ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭން "އިންޑިޔާ ފަސްޓް" ޕޮލިސީ ނަގަހައްޓާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިންޑިޔާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަރު ސުބްރަމާނިއަން ޖަޔަޝަންކަރު މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ވިލެޖުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެ އާއި އިންޑިޔާއާ ދެމެދުގައިވާ ދޭދޭ ގާތް ރަހްމަތްތެރި ގުޅުން ފާހަގަ ކުރައްވައި ދެ ގައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ގައުމަށްވެސް ފައިދާވާނެހެން ބައިނަލްއަގުވާމީ މައިދާނުގައި މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހި ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ގައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި، އިންޑިޔާގެ "ނެއިބާހުޑް ފާސްޓް ޕޮލިސީ" ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގައި އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއިން "އިންޑިޔާ ފާސްޓް" ޕޮލިސީ ނަގަހައްޓާނެ ކަމަށާއި އިންޑިޔާ އާއެކު އޮތް ގާތް ގުޅުން ވަރުދަގަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ދެ ގައުމުންވެސް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުންނާއި ދެ ގައުމުގެ ފަތުރުވެރިކަމާއި އިޖްތިމާއީ އިގްތިސާދީ ތަރައްގީ އާއި ސިއްހީ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި މީހުން ބިނާކުރުމުގެ ދާއިރާ އާއި ސަރަޙައްދީ ރައްކާތެރިކަން ގާއިމްކުރުމާއި ބައިނަލްއަގްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް އިންޑިޔާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރައްވައި އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއް ކަމުގައި ވިދާޅުވެފައެވެ.