އިސްލާމިކް ސްޓޭޓް

އައިއެސްއާގުޅޭ ޖާސޫސީ މައުލޫމާތު ރަޝިއާއަކަށް ނުދެން: ތޯލިބާން

ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތާ ގުޅޭ ޖާސޫސީ މައުލޫމާތު ރަޝިއާ ސަރުކާރާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުން ހިއްސާކުރާ ކަމަށް ދެކެވޭ ވާހަކަތައް އެ ޖަމާއަތުން ދޮގުކޮށްފިއެވެ.

ތާލިބާނުން ދަނީ އައިއެސްއާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެ ޖަމާއަތުން ބޭނުންވަނީ އައިއެސް ވުޖޫދުން ނައްތާލާށެވެ. ތާލިބާން ޖަމާއަތުގެ ތަރުޖަމާނު "އަލްޖަޒީރާ"އަށް ބުނެފައިވަނީ "އައިއެސް ބަލިކޮށް، ވުޖޫދުން ނައްތާލުމަށް އިތުރު ފަރާތެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވޭ،"

"އަހަރެމެން ރަޝިއާ އާއެކު ވާހަކަތަކަށް ދައްކަން، އެކަމަކު އައިއެސްއާ ގުޅޭ ގޮތަކުން ނޫން، އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ގައުމުން ބޭރު ގައުމުގެ ސިފައިން ބޭރުކުރަން، އެކަމާ މި ވާހަކަ ދައްކަނީ،" އޭނާ ބުނެފައިވެއެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނުގައި އުޅެއެެވެ. ނަމަވެސް އެއީ މަދު ހަނގުރާމަވެރިން ކޮޅެކެވެ. ތަރުޖަމާނު ބުނެފައިވާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން އުޅެމުންދަނީ އެ ގައުމުގެ ނަންގަހާރް ޕްރޮވިންސްގައި އެކަންޏެވެ. އެއީ ތާލިބާނުންނަށް އޮތް ބިރެއް ނޫން ކަމަށް ބުންޏެވެ.

ތާލިބާނުން މިހެން ބުނެފައިވާއިރު ރަޝިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް އަދި ރަޝިއާގެ ރައީސް ވުލެޑިމިއާ ޕޫޓިން އަފްގާނިސްތާނަށް ކަނޑައަޅާފައިހުންނަ ރެޕްރަޒެންޓޭޓިވް ޒަމީރު ކަބްލޮވް ވަނީ ތާލިބާނުންނާއި ރަޝިއާއިން މައުލޫމާތު ބަދަލުކުރާ ކަމަށް ވިދާޅުވެފައެވެ.

ތާލިބާނުންނަކީ އަބަދުވެސް އެމީހުންގެ ބާރާއި އުސޫލަށް ބުރޫ އަރާފަދަ ވާހަކައެއް މީޑިއާތައް ދައްކާނަމަ އެކަން ދޮގުކުރާ ޖަމާއަތެކެވެ. އެއީ އެ ޖަމާއަތުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.