މާދަމާ އައްޑޫ ސިޓީގައި ހުޅުވޭ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯއެންފޯސްމަންޓްގެ ސަބަބުން ފުލުހުންގެ ފަރާތުން ހިނގާ އިޖުރާއީ މައްސަލައަކާއި ގުޅިގެން ކުށްވެރިން ދޫވުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މި ފަހުން ފުލުހުން ހިންގާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި ޗެއިން އޮފް ކަސްޓަޑީ އާއި އެ ނޫންވެސް ބައެއް އިޖުރާއީ މައްސަލަތައް ދިމާވެގެން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރީ ބޮޑެތީން ދަނީ ދޫވަމުންނެވެ.
އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަސްތުވާތަކެއްތީގެ މައްސަލަތަކުގެ އިތުރުން އެނޫން އެއްވެސް ޖިނާއީ މައްސަލައެއްގައި ފުލުހުންގެ ފަރާތުން ހިނގާ އިޖުރާއީ މައްސަލައަކާއި ގުޅިގެން ކުށްވެރިން ދޫވުމަކީ ފުލުހުންގެ މުއައްސަސާއިން އެދޭ ގޮތެއް ނޫން ކަމަށެވެ.
އަދި އެފަދަ ކަންކަމަށް ފުލުުހުން ތަމްރީނުކޮށް ތާޒާ ކުރުމަކީ ވަރަށް އިސްކަމެއްދީ ގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ. އަދި މާދަމާ އައްޑޫ ސިޓީގައި ހުޅުވޭ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯއެންފޯސްމަންޓަކީ އެކަމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.