އައްޑޫ ސިޓީގެ މަރަދޫ ބަނދަރާއި އެ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިފި އެވެ. މި ދެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މަރަދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މި ދެ ބަނދަރު ހުޅުވައިދެއްވުމަށްފަހު ވަނީ މި ބަނދަރުތައް އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.