މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިންގެ ވަފުދެއް އިންޑިއާއަށް ވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ވަފުދު ވަޑައިގެންނެވީ އިންޑިއާގެ ޓުޓިކޮރިން އަށެވެ.
އެ ވަފުދުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ، އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު އަމީޒު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ތޮލްހަތް ސައީދު އަދި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު މަސީހު އަބްދުލް ސައްތާރު ހިމެނިލައްވަ އެވެ. އަދި މީގެ އިތުރުން ކަސްޓަމްސްގެ 2 އޮފިޝަލެއް ވެސް ބައިވެރިވެ އެވެ.
މި ދަތުރުގައި، އެމްޕީއެލްގެ ވަފުފުން ވަނީ އިންޑިއާގެ ކޯސްޓަލް މެކެނައިޒް ސެއިލިންގ ވެސަލްސް އޯނަރސް އެސޯސިއޭޝަންއާއި އެކު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ.
އެ އެސޯސިއޭޝަނަކީ، ރާއްޖެއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ފެރިޝަބަލް ގުޑްސް) އެތެރެކުރާ ފަރާތްތައް ހިމެނޭ އެސޯސިއޭޝަނެ ކެވެ. ރާއްޖެއަށް ޓުޓްކޮރިން ރޫޓުން، ކާބޯތަކެތި އެތެރެކުރާތާ 200 އަހަރުވީ މާޒީއެއް އޮތް އިރު ރާއްޖެއަށް އެތެރެކުރާ ޕެރިޝަބަލް ގުޑްސްގެ 90 ޕަސެންޓް އެތެރެކުރަނީ ވެސް ޓުޓްކޮރިންއިންނެވެ. މައިގަނޑު ގޮތެއްގައި އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ،އަލުވި އަދި ބިހެވެ.
އެ އެސޯސިއޭޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް މުދާ ގެންދިއުމުގައި ހުންނަ ދަތިތަކާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި ފެށޭ ރޯދަ މަހާއި ދިމާކޮށް، ސަޕްލައި އަށް ހުއްޓުމެއް އަޔަނުދީ ދަތުކުރާ ފަރާތްތަކަށް ދިމާވާ ކަންކަމާއި ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ޕޯޓުގެ ތެރޭއަށް އަންނަ މުދާ ކަސްޓަމަރުންނަށް ލަސްކަމެއް ނައިސް ފޯރުކޮށްދިނުން ކަމަށެވެ.