ރާއްޖެ ކުޅިވަރު

ސެމީ އަށް ނުގޮސްފިނަމަ އެއީ ބޮޑު ލަދުވެތިކަމެއް: ނޭޕާލް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް މާދަމާ ނޭޕާލް ކަޓައިފިނަމަ އެއީ ވަރަށް ބޮޑު ލަދުވެރިކަމެއް ކަމަށް ނޭޕާލްގެ ނޫސްވެރިން ސިފަކޮށްފި އެވެ.

"އެއްވެސް ޝައްކެތްނެތް. މިކަންވާނީ ވަރަށް ބޮޑަށް މާޔޫސްވެ އަދި ބޮޑު ލަދުވެތިކަމަކަށް. މިކަމުން ސަލާމަތްވުމަށް ސެމީ ފައިނަލަށްދާންޖެހޭ،" ނޭޕާލްގެ ކޮލަމިސްޓަކު ލިޔެފައިވެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ އަތުން 1-0އިން ބަލިވުމުން ނޭޕާލަށް ސެމީ އަށް ދެވޭނީ މާދަމާ އިންޑިޔާ ބަލިކޮށްގެންނެވެ.

ނޭޕާލްގެ ކޯޗު ބެލްޖިއަމްގެ ޕެޓްރިކް އައުސެމްސް ބުނީ އޭނާގެ ޓީމު މެޗަށް 200 ޕަސެންޓް ދޭންޖެހޭ ކަމަށެވެ.

"ޔަގީން ފުރުސަތު އެބައޮތް. އަހަރުމެން ލަންކާއާ ދެކޮޅަށް ވެސް މޮޅަށް ކުޅެ ފުރުސަތު ހޯދިން. މި މެޗުގައި ވެސް އެކަން ކުރަންޖެހޭ. އެމެޗުގައި ލަނޑު ނުޖެހުނަސް މި މެޗުގައި އެހެން ނުވާނެ ކަމުގެ ޔަގީންކަން ފޯވަޑުންގެ ވިސްނުމުގައި ހުންނަޖެޭ. އަަހަރެން ބުނިން ފޯވަޑުން ގާތު އެހާބޮޑަށް ނުވިސްނާށޭ. އެމީހުން ޖަވާބުގައި ބުނީ އާނއެކޭ. އަހަރުމެން ލަނޑު ޖަހާނަމޭ،" ކޯޗު ބުންޏެވެ.

މިއަދުގެ މެޗު އެއްވަރުވި ނަމަވެސް ނޭޕާލް ކަޓާނެ އެވެ.