ސާފް ސުޒުކީ ކަޕުގައި ސްރީލަންކާ އަތުން 2-0އިން އިންޑިޔާމޮޅުވި މެޗުގައި ދެ ލަނޑު ވެސް ޖެހި ފޯވަޑް ރޮބިން ސިންގް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ސިންގްގެ ފަޔަށް އަނިޔާވެ އޭނާ މެޗު ނިމުމާއެކު ޓްރިވެންޑްރަމުގެ ކިމްސް ހޮސްޕިޓަަލަށް ގެންގޮސް ވަނީ ފައިގެ ސްކޭންތައް ހަދައިފަ އެވެ. އޭނާ ދޫކޮށްލީ ފައިގެ ތަދު ރަނގަޅުވިއިރު އިތުރު އެއްވެސް ގެއްލުމެއް ނެތްކަމަށް ސްކޭންތަކުން ދެއްކުމުންނެވެ. މިހެންވެ މިއަދު އިރުއޮއްސޭއިރު ނޭޕާލާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗުގައި ސިންގް ކުޅޭނެ އެވެ.
އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ބުނީ ސިންގް ވެއްޓި އަނިޔާނުވުމުން އުފާކުރާ ކަމަށެވެ.
"އޭނާގެ ބަރުދަނަކީ 91 ކިލޯ. މިހެންވީމަ ފަހަރުގައި މެޗުތެރޭގައި ވެއްޓި އޭނާ އަށް އަނިޔާނުވުން ވެސް އެކަށީގެންވޭ. އޭނާ އަށް ކުޅެވޭތީވެ އަހަރެން އުފާކުރަން،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ނޭޕާލަކީ އަބަދުވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ. މިހެންވެ ވަރަށް ރަނގަޅަށް މެޗަށް ފަރުވާތެރިވެގެންނޫނީ އިންޑިޔާ އަށް ކާމިޔާބު ހޯދަން އުނދަގޫވާނެ ކަމަށެވެ.
މިއަދުގެ މެޗު އެއްވަރުވިޔަސް ނޭޕާލް ކަޓައި ސެމީ އަށް ދާނީ އިންޑިޔާ އާއި ސްރީލަންކާ އެވެ. ނޭޕާލަށް އޮތް ހަމައެކަނި ގޮތަކީ މެޗުން މޮޅުވުމެވެ. އެއިރުން އެ ޓީމާއެކު ސެމީ އަށް ދާނެ ޓީމެއް އެނގޭނީ ނޭޕާލް މޮޅުވާ ނަތީޖާ ފަރަގަށް ބަލާފަ އެވެ.