ބޮލީވުޑް

ފުރަތަމަ ތިން މަހު އުޅުނީ ވަރަށް ހާލުގައި: ސޯނަމް

ބޮލީވުޑްގެ އެންމެ ސްޓައިލްގެ ގޮތުން އަރާހުރި ބަތަލާ ސޯނަމް ކަޕޫރު ބަނޑުބޮޑުކަން އިއުލާން ކުރީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ. ސޯނަމް މިކަން އިއުލާން ކުރުމުން އޭނާގެ ފޭނުން އުފަލުން މަރުހަބާގެ މެސެޖުތައް ފޮނުވާފައި ވެއެވެ. މޭ 2018 ގައި ސޯނަމް އާއި އާނަންދް އަހުޖާ ކައިވެނިކުރީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުގަ އެވެ.

އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކުރުމަށް ފަހު ސޯނަމް ވަނީ ބަލިވެ އިނުމާ ގުޅިގެން ދިމާވި ބައެއް މައްސަލަތައް ވެސް ހިއްސާ ކޮށްފަ އެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ސޯނަމް ބުނީ ބަލިވެ އިން ފަހުން ފާއިތުވީ ފުރަތަމަ ތިން މަސް ދުވަހު އުޅުނީ ވަރަށް ހާލުގައި ކަމަށެވެ. އަދި އެ ފަދަ ކަންކަން ދިމާވެދާނެކަމަށް އޭނާ ހުރީ އެއްގޮތަކަށް ވެސް ތައްޔާރަށް ނޫން ކަމަށް ވެސް ސޯނަމް ބުންޏެވެ.

"ވަރަށް އުނދަގޫތަކާ ކުރިމަތިވި. އެއްވެސް މީހަކު އެ ކަހަލަ ވާހަކަތައް ކިޔައިދީފައި ނެތީމަ އެ ތަޖުރިބާ ވީ ވަރަށް އުނދަގޫ ތަޖުރިބާ އަކަށް. އެންމެން ވެސް ބުނަނީ ބަލިވެ އިނީމަ އެ ކުރެވޭ އުފާވެރި އިހްސާސްތަކުގެ ވާހަކަ. އެކަމާ ގުޅިގެން އުފުލަން ޖެހޭ ވޭންތަކުގެ ވާހަކަ އެކަކުވެސް ކިޔައެއް ނުދޭ،" ވޯގް މަޖައްލާއަށް ދީފައިވާ އިންޓަވިއު އެއްގައި ސޯނަމް ބުންޏެވެ.

ބަލިވެ އިނުމާ ގުޅިގެން ކުރިޔަށް ވުރެ ބޮޑަށް ސިއްހަތަށް ފަރުވާތެރިވެގެން އުޅޭ ކަމަށާއި ޔޯގާ އާއި ވެއިޓް ޓްރެއިނިން ވެސް ކޮންމެވެސް ވަރަކަށް ހަދަމުންދާ ކަމަށް ސޯނަމް ބުންޏެވެ.

ބޮލީވުޑް ކެރިއަރަށް ބަލާއިރު ސޯނަމް ދެން އެންމެ އަވަހަށް ފެންނާނީ "ބްލައިންޑް" ކިޔާ ފިލްމަކުންނެވެ. ޝޯމޭ މަކީޖ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސޯނަމްގެ އިތުރުން ޕޫރަބް ކޯލީ އާއި ވިނޭ ޕާތަކް ބައިވެރިވެ އެވެ. މިއީ 2011ގައި ނެރުނު ހަމަ މި ނަން ކިޔާ ކޮރެއާ ފިލްމެއްގެ ހިންދީ ރިމޭކް އެކެވެ.