އައްޑޫ ސިޓީ

އައްޑޫ ބިން ހިއްކުން ނެދަލެންޑްސްގެ ކުންފުންޏަކަށް

Mar 27, 2022
1

އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި މިއަދު ހުޅުވި ޕޮލިސް އެކަޑަމީގެ އޮޑިޓޯރިއަމްގަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީން އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

  • ހިތަދޫން 90 ހެކްޓަރުގެ ބިން
  • ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
  • ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
  • މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
  • ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

ވެން އޫޑް އަށް މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް އައްޑޫގެ ބިން ހިއްކައިފިނަމަ ކުރިއަށް އޮތް 50 އަހަރަށް އައްޑޫ އަށް ބިމުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިގްތިސޯދީ މަސައްކަތް ކުރުމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހަމަޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.