ވަރަށް ގިނަ މީހުން އެމީހުންގެ ގުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެންނަން ނުވަތަ އެމީހާގެ ވަކި ގުނަވަނެއް ހުރި ގޮތާ ހިތްހަމަނުޖެހިގެން އެ ގުނަވަނެއް އެ ހުރި ގޮތް ނޫން ރީތި ގޮތަކަށް ބަދަލު ކުރަން އެކި ކަހަލަ ފަރުވާތައް ހޯދަ އެވެ. މިފަދަ ފަރުވާތަކުގެ ތެރޭގައި ބިއުޓީ ޓްރީޓްމަންޓްތައް ވެސް ހިމެނެ އެވެ.
ޓިކްޓޮކްގައި ވަރަށް މަޝްހޫރު ލެޒީ ބަޔާޒް އަކީ ވެސް މިފަދަ ޒުވާނެކެވެ. އުމުރުން 21 އަހަރުގެ ލެޒީ ދާދިފަހުން އޭނާގެ ނިތްކުރިއަށް ބޮޓޮކްސް އިންޖެކްޝަން ޖެހި އެވެ. ބޮލުގައި ރިހުން ރަނގަޅުވެފައި ނިތްކުރި ރީތިވާނެ ކަމަށާއި މި ފަރުވާ އިން ލިބޭނެ ގިނަ ގުނަ ފައިދާތައް އަޑުއަހާފައި އެ ވާހަކަތައް ގަބޫލު ކޮށްގެންނެވެ. ނަމަވެސް ލެޒީ ހީކުރި ގޮތާ ޚިލާފަށް މި އިންޖެކްޝަންގެ ސަބަބުން އޭނާގެ މޫނު ވަނީ ބަލާލަން ނުކެރޭ ވަރަށް ހުތުރު ސިފައަކަށް ބަދަލު ވެފަ އެވެ.
ޓިކްޓޮކްގައި މި ވާހަކަ ޝެއާ ކުރަމުން ލެޒީ ބުނީ އޭނާ ބޮޓޮކްސް ފަރުވާ ހޯދަން ދިޔަ ތަނުން އޭނާއަށް ވަރަށް ރަނގަޅު ޕެކޭޖް ޑީލެއް ދިން ކަމަށެވެ. އެހެންވެ ނިތްކުރިއާއެކު މޫނުގެ އެހެން ބައެއް ތަންތަނަށް ވެސް އޭނާ އިންޖެކްޝަން ޖެއްސުވި އެވެ.
ލެޒީ ބުނި ގޮތުގައި ޕެކޭޖް ޑީލެއް ވީމަ ބާކީ އިންޖެކްޝަންތައް ހުރީމަ އެ ޖަހަން އެންމެ ރަނގަޅީ ކޮން ތަނަކަށްތޯ އޭނާ އެތަނުގައި ހުރި އެޓެންޑެންޓާ ސުވާލު ކުރި އެވެ. އެމީހާ ބުނީ ކޯތާ ފަތަށް ޖެހީމަ ރަނގަޅުވާނެ ކަމަށެވެ.
ލެޒީ އަކީ ނިދީގައި ދަތްކާރުވާ މައްސަލަ ހުންނަ މީހަކަށް ވާތީ އެކަން ހައްލުވާނެ ކަމަށާއި މޫނު މާ ހިމަކަމަށް ދައްކާނެ ކަމަށް އެޓެންޑެންޓް ލަފާ ދިން ކަމަށް ވެސް ލެޒީ ބުންޏެވެ.
ނަމަވެސް މި އިންޖެކްޝަންތައް ޖަހައިގެން ލެޒީގެ މޫނު ރީތިވުމުގެ ބަދަލުގައި އޭނާގެ މޫނުގެ އެކި ތަންތަންގަނޑު ނުކުމެ މިހާރު މުޅިން ވަނީ ސިފަ ބަދަލުވެފަ އެވެ.
"އަހަރެން ދެ ދަތްޕިލަ ފިއްތާލާއިރަށް ކޮލުގެ އެކި ތަންތަންގަނޑު ހުންނަނީ ނުކުމެފައި،" ލެޒީ ބުންޏެވެ.