މާލޭގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވަން ފުލުހުންނަށް އިރުޝާދު ދިނީ އިންޑިއާ މީހެއް ކަމަށް ބުނެ މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަ ބިދޭސީ މީހާ ނިސްބަތްވާ ގައުމު ފުލުހުން ހާމައެއް ނުކުރި އެވެ.
ނޫސްތަކުގައި އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލްގައި އިނދެގެން ބިދޭސީ މީހާ ދިޔައީ ފުލުހުން އަމަލު ކުރަންވީ ގޮތް ބުނެދެމުންނެވެ. އަދި އެއީ އިންޑިއާ މީހެއް ކަމަށް ބައެއް ނޫސްތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ނޫސްތަކުގައި ބިދޭސީ މީހާގެ ފޮޓޯ އާންމުކުރުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އެ ބިދޭސީ މީހާގެ ފޮޓޯ ވައިރަލްކޮށް ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔާފަ އެވެ. އަދި އެމީހާ އަކީ އިންޑިއާ މީހެއް ކަމަށް ތުހުމަތުކޮށް ބައެއް އާންމުން ވަނީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަދެފައި އޮތް މިންވަރު ބިދޭސީ މީހާގެ އަމަލުތައް ހުރި ގޮތުން އެކަނިވެސް ހާމަވާ ކަމަށް ބުނެފަ އެވެ.
ބިދޭސީ މީހާގެ އަމަލުތަކާ މެދު ކަންބޮޑުވި ބައެއް މީހުން ވަނީ އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. އެކަމަކު އެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ބިދޭސީ މީހާ އަކީ ފުލުހުންގެ އިދާރާގައި ސިއްހީ ހިދުމަތް ދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި ބިދޭސީ މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާ އެކުގައި ކަމަށްވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުންގެ މެސެޖުގައި ވެސް ބިދޭސީ މީހާ ނިސްބަތްވާ ގައުމު ބުނެފައެއް ނުވެ އެވެ.
"ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާ ކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ.
އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެމީހުން އަދި ދޫކޮށްލާފައެއް ނުވެ އެވެ.