ސާފް ސުޒުކީ ކަޕް

ނާއިޒް: ރާއްޖެ ފަހުރުވެރި ކޮށްދީފާނެ ފޯވަޑެއް

"ފުރަތަމަ ފެނުނު ދުވަހު ވެސް އަހަރެން ބުނިން ކޮންމެ އަގެއްކިޔަސް ހެވޭ. ފަސް އަހަރަށް ކޮންޓްރެކްޓް ހައްދާށޭ. އެއީ ތަފާތު މޮޅު ކުޅުންތެރިއެއް،"

މިއީ ޓީސީ އާއި ގައުމީ ޓީމުގެ ޒުވާން ފޯވަޑް ނާއިޒް ހަސަންއާ ބެހޭ ގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނި ވާހަކަ އެވެ.

ދ. ރިނބުދޫ އަށް އުފަން ނާއިޒް އިއްޔެ ވަނީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ބަންގާޅު އަތުން ރާއްޖެ މޮޅު ކޮށްދިން ލަނޑު ޖަހައިދީފަ އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޅެން އަރާ އޭނާ މި ލަނޑު ޖެހީ ލިބުނު ފުރަތަމަ ބޯޅައިންނެވެ. ކޮންމެކޮންމެ ފޯވަޑަކު ނަމަ ގައިގައި ހުރިބާލެއް ލާފައި ޖަހާނެ ކަހަލަގޮތަކަށް ލިބުނު ބޯޅަ އޭނާ މަޑުމަޑުން ގޯލުތެރެއަށް ޖައްސާލީ އެވެ.

ގައުމީ ޖާޒީގައި އޭނާ ޖެހި ފުރަތަމަ މި ލަނޑަކީ މި އަހަރުގެ ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން ރާއްޖޭގެ ބޮޑެތި ބައެއް ކުލަބުތަކުން އޭނާ އަށް އަމާޒުކުރި ފާޑުކިއުންތަކަށް ދީފައިވާ ވަރަށް ރަނގަޅު ރައްދެއް ވެސްމެ އެވެ. ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ވެސް މެޗަށް ފަހު ނާއިޒަށް ތައުރީފުކުރި އެވެ.

"ނާއިޒް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އަހަންނަށް ވަރަށް ކަމުދާ އަދި ކުރިމަގުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު އެމީހެއްގެ މައްޗަށް ބިނާވެދާނެ ފަދަ ކުޅުންތެރިއެއް. އޭނާގެ އެބަހުރި ކޮލިޓީ. އަނިޔާގެ ސަބަބުން ބައެއް މެޗުތަކުގައި ނުކުޅެވުނު ނަމަވެސް އޭނާ ވަނީ މި އަހަރުގެ ސީޒަނުގައި އަހަރެން އޭނާ އަށް ޝައުގުވެރިވާނެ ފަދަ ކުޅުމެއް ދައްކާދީފައި،" ގައުމީ ކޯޗު ހާބަޓް ބުންޏެވެ.

ނާއިޒަށް ލައްވައި ފަސް އަަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުވަން ނިޒާމްބެ ޓީސީގެ މެނޭޖްމަންޓުގައި އެދުނީ ދެ ވަނަ ޑިވިޝަނުގައި އެ ޓީމު ކުޅުނުއިރު މިދިޔަ އަހަރު އެ ޓީމުގެ ޓްރަޔަލްގައި ބައިވެރި ކުޅުންތެރިންތެރިންގެ ތެރެއިންނެވެ.

"އެދުވަހު ޓުވީޓް ކުރިން އިރާދަކުރެއްވިއްޔާ 2018ގައި ރާއްޖޭގެ ފުޓްބޯޅަ ދަނޑުން އާހުނަރުވެރިއެއް ނެރޭނެ ކަމަށް. އެހެން ނަމަވެސް އެއަށްވުރެ މާކުރު މުއްދަތެއްގެ ތެރޭގައި ނާއިޒްގެ ފެށުން މިދިޔައީ ފެނިގެން. މިއަދު (އިއްޔެ ބަންގާޅުކޮޅަށް) ނާއިޒް ލަނޑު ޖެހުމުން އުފަލުން ފެންކަޅިވި. ސަބަބަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބުނީމަ. އުއްމީދު ކުރަނީ ނާއިޒް އާއި އެހެން ޒުވާން ކުޅުންތެރިންނަށް ފާގަތި މުސްތަގްބަލެއް ލިބުން،" ބަންގާޅު މެޗަށް ފަހު ނިޒާމްބެ އަވަސް އަށް އިންޓަވިއު ދެމުން ބުންޏެވެ.

އިތުރަށް އޭނާ ބުނީ ނާއިޒް އަކީ ވަރަށް ހުނަރުވެ އަދި އެހާމެ އަހުލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށާއި މިހާރު އޭނާ ކުރަމުންދާ މަސައްކަތާއި އުޅުމަށް ބަދަލު ނުގެނެސް އުޅެފިނަމަ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހް އިތުރަށް ފުރިހަމަކޮށްދޭނެ ކުޅުންތެރިއަކަށް ނާއިޒްވާނެ ކަމަށެވެ.

"އަދި ވަރަށް ގިނަ ހަރުފަތް އެބަހުރި ކަޑައްތުކުރަންޖެހޭ. އޭނާ އަށް ކޯޗާއި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. މިހާރު ވެސް ދަގަނޑޭ، ނާއިޒްއާ މެދު ބަހައްޓާ ހާއްސަކަން ފާހަގަކޮށްލަން ބޭނުން،" ނިޒާމްބެ ބުންޏެވެ.