( 24 މާރިޗް 2022 އާ ގުޅޭ )
"ޒެންގެ ބެސްޓްފްރެންޑަކީ ކައިދިން ދޯ. ޔުނިވަސިޓީގަ އުޅޭ އެކުވެރީންނަށްވުރެ ޒެން ވޮރީވޭ ކައިދިންއާ ހެދި. ތި ފެމެލީއާ ވެސް އެހާ ކުލޯޒް." ހޫރައިން ބުނެލިއެވެ.
ބައްޕަގެ ނުރުހުން އެކުލެވިފައިވި ހަރުކަށި ބަސްތަކަށް ދެ ކަންފަތް ލައްޕާލަން ބޭނުންވިޔަސް އެ އިޚްތިޔާރެއް ކައިދިންއަކަށް ނެތެވެ. ބައްޕަ ކިޔާނޭ އެއްޗެއް ކިޔަންދެން އޭނާ ހިމޭންކަމުގައި އިނެވެ. އެތައް ސުވާލެއް އޭނާއާ ބައްޕަ ކޮށްފިއެވެ. ކައިދިންގެ ވިޔާނުދާ އުޅުމާމެދު ބައްޕަ ލަދުގަންނަކަން ބުންޏެވެ. އެހެންވިޔަސް ބައްޕަގެ ވާހަކަތަކުން ކައިދިންއަށް އަސަރެއް ކުރިހެން ހިޔެއްނުވެއެވެ. ވާހަކަދެއްކުން ހުއްޓާލާފައި ފުންނޭވާއެއް ހަންނާނު ލީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ. ދަރިފުޅަށް ނަސޭހަތް ދީދީ އޭނާ ވަރުބަލިވެއްޖެކަން އެ މޫނުމަތިން ދޭހަވެއެވެ.
"ބޮނޑިއެއް ލިބުނަސް ދެން ހެޔޮ. ކަމެއް ވިޔަސް ވާނީ ކައިދިންގެ ވިޔާނުދާކަމުން. ކައިރީގަ އުޅޭ ގޮތެއްފޮތެއްނެތް އެކުވެރީންގެ ސަބަބުން. ބައްޕަ ހިތަށް އަރާ ދަރިފުޅު ނަމޫނާއަކަށް ޒެން އެ އުޅޭ ގޮތް ނުބަލަނީ ކީއްވެބާއޭ. ގައިމު ތި ދެކުދީންގެ ދެމެދުގައި އޮތީ ގާތް ވަރުގަދަ ގުޅުމެއް. ބަލަ ކައިދިން! އިސްޖަހައިގެން އިންނީމަ ނިމުނީތަ! މިދައްކާ އެއްވެސް ވާހަކައެއް ކައިދިންއަށް އެބަ އަޑުއިވޭތަ؟. ބުނަން! ކަމެއްވިޔަސް ދެން ބައްޕަގެ އެހީއެއް ލިބޭނެކަމަށް އުންމީދު ނުކުރާތި. މާދަމާއިން ފެށިގެން ޒެހެންމެންނާއެކު އޮފީހަށް ނުކުންނަން ފަށަންވީ. ކުރާ މަސައްކަތަށް މަހު މުސާރަ ލިބޭނެ. އެ މުސާރައިން ކައިދިންގެ އަމިއްލަ ޚަރަދުތައް ބަލަހައްޓާ. އިތުރަކަށް ނުލިބޭނެ. ބައްޕަ އަދިވެސް ދަރިފުޅަށް ފުރުސަތު ދޭނަން. އުޅުން ރަނގަޅުކުރޭ. 1 އަހަރު އަދިވެސް ބައްޕަ މަޑުކުރާނަން. އެ 1 އަހަރުތެރޭ ކައިދިން ރަނގަޅު ބައިވެރިއެއް ޚިޔާރުކުރާނެ ފުރުސަތު މިދެނީ. މަޖުބޫރު ކައިވެންޏެއް ކުރުވާކަށް ބައްޕަ ވެސް ބޭނުމެއްނޫން. އެކަމަކު ދަރިފުޅު ބައްޕައަށް ނިންމުން ނިންމަން މަޖުބޫރުކޮށްފި. ބޭކާރު ގޮތުގައި ކައިދިންގެ އުމުރު ނަގާލަންދެން ބަލާކަށް ނުހުރެވޭނެ." ހަންނާނު އެތައް ވާހަކައެއް ދެއްކުމަށްފަހު ކައިދިންގެ ކޮޓަރިން ނުކުމެއްޖެއެވެ. އިސްއުފުލާލައި ހަށިގަނޑު ސީދާކޮށްލަމުން ކައިދިން ފުންނޭވާއެއް ދޫކޮށްލިއެވެ. މޫނުގައި ދެއަތްތިލައިން ފިރުމާލިއެވެ. ހަށިގަނޑުގެ ވަރު ދޫކޮށްލުމާއެކު އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ.
"ފަ*..." ކައިދިން މަޑުމަޑުން ކިޔާލިއެވެ.
ރޭގަނޑުގެ ވަގުތުތައް ކައިދިންއަށް ދިގުވެއްޖެއެވެ. ފޫހިވެގެން އޭނާ ހަލާކުވަނީއެވެ. ރޭގަނޑަކީ އާންމުކޮށް ހޭލާ އުޅޭ ވަގުތައް ވާތީ ކައިދިންއަށް ނިދާން އުނދަގޫވިއެވެ. ހުޅުވާފައި ހުރި ޓީވީއިން އޭނާ ބަލާހިތްވާ އެއްޗެއް ނެތެވެ. އެނދުގައި ދެއަތަށް ފުރޮޅުންނޫންކަމެއް އޭނާއަށް ނުކުރެވެއެވެ. ދޭތެރެއަކުން ފޯނު ނަގައިން ކޮންމެވެސް ކަމެއްކޮށްލާނެއެވެ.
އެތައް އަހަރަކަށް ފަހު ކައިދިން މާލެ އައިއިރު ރައްޓެހިންގެ ގޮތުގައި ތިބީ ރާއްޖެ ދޫކޮށްދިޔައިރު ވެސް ތިބި ރައްޓެހިންނެވެ. އޭނާއާއެކު އެއީ ފަސް މީހުންގެ ގުރޫޕެކެވެ. އޭނާގެ އުމުރުގެ އެކި ހިސާބުން ދިމާވި އެކުވެރީންނެވެ. އެންމެ ޒަމާންވީ އެކުވެރިއަކީ މުއާޒެވެ. މާލޭގައި ކިޔަވަމުން ދިޔައިރު ސުކޫލުން ދިމާވި އެކުވެރިއެކެވެ. އެއަށްފަހު ބޭރުގައި ކިޔަވަން ހުރި ޔުނިވަރސިޓީއިން ދިމާވީ ވިޝާންއެވެ. ހުސެންއާ އެކުވެރިވީ ވިޝާންގެ ފަރާތުންނެވެ. އެއީ ވިޝާންގެ އެކުވެރިއެކެވެ. ހަމައެފަދައިން ރިޝްވާނުއާ ކައިދިން ބައްދަލުވެ އެކުވެރީންނަށްވީ މުއާޒުގެ ފަރާތުންނެވެ. ކިޔަވާ ނިމިގެން މާލެ އައުމަށްފަހު މުއާޒާ ބައްދަލުވީއިރު އޭނާއާއެކު އަބަދު އުޅޭތަން ފެންނަނީ ރިޝްވާނެވެ. ދެން ހުރީ އުވޭޒެވެ. އޭނާ އެ ގުރޫޕުގެ މީހުންނާ ގުޅުން އުފެދުނީ ކައިދިންގެ ފަރާތުންނެވެ. ކައިދިންއާ އުވޭޒު ބައްދަލުވީ އަހަރުފަހުކޮޅު މަޖާކޮށްލަން ލަންކާއަށް އޭނާ ކުރި ދަތުރުގައެވެ. ކުލަބެއްގެ ތެރެއިންނެވެ. އެގޮތައް ހަމައެކަނި މަޖާކުރުމަށް ޓަކައި އެކުވެރީންނާއެކު އެކިގައުމުތަކަށް ކައިދިން ދިއުމަކީ އާދައެކެވެ. އެހެންވިޔަސް ދަންވަރުގެ އެ ވަގުތުގައި އެއިން މީހަކު ހޭލާ އުޅޭނެކަމެއް ނޭނގެއެވެ. އެމީހުންގެ ދިރިއުޅުމަށް ވެސް ވޭތުވި އަހަރުތަކުތެރޭ ބަދަލުތަކެއް އަތުވެއްޖެކަން ކައިދިން ދެނަހުއްޓެވެ.
"ކައި... ކައި... ހޭލާތަ. ދޮރުހުޅުވަބަލަ."
ކައިދިން ލޯ ހުޅުވާލީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އޭނާގެ ކަންފަތުގައި ޖެހުނު އަޑު ވަކިކުރާން ވަގުތުން އެނގުނެވެ. އެއީ އޭނާގެ ތުއްތައެވެ. އާއިލާގައި މެދަށް ހުންނަ އީނާޝްގެ އަޑެވެ. ވަރުބަލި ގޮތަކަށް ކައިދިން އެނދުން ތެދުވިއެވެ. ރޭގައި ނުނިދިގެން އުޅެފައި ނިދުނީ ކޮންއިރަކުކަމެއް އޭނާއަކަށް ނޭނގެއެވެ. ކައިދިންއަށް ހީވީ ދެންމެ ލޯ މަރާލެވިފައި ލޯ ހުޅުވާލަން ޖެހުނު ހެނެވެ. ބަރުހެލި ގޮތަކަށް ދެއަތަށްކިރެމުންހެން އޭނާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާ ފެންނަންވީއިރަށް ކޮނޑުގައި އީނާޝް ޖަހައި ކޮށްޕާލައިފިއެވެ.
"ދެންމެ ދޯ ތި ހޭލީ. ލަދެއްވެސް ގަންނަ މީހެއްނޫނޭ މީ. ބޮކްސާކޮޅާއެއްކޮށް ނުކުމޭތަ. ލާނެ ސޯޓެއް ވެސް ނެތީތަ... އެންމެން ސައިބޯން އެބަތިބި. ބައްޕަ ބުނީ ކައި ހޭލައިފިތޯ ބަލަން. އާދޭ ސައިބޯން އަވަހަށް. މިއަދު އޮފީހަށް ނުކުންނަން ވެސް ޖެހޭ ދުވަހެއްނު. ތިހުރި ގޮތުން އަދި ތައްޔާރުވެގެން ދެވޭނީ ކޮންއިރަކުން." އީނާޝް ބުނެލިއެވެ.
"ޝިޓް!... ބައްޕަ މޫޑު ހުރީ ކިހިނެއް. ނައްޓާފަތަ؟." ކައިދިންއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު އަވަހަށް އަހާލެވުނެވެ. އޮފީހަށް ނުކުންނަން ޖެހޭނެއޭ ހަންނާނު ބުނެފައިވާކަން ކައިދިން ހަނދާންވީ އަދިކިރިޔާއެވެ.
"ނުނައްޓާ ގޮތަކައްތަ ކައި ތިއުޅެނީ. ދެން ވެސް އަވަސްކޮށްގެން ބައްޕަ ނުދަނީސް އާދޭ ސައިބޯން." އީނާޝް އެހެން ބުނުމާއެކު އެނބުރި ހިނގައިގަނެއްޖެއެވެ. ކައިދިން ދެމިގަތީ ކޮޓަރި ތެރެއަށެވެ.
ކައިދިން ތައްޔާރުވެގެން ކާކޮޓަރިއާ ހަމައަށް އާދެވުނުއިރު ހަންނާނު މޭޒުދޮށުން ތެދުވަނީއެވެ. ބައްޕަ ބަލާލުމުން ނިކަން އަވަހަށް ކައިދިން ސޮރީއޭ ބުނެލިއެވެ. ނުހޭލެވުނީކަން ބުންޏެވެ. ސައިބޯން އިށީންނަން ހަންނާނު ބުނެލިއިރު އޭނާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. މިހެންކަންވާނީ މާކުރީން ވެސް ހަންނާނަށް އެނގޭތީއެވެ.
"ޒެން އަންނާނެ އިރުކޮޅަކުން." ހަންނާނު ބުންޏެވެ. ކައިދިން ހަމައެކަނި ބޯޖަހާލީއެވެ. ބައްޕަ ރުޅިއަރުވާކަށް ހަގީގަތުގައި އޭނާ ވެސް ބޭނުމެއްނުވެއެވެ. ބައްޕަ ރުޅިއަތުވެއްޖެނަމަ އޭނާގެ ޠަބީޢަތަށް އެކަމުގެ އަސަރުކުރާތީއެވެ.
ޒެހެން އަންނަންވާއިރަށް ކައިދިން ހުރީ ދޮރޯށި ކައިރިއަށް ނުކުމެވެ. ޒެހެންއާއެކު ސައިކަލުގައި ދެ ޒުވާނުން އޮފީހަށް އައެވެ. ސިމްއެއް ހޯދައިގެންކަން ފޯނު ކުރެވެން އޮތީ ކައިދިން ބުނުމުން އެކަން ކޮށްދޭނެކަން ޒެހެން ބުންޏެވެ. އޮފީހަށް ކައިދިން ވަންކަން މާހައުލަށް އައި ބަދަލުން އެނގިއްޖެއެވެ. ރިސެޕްޝަނުން ފެށިގެން ޒެހެންމެން ތިބޭ ކެބިންއާ ހަމައަށް އާދެވުނުއިރު އޭނާ އިޝާރާތެއްކޮށްނުލާ އަންހެންކުއްޖަކު ނެތެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ހުރި ގޮތުން އެމީހުންގެ ސަމާލުކަން ކައިދިން އަތުލައިފިކަން ޔަގީނެވެ.
"އޯ ވާއު!..." ކެބިންއަށް ޒެހެންއާއެކު ކައިދިން ވަން ވަގުތު އެތަނުން ނުކުމެގެން ދިޔަ އަންހެންކުއްޖާ ފެނިފައި ކައިދިން ބުނެލިއެވެ.
"ކަންތަކާ ލައިގަތީ. ކޭޑީ... ކައިރިނުވާތި." ނަހުޔާނު އިނދެފައި ބުނެލީ އިންޒާރެއް ފަދައިންނެވެ. ޒެހެން ޖަހާލީ ހިނިގަނޑެކެވެ.
"ދޮންބެގެ ސެކްރެޓަރީ. ހަމައެކަނި ދޮންބެގެ." ހިނިއައިސްފަ ހުރެ ޖުމްލައިގެ ފަހު ބަސްތައް ޒެހެން ކިޔާލީ ލަސްގޮތަކަށް އަކުރުތައް ފާހަގަވާނޭ ފަދަ ރާގެއްގައެވެ. ދެއަތުން ކޮމާކޯޅިތެރެއަށް އެބަސްތައް ލާފަދައިން އިޝާރާތުން ޒެހެން ދައްކާ ވެސް ލިއެވެ.
"އެހެން ދޯ... ކޮބާ މަށަށް." ކައިދިން އަހާލިއެވެ.
"އެ އިނާޔަތެއް ނެތް. ސަބަބު ޒެން ކިޔައިދޭނެ." ނަހުޔާނު ބުނެލިއެވެ. މިފަހަރު ޒެހެންގެ ހިނިގަނޑު ބާރުވެލިއެވެ.
"އަދިވެސް އެއީ ބޮސް. އަހަރެމެން އަލަށް ފަށައިގަންނަ މީހުންނަށް އޮތީ ބޮސްގެ ދަށުން މަސައްކަތް ކުރުން. ޚާއްޞަ އިނާޔަތްތައް އޮންނާނީ ބޮސްއަށް. އެއީ ކޭޑީގެ މޭޒު. މެންދުރު އޮންނާނެ ކެއުމެއް މިކޮޅުގަ. ހުރިހާ މުވައްޒަފުންނަށް ކޭޑީ ތަޢާރަފްކޮށްދޭން." ޒެހެން ވާހަކަދެއްކިއެވެ. އެ ކެބިންއަށް ވަންނައިރު ދޮރާ ދިމާއަށް ފެންނަ ހުންނަނީ ނަހުޔާނުގެ މޭޒެވެ. ކަނާއަތްފަރާތު ބިތުގައި ޒެހެންގެ މޭޒެވެ. ކައިދިންގެ މޭޒު ބަހައްޓާފައި ހުރީ ޒެހެން އިންނަ ދިމާއަށް ކުރިމަތިވާނޭ ގޮތަށެވެ.
ނަހުޔާނު މޭޒުދޮށުން ތެދުވިއެވެ. އޮފީސް ތެރޭ ހުރި ސޯފާގައި ތިން ޒުވާނުން އައިސް އިށީނެވެ. ގަޑިއަށް ފަރުވާތެރިވާންވާނޭކަން ބުނަމުން އޮފީހާ ބެހޭ ގޮތުން ވާހަކަދެއްކީ ނަހުޔާނެވެ. ތަނުގެ ތެރޭގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ހުރިކަން ނަހުޔާނު ބުންޏެވެ. ގަވައިދުތަކާއި އުސޫލުތައް ނަހުޔާނު ކިޔާދިނެވެ. ކައިދިން ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމާއެކު އޭނާގެ އުޅުމާމެދު ފަރުވާތެރިވާން ވެސް ނަހުޔާނު އެދުނެވެ. އޮފީހުގެ މާހައުލުގައި އަންހެން މުވައްޒަފުންނާއެކު ސަމާސާކުރުމުގައި ހައްދެއް އޮންނަންވާނޭކަން ނަހުޔާނު ބުންޏެވެ. ނޭދެވޭ ޢަމަލެއް އޮފީސް ތެރޭ ހިންގައިގެން ނުވާނޭކަން ވެސް އޭނާ ބުންޏެވެ. އޮފީހުން ބޭރުގައި ހިނގާ ކަމަކީ އޭނާއާ ބެހޭކަމެއްނޫންކަމާއި އަދި އެފަދަ ކަމެއް އޮފީހުގެ ތެރެއަށް ކައިދިންއާ ގުޅިގެން އައިސްގެން ނުވާނޭކަން ނަހުޔާނު ބުނިއިރު އެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ފިޔަވަޅެއް އަޅާން މަޖުބޫރުވާ ފަދަ ކަމެއް ނުކުރުމަށް ޒެހެން އެދުނީ އާދޭހެއް ފަދައިންނެވެ. ތަން ހިންގަން ތިބީ އެ ތިން މީހުންކަމަށްވާއިރު ވެރީން ޖެހޭނީ ދަށަށް ތިބޭ މުވައްޒަފުންނަށް ނަމޫނާ ދައްކާ ހަރުދަނާ ބަޔަކަށްވާންކަން ޒެހެން ނަސޭހަތްތެރިވިއެވެ. ނަހުޔާނާއި ޒެހެން އެފަދަ އެތައް ވާހަކައެއް ކައިދިންއާ ދައްކަން ޖެހުނީ އޭނާގެ އުޅުން ހުންނަ ގޮތް އެނގޭތީއެވެ.
ޒެހެންއަށް ހަންނާނު ގުޅީ އޭނާ ޔޫކް ބަލާ ސުކޫލު ދޮށަށް އައިސް އުޅެނިކޮށެވެ. އެހެންވެ ފަހުން ގުޅާނަމޭ ބުނެ އޭރު ކޯލު ކުރުކޮށްލީއެވެ. އެނބުރި އޮފީހަށް އާދެވުމުން ހަންނާނަށް ޒެހެން ގުޅިއެވެ. ހަންނާނު އެނގެން ބޭނުންވީ އޮފީހަށް ނުކުތް ފުރަތަމަ ދުވަހު ކައިދިންގެ ކަންތައް ހުރި ގޮތެވެ. މަސައްކަތާ ވެގެން އުޅޭތޯ ބެލުމެވެ. ޒެހެންމެން ބުނާ ގޮތް ކައިދިން ހަދާތޯ ބެލުމެވެ. ޒެހެން ދިނީ ހަންނާނު ހިތްގަމަޖެހޭ ފަދަ ޖަވާބެކެވެ. ކައިދިންގެ އުޅުން ކޮންމެ ގޮތަކަށް ހުއްޓަސް އޭނާއަކީ ކިޔަވައިގެން ހުރި ވިސްނުންތޫނު ޒުވާނެކެވެ. ކަންކަން ނުހަނު އަވަހަށް އޭނާ ނަގައިގަނެއެވެ. އިލްމީ ގޮތުން މޮޅު ޒުވާނެކެވެ.
ޒެހެންއާއެކު ގޮސް ސިމްއެއް ގަނެގެން ކައިދިންއާ ދެ މީހުން އެނބުރި އޮފީހަށް އައެވެ. އެކުވެރީންނަށް ވަޓްސްއެޕް މެދުވެރިކޮށް ނަންބަރު ފޮނުވާލިއެވެ. ހަވީރު ދިމާވެލަން ކައިދިން އެދުނެވެ. އެންމެ ފުރަތަމަ ވެސް އޭނާއަށް ޚަބަރުވީ ވިޝާނެވެ. އޭނާ ރާއްޖެ އަންނަން އެއަރޕޯޓުގައިކަން ހުރީ ބުނެ ސްނެޕް ކުރީއެވެ. މާލެ އެރުމާއެކު ކައިދިންއަށް ޚަބަރުވާނެކަން އޭނާ ބުންޏެވެ. މަޑުމަޑުން އެހެން އެކުވެރީންގެ މެސެޖުތައް ވެސް އަންނަން ފެށިއެވެ. ވިޝާނު ފިޔަވައި ދެން ތިބި އެންމެންހެން ތިބީ ކައިދިން ރާއްޖެ އައުމުން ގަބޫލުނުކުރެވިފައެވެ.
އުދަރެހުން ފާޅުވޭވޭ ހުރި ރަތުރަނުގެ ކުލަތައް ފަނޑުވެއްޖެއެވެ. އިރުއޮއްސެން އުޅޭކަން އަންގައިދެމުންނެވެ. މަގުމަތީ ހޭލަމޭލަވާ މީހުން މަދެއްނުވެއެވެ. ރެސްޓޯރެންޓުގެ ހާމަފެންޑާ ބަޔަށް ތިން ޒުވާނުން އެރިއެވެ. މޭޒުތައް ދޮށުގައި މީހުން މަދެއްނޫނެވެ. އެހެންވިޔަސް އެ ތިން މީހުންނަށް އިށީންނާނޭ މޭޒެއް ލިބުނެވެ. މޭޒު ކައިރި މަޑުކޮށްލި ވެއިޓަރު ގާތު ކޮފީ ގެންނަން ބުނުމާއެކު މުއާޒު ސިނގިރޭޓު ރޯކޮށްލިއެވެ. ކައިރީގަ ތިބި ކައިދިންއާއި ރިޝްވާނަށް އޭނާގެ ސިނގިރޭޓި ފޮށި ދިއްކޮށްލިއެވެ. އެ ދެމީހުން ވެސް ސިނގިރޭޓެއް ރޯކޮށްލިއެވެ. ކައިދިން ބުނުމުގެ ކުރީން ވިޝާން އަންނަކަން އެތަނުގައި އިން ހުސެން އެންމެން ކައިރީ ބުނެފިއެވެ.
"ރިއްޓެ ގޮވައިގެން ތަނަކަށް އެރޭ ވަރެއްނޫން." މުއާޒު އިނދެފައި ބުންޏެވެ.
"ސޮރީ މޭން. ވައިފް އޮފީސް ނިމޭގަޑިވީމަ. އޭނަ ގެއަށް ލާފަ ދޯ މަށަށް އާދެވޭނީ." ރިޝްވާނު ބުންޏެވެ.
"ކޭޑީ. ކައި މަންޖެގަނޑެއް ނުހޯދަންތަ؟" ރިޝްވާނު ބަލާލީ ކައިދިންއަށެވެ.
"އަދިވެސް ހަނދާނުން ނުފިލަނީތަ؟" މުއާޒު އިނީ ލާނެތް ހިންޏެއް އައިސްފައެވެ. ހުތުރު ބަހަކުން އެކުވެރިޔާއަށް ކައިދިން ގޮވާލިއެވެ. ހިމޭންވާން ކައިދިން ބުނެލީ އިންޒާރެއް ދިން ފަދައިންނެވެ. މުއާޒު ބުނެލީ މާބޮޑު މާނައެއް އޮތް އެއްޗެއްނޫންކަން ބުނެދޭން ރިޝްވާން އަވަސްވެލިއެވެ. ކައިދިން ދޭ އިންޒާރަކީ ސަމާސާއަކަށް ނުވާނޭކަން އެތަނުން ކޮންމެ މީހަކަށް ވެސް އެނގެއެވެ. ހުސެން އަވަހަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ހަގީގަތުގައި އެތަނުގައި ކައިދިންއާ އަޅާކިޔޭނޭ އެއްވެސް ޒުވާނަކު ނެތެވެ. ޢިލްމީ ގޮތުން ބެލިޔަސްއެވެ. އާރާ ބާރުގެ އިތުރުން ތަނަވަސްކަމުގެ ގޮތުން ބެލިނަމަވެސް އެވެ. ދިގު އިސްކޮޅާއި ހަށިގަނޑުގެ ބިޔަކަމަށް ބެލިޔަސް އޭނާގެ އަތްދަށުން ސަލާމްވުން ފަސޭހަކަމަށްނުވާނެއެވެ. އެކުވެރީންގެ އެއްވުންތަކުގައި ޚަރަދުކުރާ މީހަކީ ވެސް އޭނާއެވެ. އެކުވެރީން އެދުނު އެއްވެސްކަމެއް އޭނާ ނުކޮށްދީއެއް ނެތެވެ. އެންމެން ކައިދިންއަށް އެހާ ބޮޑު ގަދަރެއް ކުރަނީ އެހެންވެއެވެ.
މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލަށް ޒެހެން އެރުމާއެކު ފަހަތަށް ޖަހާލަމުން މަގުމައްޗަށް ނެރުނެވެ. ސައިކަލު ފަހަތަށް ހޫރައިން އެރީ ދެނެވެ. ފިރިމީހާއާ ދެ މީހުން ކުދީން ނިންދަވާފައި ނުކުތީ އެކުގައި ވަގުތު ހޭދަކޮށްލުމަށެވެ. މަގުމަތިން މީހަކު ގޮވާލިހެން ޒެހެންއަށް ހީވިއެވެ. އަވަސް ނަޒަރެއް ދިނެއްކަމަކު ލޮލުގައި ދަންނަ މީހަކު އަޅައެއް ނުގަތެވެ. އެހެންނޫނަސް ހޫރައިންއާއެކު އުޅޭ ވަގުތެއްގައި އޭނާއަށް ރަނގަޅީ ރައްޓެއްސަކާ ދިމާނުވެއްޖެއާއެވެ. މަޑުކޮށްގެން އަނގަތަޅަން ވަގުތުތަކެއް ބޭކާރުކުރާން ނޭދޭތީއެވެ. ދުއްވަމުން ދިޔަ ސައިކަލު ޒެހެން މަޑުކުރީ ފޯނުކޯލެއް އަންނަވަރުންނެވެ.
ގެއަށް ދިއުމުގެ ބަދަލުގައި ކައިދިންއާއި ދެންތިބި އެކުވެރީން ގަސްދުކުރީ މުއާޒު އުޅޭ އެޕާޓްމެންޓަށް ދާށެވެ. އޭނާ އުޅެނީ އެކަނިވީމަ އެތަނުގައި ހުރިހާ އެކުވެރީންނަށް މިނިވަންކަމާއެކު ތިބެވޭނެކަން އެނގޭތީއެވެ. ކައިދިންގެ ލޮލުގައި މަގުގެ ކޮޅުން އަންނަ ސައިކަލު އަޅައިގަތެވެ. އޭނާއަށް ޒެހެން ފެނުނީ ދެނެވެ. ފަހަތުގައި މޫނުބުރުގާ އަޅައިގެން އިން އަންހެންކުއްޖާ ވެސް މެއެވެ. (ނުނިމޭ)