނަންނޫރުގެ ޗިރައްކަލް ކިޔާ ރަށެއްގައި ދިރިއުޅޭ ކުއްޖަކު ބައިސްކަލްގައި ހަނި ގޯޅިއަކުން ވަރަށް ކާރޫ ބާރޫ ބޮޑު މަގަކަށް ކުއްލިއަކަށް ވަރަށް ބާރަށް ނުކުންނަ މަންޒަރެވެ.

މާޗް 20 ވީ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި ކުއްޖާއަށް ނުކުމެގެން ދިޔަ ގޮތަށް ގޮސް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ ވެއްޓެމުން ފުރޮޅެމުން ގޮސް މަގުގެ އެއްފަރާތަކަށް ވެއްޓެއެވެ. އޭނާގެ ބައިސްކަލް ވެއްޓިފައި އޮތީ މަގު މެދުގައި ކަމުން ބާރަށް ދުއްވާފައި އައި ބަހެއްގެ ދަށުވެ ބައިސްކަލް ވަނީ ފުނޑުފުނޑުވެފަ އެވެ.

ވީޑިއޯ

ބައިސްކަލާއި ސައިކަލު ޖެހި ފުރަތަމަ ހިނގި އެކްސިޑެންޓުގައި ކުއްޖާ ވިއްސައިގެން ގޮސް މަގު މެދުގައި ޖެހިފައި އެ އޮތް ގޮތަށް އޮތްނަމަ ބައިސްކަލެކޭ އެއްގޮތަށް ކުއްޖާވެސް ފުނޑުފުނޑުވީހެވެ. ކުއްޖާގެ ނަސީބު ރަނގަޅުކަމުން ވެއްޓުނީ މަގުގެ އެއް ފަރާތަކަށް ކަމަށް ވާތީ ކުއްޖާގެ ފުރާނަ ސަލާމަތްވީ އެވެ.

މި ހާދިސާގައި ދެ ފަހަރަށް ކުއްޖާގެ ފުރާނަ ސަލާމަތްވެފައިވަނީ ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ފުރަތަމަ މޮޓޯސައިކަލުން ޖެހި ހިންގި އެކްސިޑެންޓްގަ އެވެ. ދެ ވަނަ ފަހަރަށް ބަހުގެ ދަށުގެ ނުވެ ސަލާމަތް ވުމެވެ.

މި ވީޑިއޯ ބެލި އެންމެން ވެސް ވަނީ އެ ދުވަހު ކުއްޖާގެ ފުރާނަ ދެ ފަހަރަށް ސަލާމަތްވީ ނަސީބު ގަދަކަމުން ކަމަށެވެ.

އޮކްޓޯބަރު 2021ގައި އިންޑިއާއިން ނެރުނު ތަފާސް ހިސާބުތައް ބުނާ ގޮތުގައި އެކްސިޑެންޓުތަކުގައި އެ ގައުމުގައި މަރުވާ މީހުންގެ 25 ޕަސެންޓަކީ މަގުމަތީ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނެވެ.