އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި އޮތް މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެ ސިޓީގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަކީ މުޅި އައްޑޫގެ ތާރީހުގައި ވެސް ކުރިއަށްދާ އެންމެ ބޮޑެތި މަޝްރޫއުތަކެއް ކަމަށް ފާހަގަކުރައްވާފަ އެވެ.
ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާ ކަންކަމާއި، އައްޑޫގައި ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވެވި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި، ޒޯން ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ވަސީލަތްތައް ގާއިމުކުރުމާއި، އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާއި، އިންސާނީ ވަސީލަތް އިތުރުކުރުމާއެކު އައްޑޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ފަށައިގަތުން އަވަސްކުރުމާ ގުޅޭގޮތުން ކައުންސިލަރުން ވާހަކަ ދެއްކެވި އެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި، މަގުތައް ތަރައްގީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި، ސިޓީގެ ތަރައްގީއަށް ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން އެކި ރަށްރަށާއި ސިޓީތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދާނީ ކައުންސިލާއި ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.
އައްޑޫގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ސޯލިހާއި އެމަނިކުފާނުގެ އަރިހުގައި އައްޑޫއަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ކައުންސިލާ ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުންގެ ހިޔާލު ހުރި ގޮތް ވެސް ހޯއްދަވާފަ އެވެ. އަދި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި އައްޑޫ ތަމްސީލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އިއްޔެ އައްޑޫ އަށް ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.