ދިވެހިންގެ އަސާސީ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބިނާކޮށްފައިވާ ރާއްޖެ އިންޑިއާ ތަރައްގީގެ ގުޅުން މިއަދު ވަނީ 2.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާފައި ކަމަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ޖައިޝަރު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު އެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގެ ތަފްސީލާ އަދި ރާއްޖެ-އިންޑިއާ ގުޅުން ސާފުކޮށްދެއްވާ ޖައިޝަންކަރު ވަނީ ދިވެހި ބަހުން ޓްވީޓްތަކެއް ކުރައްވާފައެވެ.
އެ ޓްވީޓްތަކުގައި ވިދާޅުވީ ދިވެހިންގެ އަސާސީ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބިނާކޮށްފައިވާ ރާއްޖެ އިންޑިއާ ތަރައްގީގެ ގުޅުން މިއަދު ވަނީ 2.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާފައި ކަމަށެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ވަނީ ދެ އަހަރު ތެރޭގައި ބޮޑު ކުރިއެރުން ހޯދައިފައި ކަމަށާ ކުރިއަށް އޮތް މަސްތަކުގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"... 4000 ހައުސިން ޔުނިޓްގެ އެޅުން ބޯފެން އަދި ސެނިޓޭޝަން މަސައްކަތް އާއި އައްޑޫ މަގު ހެދުމުގެ މަސައްކަތް ވަނީ ފެށިފައި،"
މީގެ އިތުރުން ދަ ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރުންނަށް ތަމްރީނުދީ ކުށްކުރުމާއި ދެކޮޅަށް ކުރާ މަސަތްކަތުގެ ގާބިލުކަން އަހަރުތަކަށް ފުޅާކުރެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ކޯސްޓަލް ރާޑާ ސިސްޓަމްއިން ރާއްޖެ އާއި މުޅި ސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު ވެސް އެހީތެރިވެދެވޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް-19 ސެޓްފިކެޓް ދެ ގައުމުން ބަލައިގަތުމުން ރާއްޖެ އިންޑިއާ ދަތުރުތަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. ޖައިޝަންކަރު ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިން ކަންވެސް ފާހަގަ ކުރައްވާފައެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށް ދެވިފާވާ ކަމަށް ވިދާޅުވިއެވެ. އަދި އަހަރެއް ފަހުން އަނެއްކާވެސް ރާއްޖެ އައުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިންވެސް ބޮޑުވަޒީރު މޯދީ އާއި ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން ދެ ގައުމުގެ ގުޅުން ހަރުދަނާވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދެމެހެއްޓެނިވި ގުޅުމުގެ އަމާޒަކީ ކުރިން ދެކެފައި ނުވާ ބާރުމިނެއްގައި ރައްޔިތުންގެ ދިރިއުޅުމަށް ވާސިލްވުމެވެ.
މި ގުޅުމަކީ މިސަރަޙައްދުގެ ހަމަޖެހުމާއި ތަރައްގީގެ ބާރެކެވެ. މި ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަކީ އަޅުގަނޑުމެން އެންމެން ހިއްސާވާ ޒިންމާއެކެވެ،" ޖައިޝަންކަރު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.